އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް މަޖިލީހުގައި ކުރިއަށް ގެންދާ ބަހުސް، މެދުކަނޑައި ނުލައި، މިރޭ މެންދަމާ ހަމައަށް ބަހުސް ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ބަޖެޓް ބަހުސް ފަށާފައި ވަނީ މިދިޔަ ހޯމަ ދުވަހުގައެވެ.
އެ ދުވަހުގެ ބަހުސް ހަވީރު 4:30 ވަންދެން ކުރިއަށް ގެންދިއުމަށްފަހު، އިއްޔެ ވެސް ބަޖެޓް ބަހުސް ދޮޅުގަޑިއެއްހާއިރަށް ކުރިއަށް ގެންދިޔައެވެ.
އެހާ ކުޑަ ވަގުތުކޮޅެއްގައި، އިއްޔެ ބަޖެޓް ބަހުސް ކުރިއަށް ގެންދިޔައީ، އިއްޔެއަކީ ރާއްޖެ އިސްލާމްވި ދުވަސްކަމަށް ވެފައި އިއްޔެއަކީ ސަރުކާރު ބަންދު ދުވަހަކަށް ވީތީއެވެ.
މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ފެށިއިރު، ވޭތުވި ދެ ދުވަހު ބަޖެޓަށް ވާހަކަ ދައްކަވާފައި ވަނީ އެންމެ 33 މެންބަރުންނެވެ. އެހެންކަމުން މިއަދުގެ 1:30 އާ ހަމައަށް ބަޖެޓަށް ވާހަކަ ދައްކަވަން ބޭނުންވާ މެންބަރުން ފުރުސަތަށް އެދިވަޑައިގެންނެވުމަށް މަޖިލިސް ރައީސް އެދިވަޑައިގެންނެވިއެވެ.
އެމަނިކުފާނު ވިދާޅުވީ، 1:30 ގައި ފުރުސަތު ބަންދު ކުރައްވާނެ ކަމަށެވެ.
އެހެންކަމުން 1:30 އަށްފަހު ގިނަ މެންބަރުންތަކެއްް ބަޖެޓަށް ވާހަކަ ދެއްކެވުމަށް އެދިވަޑައިގެންފައި ވުމާއި، މިއަދު ބަޖެޓް ބަހުސް ނިންމަން ޖެހޭތީ، އެދިވަޑައިގެންފައިވާ ހުރިހާ މެންބަރުންނަށް ފުރުސަތު ލިބިވަޑައިގަންނަވަންދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް މަޖިލިސް ރައީސް ވޯޓަށް އެއްސެވިއެވެ.
އެވޯޓުގައި އެވަގުތު ޖަލްސާގައި ތިއްބެވި 33 މެންބަރުންގެ ތެރެއިން 30 މެންބަރުން ވޯޓު ދެއްވައިގެން، ހުރިހާ މެންބަރުންނަށް ފުރުސަތު ލިބިވަޑައިގަންނަވަންދެން ޖަލްސާ ކުރިއަށް ގެންދަން ފާސް ކުރިއެވެ.
އެގޮތަށް ފާސް ކުރުމާގުޅިގެން މަޖިިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ބަޖެޓު ޖަލްސާ މިރޭ މެންދަމާ ހަމައަށް ދިގުދެމިގެން ހިނގައްޖެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށް ގެންދާ ބަހުސްގައި ކޮންމެ މެންބަރަަކށް 15 މިނެޓުގެ ފުރުސަތެއް ވާހަކަ ދެއްކެވުމަށް ދެއްވައެވެ.
މަޖިލީހުގެ މެންބަރުން ދައްކަވާ ވާހަކަތައް ދެން ހުށަހަޅާނީ، މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމެޓީއަށެވެ.
މިހާރުވެސް ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ބަޖެޓް ކޮމެޓީން، މެންބަރުންގެ އެ ވާހަކަތަކަށް ރިއާޔަތް ކޮށް، ބަޖެޓަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށްފަހު ބަޖެޓު ރިޕޯޓު މަޖިލީހަށް ފޮނުވާނެއެވެ.
ކޮމިޓީން މިހާރު ނިންމާފައިވާ ގޮތުން ނަމަ މާދަމާ އެ މަސައްކަތް ކޮމެޓީން ނިންމަން ޖެހެއެވެ. އެއީ ކޮމެޓީން ނިންމާފައިވާ ސުންގަޑިއެވެ. ކޮމެޓީން ބަޖެޓް ދިރާސާކޮށް ނިންމުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވުވުމުން އެ ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް އިތުރު ހަތް މިނެޓުގެ ފުރުސަތެއް ލިބިވަޑައިގަންނަވާނެ އެވެ.
މަޖިލީހުން ބަޖެޓް ފާސް ކުރާނީ އެ މަރުހަލާ ނިމި ބަޖެޓަށް މެންބަރުން ހުށަހަޅަން ޖެހޭ އިސްލާހުތައް ހުށަހަޅުމަށްފަހު ވޯޓަށް އަހައިގެންނެވެ.
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު