ދުނިޔޭގެ އެކި ކަންކޮޅުތަކަށް އިންޓަނެޓް ފޯރުކޮށްދިނުމަށްޓަކައި ގޫގަލްއިން ކުރިއަށްގެންދާ ގޫގަލް "ޕްރޮޖެކްޓް ލޫން" ގެ ބެލޫނެއް މިރޭ ދ. އަތޮޅުގެ ކަނޑުގެ ސަރަހައްދަށް ތިރި ކުރާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ގޫގަލް "ޕްރޮޖެކްޓް ލޫން"ގެ ބެލޫނެއް މިރޭ 9:00 ހާއިރު ދ. އަތޮޅުގެ ކަނޑުގެ ސަރަހައްދަށް ތިރި ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމުގެ މައުލޫމާތު އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބިފައިވާ ކަމަށެވެ.
މިކަން އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާއިން މޮނީޓާ ކުރަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
މީގެކުރިން ދެ ފަހަރެއްގެ މަތިން "ޕްރޮޖެކްޓް ލޫން"ގެ ބެލޫނެއް ރާއްޖެއަށް ވަނީ ވެއްޓިފައެވެ. އެއީ ގދ. ވާދޫގެ ހުޅަނގުން އައްޑޫ ކަނޑަށް ވެއްޓުނު ބެލޫންއަކާއި ގދ. އަތޮޅު އެތެރެވަރިން ނަޑެއްލާ އާއި މަޑަވެއްޔާ ދޭތެރެއަށް ވެއްޓުނު ބެލޫންއެވެ. އެ ދެ ބެލޫންވެސް ރާއްޖޭގައި ހުންނަ ގޫގަލް ޕްރޮޖެކްޓް ޓީމާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މީގެ ކުރިން އެމްއެންޑީއެފުން ބުންޏެވެ.
ގޫގަލް "ޕްރޮޖެކްޓް ލޫން" އަކީ ދުނިޔޭގެ ފަގީރު ސަރަހައްދުތަކަށް އިންޓަނެޓް ދިނުމަށް ހިންގާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުން ބެލޫން މެދުވެރިކޮށް 1 އެމްބީޕީއެސް ސްޕީޑުގައި އިންޓަނެޓް ދެމުންދާނެއެވެ.
އެފްރިކާ ސަރަހައްދުގައި ގޫގަލް އިން 35 ބެލޫން ބޭނުންކޮށްގެން ހިންގާ މި ޕްރޮޖެކްޓުގެ ބެލޫންތައް ރާއްޖެ ސަރަހައްދުން ވެސް ފެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު