ކުޅިވަރު

އައިއޯއައިޖީގެ ބޮޑު ކާމިޔާބީއާއި އައިއޯޖީ ރާއްޖޭގައި ބޭއްވުން، ރައީސް ސޯލިހުގެ ދުރުވިސްނުންފުޅެއް

ސަރުކާރަށް ދެއަހަރު ފުރި، ސަރުކާރުގެ ކާމިޔާބީތަކުގެ ވާހަކައާއި، ސަރުކާރުން ހާސިލް ކުރި ކަންކަމުގެ ވާހަކަ މިއަންނަނީ އެކިއެކި ޕްލެޓްފޯމްތަކުގައި ދެކެވެމުންނެވެ. ހާއްސަކޮށް އުމްރާނީ އަދި އިޖުތިމާއީ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު ގެނެސްދިން ބަދަލުތަކުގެ ވާހަކަ ފާހަގަވެސް ކޮށްލެވެއެވެ. ވަކި ދާއިރާއަކުން އެކަންޏެއް ނޫނެވެ. ކުޅިވަރާއި، އިޖުތިމާއީ ދުޅަހެޔޮ ކަމުގެ ތެރެއިންނެވެ. އާންމު މަސްލަހަތާއި، ސިއްހަތުގެވެސް ތެރެއިންނެވެ. ވަސީލަތްތައް އިތުރުވެ، އިންފްރާސްޓްރަކްޗާގެވެސް ކާމިޔާބު ދެ އަހަރުގެ ގޮތުގައި، މި ވެރިކަމުގެ ފުރަތަމަ ދެ އަހަރު ގުނައިލެވެ އެވެ.

އިންފްރާސްޓްރަކްޗާއާއި ހެޔޮ ބަދަލުގެ ވާހަކަ ދައްކަން ފަށައި، އެންމެ ފުރަތަމަ ދައްކަން ޖެހޭނީ ކުޅިވަރުގެ ވާހަކައެވެ. ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަކީ މި ފަހުގެ ތާރީހުގައި، ކުޅިވަރު އެނގިގެން ކުޅިވަރު ތެރެއަށް ވަދެ ކުޅިވަރުގެ މީހުންނާ ގާތުން މިނިސްޓްރީ ހިންގެވި ހަމައެކަނި ވަޒީރު ކަމަށްވެސް ބުނެވިދާނެއެވެ. އޭގެ ސަބަބުން ކުޅިވަރު ކުޅިވަރަކަށް ނުވެ، ކުޅިވަރަކީ ގައުމުގެ ގައުމިއްޔަތުގެ ބަޔަކަށްވުމަށް އަނެއްކާވެސް މިސްރާބު ހިފައިފިއެވެ. ކުޅިވަރަކީ ސިޔާސީ ފިކުރަކަށް ނިސްބަތްވެފައިވާ ކަމަކަށް ވެފައި އޮތް އޮތުން އަންނަނީ ފަނޑުވަމުންކަން އެތުލީޓުންނާއި ކޯޗުންވެސް ފާހަގަކޮށްފައި ވެއެވެ. ގައުމީ ރޫހަކީ ކުޅިވަރުގެ ތެރެއިން ގެނެސްދެވޭނެ އެއްޗަކަށް ހެދުމަށް ނުހަނު ބޮޑު މަސައްކަތްތަކެއް މި ސަރުކާރުގެ ފުރަތަމަ ދެ އަހަރުގައި ކޮށްފައިވާއިރު، އޭގެ ތެރެއިންވެސް ގައުމިއްޔަތާއި ކުޅިވަރުގެ ގުޅުން އެންމެ ބޮޑަށް ފެނުނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، (އައިއޯއައިޖީ) އިންނެވެ.

އައިއޯއައިޖީ 2018 އަށް ރާއްޖޭގެ އެތުލީޓުންނާއި ކޯޗުން، އަދި އޮފިޝަލުންނާއި ޓެކްނިކަލް ހުރިހާ ފަރާތްތަކެއް މޮރިޝަސްއަށް ދިޔައީވެސް އުންމީދުގައެވެ. އަނބުރާ އައީ އެ އުންމީދުތަކުގެ އިތުރަށްވެސް ހާސިލް ކޮށްގެންނެވެ. މިދިޔަ ދެ އަހަރު ބައިނަލްއަގުވާމީ މުބާރާތްތަކުގައި ޖުމްލަ 38 މެޑަލް ހޯދާފައި ވެއެވެ. އެގޮތުން 12 ރަން މެޑެއްޔާއި، ހަތް ރިހި މެޑަލް އަދި 19 ލޯ މެޑަލް ރާއްޖެއިން ވަނީ ހޯދައިފައެވެ. އޭގެ ތެރެއިން ގިނަ މެޑަލްތަކަކީ އައިއޯއައިޖީން ރާއްޖެއަށް ގެނެސްދިން މެޑަލްތަކެވެ. މުޅި ގައުމުގެ އެތައް ބަޔަކަށް 2018 ވަނަ އަހަރުގެ އައިއޯއައިޖީން އުންމީދުތަކެއް ގެނެސްދިނެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑު އުންމީދަކަށްވީ މިއަދުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ގައުމީ އެތުލީޓުންނަށްޓަކައި މޮރިޝަސްއަށް ވަޑައިގެން، ހިތްވަރު ދެއްވުމުގައި ހޭދަކުރެއްވި އެތައް ވަގުތެވެ.

2018 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި ގޭމްސްގައި ރައީސްގެ ހިތްވަރުފުޅު ފެނިގެން ދިޔައެވެ. ކުޅިވަރު ކުޅުއްވުމުގައި ފާހަގަކޮށްލެވޭ ރައީސް ސޯލިހް 2018 ވަނަ އަހަރު މޮރިޝަސްގައި ފެނުނީ މެޗުތައް ބެއްލެވުމުގައި އެތައް ގަޑިއިރެއް ހޭދަކުރައްވައި، ސީދާ ކުޅުންތެރިންނާ ގާތުން ހިތްވަރު ދެއްވިތަނެވެ. އެ މަންޒަރުވީ މުޅި ރާއްޖޭގެ ކުޅިވަރަށް ދިރުން ގެނުވި މަންޒަރަކަށެވެ. ރައީސް ގިނަ މެޗުތަކަކަށް ވަޑައިގެން، ގިނަ އިރުތަކެއް ވަންދެން ހިތްވަރު ދެއްވުމުގައި ހޭދަކުރެއްވިއެވެ. މިވީހާތަނަށް ރާއްޖޭގެ ރައީސެއްގެ ފުށުން އެފަދަ ކޮމިޓްމަންޓެއް ކުޅުންތެރިންނަށް ދެއްވިތަން ފެނިފައި ނުވާކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ. އަދި ހާއްސަކޮށް ބައިނަލްއަގުވާމީ މުބާރާތަކުން ވަނަ ހޯދި ނަމަވެސް، މިނިސްޓަރެއްގެ ފަރާތުން، ރައީސެއްގެ ފަރާތުން މެޑަލްއެއް އަޅުވައިލުމުގެ ފުރުސަތު ކުރިން ލިބިފައެއް ނުވެއެވެ.

އެއީ 2018 ވަނަ އަހަރުގެ އައިއޯޖީން ސަރުކާރު ހޯދި ކާމިޔާބީއެވެ. އެ ކާމިޔާބީއާއެކު ކުޅިވަރުގެ ރޫހަށް ދިރުން ގެނުވިއެވެ. އެ ކާމިޔާބީތައް ވެގެން ދިޔައީ ވަކި ކުޅިވަރަކަށް ބެލުމެއްނެތި، ހުރިހާ ކުޅިވަރެއްގެ އެތައް ކަމެއް ރަނގަޅު ކުރުމަށް ސަރުކާރަށް ލިބުނު ބޮޑު ހިތްވަރަކަށެވެ. އެ ހިތްވަރުން ގެނައި އިންގިލާބީ ބަދަލަށް ދިޔުމުގެ ބަދަލުގައި، 2023 އަށް ގެނައި ކާމިޔާބީ އަދި މާބޮޑެވެ. ރާއްޖެއިން 2018 ވަނަ އަހަރުގެ އައިއޯއައިޖީ ނިންމާލާފައި އައީ 2023 ވަނަ އަހަރުގެ މުބާރާތް ބޭއްވުމަށް ބިޑް ކާމިޔާބު ކޮށްގެންނެވެ. އެއީ މިހާތަނަށް ކުޅިވަރުގެ ތާރީހުގައި ދިވެހީންނަށް ލިބިގެން ދިޔަ އެންމެ ބޮޑު އެއް ކާމިޔާބެވެ.

ސީދާ ރައީސްގެ ވިސްނުންފުޅެއް ކުޅިވަރަށް އަންނާނެ އެންމެ ބޮޑު އިންގިލާބު

2023 ވަނަ އަހަރުގެ އައިއޯއައިޖީ ރާއްޖެ ގެނައުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ހުވަފެންފުޅެކެވެ. އެއީ އިއްޔެއަކު މިއަދަކު އެމަނިކުފާނު ދެކެވަޑައިގެންނެވި ހުވަފެންފުޅެއ ނޫނެވެ. ރައީސް އެކަމާ އުޅުއްވާތާ އަހަރުތަކެއް ވެއްޖެއެވެ. އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގް (މަރޭ) ވިދާޅުވެފައިވާ ވާހަކަތަކުންވެސް އެކަން ސާފެވެ.

"ގޭމްސްގެ ވާހަކަ އެންމެ ބޮޑަށް ދައްކާނީ އަޅުގަނޑު. 2010 ވަނަ އަހަރު، 2015 ވަނަ އަހަރުގެ ގޭމްސް ބާއްވަން ފުރުސަތު އޮތްކަން އަޅުގަނޑުމެންނަށް އެނގިގެން ދިޔަ. އެހިސާބުން އޭރުގެ ރައީސް މުހައްމަދު ނަޝީދަށް އެވާހަކަ ދެންނެވިން. އެހިސާބުން ޓީމެއް ނަގައިފަ ބިޑް ކުރުމުގެ ކަންކަން ކުރިއަށް ގެންދަން ފެށި. އޭރު އަޅުގަނޑާއެކު މަސައްކަތް ކުރެއްވި މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެސް. ސީޝެލްއަށްވެސް ވަޑައިގެންނެވި މިހާރު އެމްއެމްޕީއާރްސީގެ އެމްޑީ ތައްޔިބު، އޭރުގެ ޓޫރިޒަމް މިނިސްޓަރު، މިހާރު ޕާލިމެންޓް މެންބަރު ހަސަން ލަތީފްވެސް. އެބޭފުޅުންނަށް އެނގި ލައްވާނެ މިއީ ކިހާވަރެއްގެ ކަމެއްކަން. މާ ކުރީންވެސް ރީޔޫނިއަންއިން ތައްޔާރުވެފައިވެސް އޮތީމާ އޭރު ނުލިބުނީ. ފަހުން މޮރިޝަސްގައި ބޭއްވި ގޭމްސްއަށްވެސް ފުރުސަތު ލިބުނު، އޭރު ސަރުކާރުން ބެކިންއެއް ނުލިބުނު. ދެން 2018 ވަނަ އަހަރު ފުރުސަތު ލިބުނީ އަނެއްކާވެސް، ރައީސަށް އެވާހަކަ ދަންނަވަން ވާހަކަ ނުފެށެނީސް، ވިދާޅުވެއްޖެ މަރޭ ހިނގާށޭ ތިކަން ކުރަން. އެއީ 2011 ވަނަ އަހަރުން ފެށިގެން ރައީސަށް އެނގިވަޑައިގަތް އެއީ ކޮން ކަމެއްކަން،" މަރޭ ވިދާޅުވިއެވެ.

ރައީސަށް އައިއޯއައިޖީން ކުޅިވަރަށް އަންނާނެ ތަރައްގީ މާދުރުންވެސް ސާފެވެ. އެ ތައްޔާރީތަކަށް ޕްލޭންވެސް އޮތީ ކުރައްވައިފައެވެ. އިންފްރާސްޓްރަކްޗާ ބިލްޑް ކުރަން ޖެހޭނެ ގޮތްތައް ރައީސް އޮތީ މާކުރިން ނިންމަވައިފައެވެ. ޓްރާންސްޕޯޓޭޝަން ނެޓްވޯކަށް ސަރުކާރުން އޮތީ ޕްލޭން ހައްދަވައިފައެވެ. ކޮންތަންތާކު ބައިތިއްބަން ޖެހޭނީ ކޮންބައެއްކަމާއި 3200 އެނދު ބޭނުންވާ ކަމާއި، 1900 އެނދު މާލެ ސަރަހައްދުން ލިބޭކަންވެސް އޮތީ ހޯއްދަވައި ބައްލަވައިފައެވެ. ބިޑާއެކު އަތޮޅު ތެރޭގެ އިންފްރާސްޓްރަކްޗާގެ ވާހަކަ މިނިސްޓަރު މަހުލޫވެސް ވަނީ ދައްކަވައިފައެވެ.

ގޭމްސްއަކީ ރާއްޖޭގެ ކުޅިވަރުގެ އިންގިލާބީ ބަދަލަކަށް ރައީސް ގެންގުޅުއްވާ ސާފު ވިސްނުންފުޅެކެވެ. އެކަމާ މުޅި ކުޅިވަރު އާއިލާ އެއްބަހެވެ. ކަން ދިމާކުރި ގޮތުން މިއަހަރު އެ ތައްޔާރީތައް ހުއްޓުވާލީ ކޮވިޑް 19 ގެ ނުރައްކާތެރި ޕެންޑަމިކެވެ. ދުނިޔެ ހުއްޓުވައިލި ވައިރަހާއެކު ރާއްޖޭގެ އައިއޯއައިޖީގެ ތައްޔާރީތަކަށްވެސް ހުރަސް އެޅިގެން ދިޔައީއެވެ.

ގޭމްސް 2023 ގައި ބާއްވަން އުނދަގޫ، އެހެންނަމަވެސް ސަރުކާރަށް އިތުބާރު ބޮޑު

"މުޅި ދުނިޔެއަށް ކޮވިޑު ޖެހުނުއިރު ރާއްޖެއަކީ އޭގެ އިމްޕެކްޓް، އިކޮނޮމިކަލީ އެންމެ ބޮޑަށް ކުރި ގައުމު. އަޅުގަނޑުމެން މި ފެސިލިޓީތައް ޑިވެލޮޕްކޮށް، މުޅި ގޭމްސް ރާވައި ހިންގަން ވަގުތެއް ވެސް ނެތް. މި ދަނޑިވަޅުގައި އަޅުގަނޑުމެންގެ އެތަކެއް ޒުވާނުންގެ ވަޒީފާތައް ގެއްލި، އެތައް ބައެއްގެ އާމްދަނީ މަދުވެ ވިޔަފާރިތަކަށް އޭގެ އަސަރުކޮށްފައިވަނިކޮށް، ވަކިން ފޯކަސްކޮށްގެން މިވަރުގެ ބޮޑު ގޭމެއް 2023 ގައި ބާއްވަން އުޅުމަކީ ރަނގަޅު ކަމެއް ނޫން، މި ދެންނެވީ ވަގުތު ނެތުމާ އެކީ އަދި އިގްތިސޯދު އޮތްގޮތުން ނުވާނެކަމެއް،" އައިއޯއައިޖީ 2023 ގައި ބާއްވަން ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަހުލޫފު ވިދާޅުވިއެވެ.

އެއީކީ އެއްވެސް ހާލެއްގައި ގޯސް ވާހަކައެއް ނޫނެވެ. ސަރުކާރުން އެދުނީ ގޭމްސް ފަސްކޮށްދިނުމަށެވެ. އެއްވެސް ހާލެއްގައި ރާއްޖޭގައި ގޭމްސް ނުބާއްވަން ސަރުކާރުން ވިސްނާފައެއް ނެތެވެ. އަދި އެފަދަ ގޭމްސްއެއް ބާއްވަން ލިބި، މިއަދުގެ ސަރުކާރުން ދޫކޮށްލަން ބޭނުން ނުވާނެކަން ވަރަށް ސާފުކޮށް ވަނީ ބުނެދީފައެވެ.

ގޭމްސް 2023 ގައި ނުބާއްވަން ވިސްނާ ވިސްނުމަކީ ކޮންމެހެންވެސް އަލުން ވިސްނަން ޖެހޭ ވިސްނުމަކަށް ވެދާނެއެވެ. 2025 ވަނަ އަހަރަށް ގޭމްސް ފަސްކޮށްދޭން ރާއްޖެއިން އެދުނީ އެންމެ ފެންވަރު ރަނގަޅު ގޭމްސްއަކަށް ތައްޔާރުވުމުގެ ވިސްނުމުގައެވެ. 2023 ގައި ބާއްވާނަމަ، ތަންކޮޅެއް ދަށް ފަންތީގައި ގޭމްސް ބޭއްވިދާނެ ކަމަށް އޮލިމްޕިކް ކޮމިޓީގެ ފަރާތުން ވާހަކަ ދައްކަވަމުން މަރޭ ވަނީ ވިދާޅުވެފައެވެ.

މަރޭ ވިދާޅުވީ މަސައްކަތް ކޮށްފިނަމަ 2023 ވަނަ އަހަރުގެ އައިއޯއައިޖީ ރާއްޖޭގައި ބޭއްވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އަށް ވަރަކަށް މަހަށް ފަސްކޮށްލާފައި ބޭއްވުމަށް ފަސޭހަ ގޮތްތަކެއް ފެނިދާނެ ކަމަށެވެ. އެއީ ބައެއް ކުޅިވަރުތައް މަދުކޮށްފައި، ފައިވް ސްޓާ ފެންވަރު ގޭމްސްއެއް ނޫން ގޮތުގައި ކަމަށެވެ. މަރޭ ފާހަގަ ކުރައްވާފައި ވަނީ އާންމުކޮށް ފެންނަ ކޮމަންވެލްތު ގޭމްސް އާއި އޮލިމްޕިކް ގޭމްސްއަކީ ފަސް ތަރީގެ ގޭމްސްތައް ނަމަވެސް ސަރަހައްދީ ގޭމްސްތައް ބާއްވަނީ އާދައިގެ ގޮތަކަށް ކަމަށެވެ. އަދި އެ މަންޒަރުތައް އެންމެ ފަހުން މޮރިޝަސްގައި ބޭއްވި ގޭމްސްއަށް ވަޑައިގެންނެވި ސަރުކާރުގެ ބޭފުޅުންނާއި ނޫސްވެރިންގެ އިތުރުން އެތުލީޓުންނާއި އޮފިޝަލުންނަށްވެސް ފެންނާނެ ކަމަށް މަރޭ ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ކުޅިވަރު ސިޔާސަތު ފެންނަނީ ވަރަށް ބޮޑަށް ކުޅިވަރާ ގުޅިގެން ހިންގަމުން އަންނަތަނެވެ. އެ ގުޅުމަކީ އައިއޯއައިޖީއަށްވެސް އޮތް އިތުބާރު ބޮޑު ގުޅުމެކެވެ. އިގުތިސޯދީ މި ދަތިކަމުގައި ގޭމްސްއެއް ބޭއްވުމަށް ސަރުކާރުން އެތައް ކޮޅަކުން ވިސްނާނެ ކަމަށް ގަބޫލުވެސް ކުރެވެއެވެ. އުންމީދަކީ ގޭމްސް ރާއްޖެއަށް ލިބުމެވެ. އައިއޯއައިޖީއަކީ ރާއްޖޭގެ ކުޅިވަރަށް މިވަގުތު އޮތް ބޮޑު އިންގިލާބީ ބަދަލެވެ. އުތުރުން ދެކުނަށް މުޅި ރާއްޖެއަށް އޮތް ކުޅިވަރުގެ އެންމެ ބޮޑު އުންމީދަކީވެސް އައިއޯއައިޖީއެވެ. ސަރުކާރުގެ ކުޅިވަރު ސިޔާސަތަށް އެންމެ ބޮޑު ކާމިޔާބީއަކީވެސް ހަމަ އައިއޯއައިޖީއެވެ.