ކުޅިވަރު

ބްރެޒިލަށް މޮޅަކަށްފަހު މޮޅެއް، ކަވާނީއަށް ރަތެއް

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ބްރެޒިލުން ކުޅުނު ހަތަރު ވަނަ މެޗުގައި އުރުގުއޭވެސް ބަލިކޮށް، އެޓީމުގެ 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑު ދަމަހައްޓައިފިއެވެ.

ރޭ އުރުގުއޭގައި ކުޅުނު މެޗު ބްރެޒިލުން 2-0ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާއިރު، މެޗުގެ ދެވަނަ ހާފްގައި އުރުގުއޭގެ މެންޗެސްޓާ ޔުނައިޓެޑް ފޯވަޑް އެޑިސަން ކަވާނީއަށް ވަނީ ރަތް ކާޑެއްވެސް ދައްކާފައެވެ.

ރޭގެ މެޗަށް ބްރެޒިލުން ނުކުތީ އަނިޔާގައި ހުރި ނޭމާ ނުލައެވެ. އެހެންނަމަވެސް އެޓޭކުން އެކަން ފާހަގަ ވެފައެއް ނުވެއެވެ. ބްރެޒިލްގެ ސްޓައިލްގައި އެޓީމުން އެޓޭކް ކުރިތަން ފެނިގެން ދިޔައެވެ. ދުނިޔޭގެ ފުޓުބޯޅައިގައި އެންމެ ކާމިޔާބު ގައުމު ބްރެޒިލަށް 2002 ވަނަ އަހަރަށްފަހު ވޯލްޑް ކަޕެއް ކާމިޔާބު ވެފައި ނެތުމުން، އެޓީމަށް ކޮންމެހެންވެސް ވޯލްޑް ކަޕެއް ވަރަށް މުހިއްމެވެ. މިހާރުގެ ޓީމުން ދައްކަމުން އަންނަ ކުޅުމަށް ބަލައި، ގިނަ ބަޔަކު ބުނެފައި ވަނީ މިއީ ބްރެޒިލަށް އޮތް އުންމީދީ ޓީމެއް ކަމަށެވެ.

ރޭގެ މެޗަށް ނުކުތްއިރު އުރުގުއޭވެސް އޮތީ ރަނގަޅު ފޯމެއްގައެވެ. އެންމެފަހުން ކުޅުނު މެޗުގައި ކޮލަމްބިއާ ބަލިކޮށްފައި އުރުގުއޭއިން ރޭގެ މެޗަށް ނުކުމެފައިވީ ނަމަވެސް، ބްރެޒިލުން ވަނީ މެޗުގެ 34 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. ޔުވެންޓަސްގެ އަރުތޫރުގެ ހިތްގައިމު ގޯލުން އެޓީމު ލީޑު ނަގައި، ހާފް ނިމެން ދަނިކޮށް ވަނީ ނަތީޖާ 2-0 އަކަށް ބަދަލު ކޮށްލައިފައެވެ. ދެވަނަ ގޯލް ޖަހައިދިނީ އެވަޓަންގެ ރިޗާލްސަންއެވެ.

ދެވަނަ ހާފަށް ނުކުމެ އުރުގުއޭއިން މެޗަށް އަނބުރާ ވަނުމަށް ކުރި މަސައްކަތުގެ ހުރަހަކަށްވީ ހާފްގެ 30 އަކަށް މިނެޓް ބާކީ އޮއްވައި ކަވާނީއަށް ދެއްކި ރަތް ކާޑެވެ. ރިޗާލްސަން ފަޔަށް ކުރި ނުރައްކާތެރި ޓެކުލަށް ރެފްރީ ސީދާ ރަތް ކާޑު ދެއްކީ ވީއޭއާރްގެ އެހީ ހޯދުމަށްފަހުއެވެ.

ހަތަރު މެޗުން ދެ ބައްޔާއެކު ކޮލިފިކޭޝަން ގްރޫޕްގެ ފަސްވަނައިގައި އުރުގުއޭ އޮތްއިރު، ހުރިހާ މެޗަކުންވެސް މޮޅުވެ ބްރެޒިލް އޮތީ އެއްވަނައިގައެވެ. އަދި ބާކީ ގިނަ މެޗުތަކެއް އޮތްއިރު، އުރުގުއޭއިން އޮޓޮމެޓިކް ކޮލިފިކޭޝަނެއް ބޭނުން ނަމަ، ގަދަ ހަތަރެއްގައި ހިމެނެން ޖެހޭނެއެވެ. ފަސްވަނައަށް ލިބޭނީ ޕްލޭ އޮފް ޖާގައެކެވެ.