އެމަނިކުފާނުގެ ފައިނޭންސް ޓީމަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި ހަރުމުދާ ނުވިއްކައި ގައުމު އަމާން އައްސޭރިއަކަށް ގެންގޮސްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހއ. ހޯރަފުށި އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ފައިސާ ހޯދަންޖެހޭ ކަމަށާއި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ދައުލަތުގެ ރިޒާވްގައި އެއްވެސް ފައިސާއެއް ނެތް ކަމަށެވެ. ދައުލަތުގެ ރިޒާވްގައި ހުރީ 250 މިލިއަން ޑޮލަރު ކަމަށާއި އެ އަދަދު ހުރެގެން އެއްވެސް ކަމެއް ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ މި ދަތި ހާލަތުގައިވެސް ދައުލަތުގެ ރިޒާވްގައި 250 މިލިއަން ޑޮލަރު ހުންނާނެ ކަމަށެވެ.
"އަޅުގަނޑުގެ ފައިނޭޝަލް ޓީމަށް، ފިނޭންސް މިނިސްޓްރީގެ ޓީމަށް އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބައޮތް. އަޅުގަނޑުމެން މަގަކުން ކައްސައެއް ނުލާނަން. އިރާދަކުރެއްވިއްޔާ ހަރުމުދާ ނުވިއްކާ މި ރާއްޖެ އަމާން އައްސޭރިއަކަށް އަޅުގަނޑުމެން ގެންގޮސްދޭނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދައުލަތުގެ ދަރަނި ބޮޑު ކަމަށާއި ދަރަނި ބޮޑުވި ސަބަބު ރައްޔިތުންނަށް ސާފުކޮށް އެނގެންޖެހޭ ކަމަށެވެ. ދައުލަތުގެ ދަރަނި ބޮޑުވެފައިވަނީ ރައީސް ޔާމީނުގެ ސަރުކާރުގައި ނެގި ލޯނުތަކުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ދައުލަތުގެ ދަރަންޏަކީ 26 ބިލިއަން ރުފިޔާ ކަމަށާއި އެމަނިކުފާނުގެ ދައުރު ނިމުނުއިރު ދައުލަތުގެ ދަރަނި ހުރީ 60 ބިލިއަން ރުފިޔާގައި ކަމަށެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން މިހާތަނަށް 15 ބިލިއަން ރުފިޔާގެ ދަރަނި ނަގާފައިވާ ކަމަށާއި ދައުލަތުން ދަރަނި ނެގުމަކީ މި ސަރުކާރުން ކުރި ކަމެއް ނޫން ކަމަށެވެ.
މިއަހަރުގެ ބަޖެޓުގައި ދަރަނި ދެއްކުމަށް ޖަހާފައިވާ ހަތަރު ބިލިއަން ރުފިޔާއަކީ ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަނި ދައްކަން ޖަހާފައިވާ ހަތަރު ބިލިއަން ރުފިޔާ ކަމަށެވެ. އަދި މިކަން ރައްޔިތުންނަށް ސާފުވާންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު