ޕޮލިސް

އިންޓެލް ފުލުހުންނަށް ހެދިގެން ގެސްޓް ހައުސްއަކުން ފޭރުނު މައްސަލައިގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފި

އިންޓެލް ފުލުހުންނަށް ހެދިގެން މާލޭގެ ގެސްޓް ހައުސްއަކުން ފޭރުނު މައްސަލައިގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިމަހުގެ 11 ވަނަ ދުވަހުގެ ހެނދުނު މަޖީދީމަގުގައި ހުންނަ "ފަރިވާ ސްޓޭ 3" އަށް ތިން މީހަކު ވަދެ، ޕޮލިސް އިންޓެލިޖަންސުން ކަމަށް ބުނެ ފޭރުނު މައްސަލައިގައި ތުހުމަތު ކުރެވޭ 43 އަހަރުގެ ދިވެހި ފިރިހެނަކާއި 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މީހުންގެ ތެރެއިން 38 އަހަރުގެ މީހާ ހައްޔަރުކުރީ މިދިޔަ އާދީއްތަ ދުވަހު ކަމަށާއި އަދި 43 އަހަރުގެ މީހާ ހައްޔަރުކުރީ ޖެހިގެން އައި ހޯމަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ. އެ ދެ މީހުންގެ ބަންދަށް މިހާރު ވަނީ 15 ދުވަސް ޖަހައިފަ އެވެ.

ފުލުހުން އިތުރަށް ބުނީ، ތަހުގީގުގައި މިހާތަނަށް ކުރި މަސައްކަތުން ފޭރުނު ބައެއް ތަކެތިވެސް ހޯދާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން އެއްޗިއްސެއް ކަމެއް ނުބުނެ އެވެ.

މި މައްސަލައިގައި މިދިޔަ ހުކުރު ދުވަހު ވެސް މީހަކު ހައްޔަރުކުރި އެވެ. ކޯޓް އަމުރެއްގެ ދަށުން އެދުވަހު ހައްޔަރުކުރީ 42 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދަށް ވެސް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ ތިން މީހަކު ގެސްޓް ހައުސްއަކަށް ވަދެ ފޭރިފައިވަނީ އެތަނުގައި ތިބި ތިން މުވައްޒަފަކު ކްލިޕް އަޅުވައި ބަނުމަށްފަހު އެވެ.