ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރޭ ޕެރޫއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، އާޖެންޓީނާއިން ބަލި ނުވެ ދަމަހައްޓަމުން އަންނަ ރެކޯޑު ދަމަހައްޓައިފިއެވެ.
ރޭގެ މެޗު އާޖެންޓީނާއިން 2-0ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާއިރު، މެޗުގައި ގޯލްތައް ޖަހައިދިނީ ނިކޮލަސް ގޮންޒާލޭސް އާއި ލައުޓޫރޯ މާޓިނޭޒްއެވެ. ރޭގެ މެޗަށް ނުކުތްއިރު އާޖެންޓީނާއަށް މޮޅެއް މުހިއްމުވެފައި އޮތީ އޭގެ ކުރިން ކުޅުނު މެޗު ދަށް ކުޅުމަކާއެކު އެއްވަރު ވެފައި އޮތުމުންނެވެ.
ރޭގެ މެޗުގައި އާޖެންޓީނާ އިން ދެއްކި ކުޅުމާއެކު ކެޕްޓަން ލިއޮނަލް މެސީ ވަނީ ޓީމުގެ ރޫހަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.
"ވަރަށް މުހިއްމު މޮޅެއް މިއީ. މިރޭގެ މެޗުގެ ކުރިން ކުޅުނު މެޗަށްފަހު މިކަހަލަ ބޫސްޓެއް ބޭނުންވި ޓީމަށް. ގިނަ ޗާންސްތަކެއް އުފައްދައި، މެޗު ކޮންޓްރޯލް ކުރީ އާޖެންޓީނާއިން. މަޑުމަޑުން ޓީމުގެ ވަރުގަދަކަން އެބަފެނޭ. މިއީ ވޯލްޑްކަޕަށް ދާއިރު ބޭނުންވާނެ ކުޅުމަކީވެސް. ޓީމެއްގެ ގޮތުގައި ރަނގަޅު ކުޅުމެއް ދެއްކުން،" ހަ ފަހަރަށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ މެސީ ބުނެފައި ވެއެވެ.
އާޖެންޓީނާއިން އެންމެފަހުން ކުޅުނު 11 މެޗުގައިވެސް ބަލިވެފައެއް ނުވެއެވެ. އެންމެފަހުން ކުޅުނު އަވޭ ތިން މެޗުވެސް އެޓީމުން ކާމިޔާބު ކޮށްފައިވާއިރު، މިއީ 2000 ވަނަ އަހަރަށްފަހު އާޖެންޓީނާއަށް ޖެހިޖެހިގެން އަވޭ ތިން މެޗު ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.
ރޭގެ މެޗަކީ މެސީ އާޖެންޓީނާ ޖާޒީގައި ކުޅުނު 142 ވަނަ މެޗެވެ. މެސީ ބުނެފައި ވަނީ އާޖެންޓީނާގެ ޖާޒީގައި އޭނާ ހިތްހަމަ ޖެހޭ ކަމަށާއި، އުންމީދަކީ ގައުމީ ޖާޒީގައި އިތުރު މެޗުތައް ކުޅެދީ، ބުރަ މަސައްކަތްތަކެއް ކުރުން ކަމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު