ކޯލިޝަން ސަރުކާރު ދެމެހެއްޓުމުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ދެމި އޮންނާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެމްއާރްއެމްގެ ފުރަތަމަ އަހަރީ ދުވަހާ ގުޅިގެން އެ ޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނީ، އެމްއާރުއެމް އުފެދިގެން އައީ ގައުމީ މުހިންމު އިސްލާހީ ހަރަކާތްތަކެއްގެ ތެރެއިން ކަމަށެވެ. އަދި ޕާޓީގެ އެންމެ މުހިންމު އަސާސަކީ ރާއްޖެއަކީ އިސްލާމްދީނުގެ އަގީދާގެ މައްޗަށް ބިނާވެފައިވާ އިސްލާމީ ގައުމެއްގެ ގޮތުގައި ދެމެހެއްޓުމާއެކު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް އެކަންކަމަށް ބޭރުގެ އެއްވެސް ނުފޫޒެއް ނުފޯރުވޭ ގޮތަށް ދިވެހީންގެ ފުރިހަމަ ބާރުވެރިކަމުގެ ދަށުގައި ރާއްޖެ ދެމެހެއްޓުން ކަމަށް ބުންޏެވެ.
ގައުމީ މި މަސައްކަތުގައި އެންމެ މުހިންމު ކަމަކީ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން އިސްލާހަށް ކުރެވޭ މަސައްކަތްކަން ފާހަގަކުރައްވައި ބަޔާނުގައި ބުނީ، ދައުލަތް ހިންގުމުގެ ތިން ބާރު ވަކިކުރެވިފައިވާ ނިޒާމެއްގެ ދަށުން، ގާނޫނީ ހުކޫމަތް ދެމެހެއްޓުމާއި އަދުލު އިންސާފު ކަށަވަރުކުރުމާއި ވައްކަމާއި ކޮރަޕްޝަން ހުއްޓުވުމާއި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމާއި މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމާއި އަންހެނުންނާއި ކުޑަކުދިންނާއި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކާއި ދޮށީ އުމުރުގެ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަކީ އެމްއާރުއެމްގެ އަސާސްތައް ކަމަށެވެ.
އެމްއާރުއެމްގެ ބަޔާނުގައި އިތުރަށް ބުނީ، އެޕާޓީއަކީ މިއަދުގެ ކޯލިޝަން ސަރުކާރުގެ މުހިންމު ބައިވެރިއަކަށް ވީހިނދު، ސަރުކާރަށް ތާއީދުކޮށް ކޯލިޝަން ސަރުކާރު ދެމެހެއްޓުމުގައި ގައުމީ މަސްލަހަތު އިސްކޮށް ރައްޔިތުންނަށް ހިދުމަތްކޮށްދިނުމަށް އެމްއާރުއެމުން ސަރުކާރާއެކު ދެމި އޮންނާނެ ކަމަށެވެ.
"ހަގީގަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިންތިހާބު ކުރުމުގައި، އެމްއާރްއެމް އިން ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާނެ،" އެމްއާރުއެމްގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު