ޔޫއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭ 4 ގައި ރޭ ކުޅުނު މުހިއްމު މެޗުގައި ޖަރުމަނު ބަލިކޮށް، ސްޕެއިންއިން ފައިނަލް ބުރަށް ދަތުރު ކޮށްފިއެވެ.

ސްޕެއިންގައި ރޭ ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 6-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ބޮޑު ބައްޔަކާއެކު ޖަރުމަނަށް ފައިނަލް ޖާގަ ގެއްލުނީ ހަ މެޗުން ނުވަ ޕޮއިންޓް ލިބިފައި އޮތުމުންނެވެ. ރޭ މެޗަށް ނުކުތްއިރު ސްޕެއިންއަށް މޮޅު ނޫން އިތުރު އެއްވެސް ގޮތެއް ނެތްއިރު، އެއްވަރު ކޮށްގެންވެސް ޖަރުމަނަށް ފައިނަލް ބުރަށް ދެވުމުގެ ޗާންސް އޮތެވެ. ސްޕެއިންއަށް ހަ މެޗުން ލިބިފައި ވަނީ 11 ޕޮއިންޓެވެ. ކޮންމެ ގްރޫޕަކުންވެސް ފައިނަލް ބުރަށް ދަތުރުކުރާނީ އެއް ޓީމެވެ.

ރޭގެ ނަތީޖާއަކީ މިހާތަނަށް ޖަރުމަނަށް ކުރިމަތިވި އެންމެ ބޮޑު ބައްޔެވެ. އަދި ޖަރުމަނު ގޯލްކީޕަރު މެނުއަލް ނޯޔާ ކައިރިން މީގެ ކުރިން އެއްވެސް މެޗެއްގައި ހަ ގޯލް ވަދެފައެއް ނުވެެެވެ.

ރޭގެ މެޗު ފެށުނީއްސުރެ ނިމެންދެން މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނީ ސްޕެއިންނެވެ. ކުރީ ކޮޅުގައި އަލްވާރޯ މޮރޭޓާ ކޯނަރަކުން ބޮލުން ޖެހި ހަމަލާގައި ގޯލް ޖެހިއިރު، ހާފް ނިމުމުގެ ކުރިން ސްޕެއިން ވަނީ ނަތީޖާ 3-0 އަކަށް ބަދަލު ކޮށްލައިފައެވެ. ފަބިއަން ރުއިޒްގެ ހަމަލާގެ ރިބައުންސްގައި ފެރަން ޓޮރެޒް ދެވަނަ ގޯލް ޖަހައިދިންއިރު، ތިންވަނަ ގޯލަކީވެސް ކޯނަރެއް ދިފާއު ނުކުރެވިގެން ވަން ގޯލެކެވެ.

ތިންވަނަ ގޯލް ރުއިޒްގެ ކޯނަރުން ކާމިޔާބު ކޮށްދިނީ ރޮޑްރީއެވެ.

ދެވަނަ ހާފަށް ނުކުމެވެސް ސްޕެއިންއިން އެޓޭކްތައް ކުރަމުން ދިޔައެވެ. ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދާފައިވާއިރު، ދެވަނަ ހާފްގައި މެންޗެސްޓާ ސިޓީގެ ފެރާން ޓޮރޭސް ވަނީ އިތުރު ދެ ގޯލް ޖަހައި ހެޓްރިކްވެސް ހަދައިފައެވެ. އެއީ ސްޕެއިންގެ ޖާޒީގައި ޖަރުމަނު ކޮޅަަށް ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާއެވެ.

ސްޕެއިންގެ ހަވަނަ ގޯލަކީ ބަދަލު ކުޅުންތެރިޔާ މިކެލް ޔަރްޒަބަލް ޖެހި ގޯލެކެވެ.

ނޭޝަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކާ ހަމައަށް އައިސްފައިވާއިރު، ފައިނަލް ބުރަށް ދަތުރުކުރާ ޓީމުތައްވެސް އަންނަނީ އެނގެމުންނެވެ. ފްރާންސާއި ބެންޖިއަމް ފަދަ ގައުމުތަކުން ފައިނަލް ބުރު ޔަގީން ކޮށްފައިވާއިރު، އިންޓަނޭޝަނަލް ބްރޭކް ދެން އޮންނާނީ މާޗު މަހުއެވެ.

ރޭގެ މެޗުން އެންމެ ބޮޑު މާޔޫސް ކަމެއް ކުރިމަވީ ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުންދީން ޒިދާން އަށެވެ. މެޗުގެ ވަކި ހިސާބަކުން ރާމޯސްއަށް އަނިޔާވެގެން ބާލަން ޖެހިފައިވާއިރު، އަނިޔާގެ ތަފްސީލު އަދި އެނގިފައެއް ނުވެއެވެ.