ސްރީލަންކާއަށް ދިވެހި ކަނޑުމަހުގެ ބާވަތްތައް އެތެރެކުރުމުގައި ހުރަހެއް ނެތްކަމުގެ ޔަގީންކަން ލަންކާއިން ދީފައިވާ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ލަންކާ ސަރުކާރުން އެގައުމަށް މަސް އެތެރެކުރުމުގެ ސިޔާސަތުތަކަށް ގެނައި ބަދަލުތަކާ ގުޅިގެން ލަންކާއަށް އެތެރެ ނުކުރެވި، މަހުގެ ޝިޕްމަންޓެއް މިމަހު ކަސްޓަމްސްގައި ތާށިވެފައި ހުއްޓެވެ. ނަމަވެސް ފަހުން އެ ޝިޕްމަންޓު ލަންކާއަށް އެތެރެކުރުމުގެ ހުއްދަ ވަނީ ލިބިފައެވެ.

ހއ. ހޯރަފުށީ އެއާޕޯޓު ހުޅުވުމަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ހިކި ކަނޑުމަހާއި، ލޮނުމަސް، ސިލޯނަށް އެތެރެކުރުމަށް ހުރަސްތަކެއް ހުރިކަމުގެ ވާހަކައާއެކު ފޮރިން މިނިސްޓްރީން އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ރާއްޖެއިން ލަންކާއަށް ދައްޗެއް ނެތި މަސް އެތެރެކުރެވޭނެކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށެވެ.

"ސިލޯނުގެ ކަސްޓަމްސް އިން ފޮނުއްވާފައި އޮތް ސިޓީއެއް އެބައޮތް އަޅުގަނޑަށް ލިބިފައި. އެ ސިޓީގައި އޮތީ ސިލޯނުގެ ފިނޭންސް މިނިސްޓްރީއާ ހަވާލާދެއްވައި، ރާއްޖޭގެ އެކަހަލަ ހިކި ކަނޑުމަހާއި ލޮނުމަސް އެތެރެކުރުން މަނާކުރާ އެއްވެސް ޕޮލިސީއެއް އަދި ސިލޯނުގެ ސަރުކާރުގައި ނެތް ވާހަކަ. އެހެންކަމުން، އިރާދަކުރެއްވިއްޔާ އެކަމަށް ދައްޗެއް ނެތި ރާއްޖޭގެ މަސްވެރިންގެ މަސް ސިލޯނަށް އެތެރެކުރެވޭނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު މިހާރުވަނީ އަޅުގަނޑުމެންނަށް ދެއްވާފައި،" ރައީސް ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލަންކާއަށް އިމްޕޯޓްކުރާ ދިވެހި ކަނޑުމަހުގެ ބާވަތްތައް އެގައުމަށް އެތެރެކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެކަމުގެ ޔަގީންކަން ލަންކާ ސަރުކާރުން ދީފައިވާ ކަމަށެވެ.

ރާއްޖޭގެ ކަނޑުމަހުގެ ބާވަތްތައް އެއްވެސް ހުރަހެއް ނެތި ލަންކާއަށް އެތެރެ ކުރެވޭނެކަމުގެ ޔަގީންކަން، މިދިޔަ މަހު ވެސް ލަންކާ ސަރުކާރުން ދިވެހި ސަރުކާރަށް ދީފައިވެއެވެ. ނަމަވެސް ރާއްޖެއިން ލަންކާއަށް އެތެރެކުރާ މަހުގެ ބައެއް ބާވަތްތަކުން ޑިއުޓީ ވަނީ ބޮޑުކޮށްފައެވެ.