6.6 މިލިއަން ޑޮލަރުގެ އަގުހުރި އެޕަލް ޕްރޮޑަކްޓް ތަކެއް ފޭރިގެންފި އެވެ.

އިނގިރޭސިވިލާތުގައި އެޕަލްގެ އުފެއްދުންތަކެއް ހިފައިގެން ދަތުރުކުރި ވެހިކަލް ހުއްޓުވައި ތަކެތި ފޭރުނީ ދުއްވަން އިން ޑްރައިވަރާއި ސެކިއުރިޓީ ގާޑުވެސް ބަނދެފައެވެ.

ރިޕޯޓްތައް ބުނާގޮތުން ވެހިކަލް ހުއްޓުވައި އޭގައި ތިބި ޑްރައިވަރާއި ގާޑް ވެހިކަލުން ބޭލުމަށްފަހު ފޭރުނު މީހުން ވަނީ ވެހިކަލާއެކު ފިލައިފައެވެ.

ފޭރުމުގެ ބައިވެރީން ވަނީ ވެހިކަލް އެސަރަހައްދުގެ ގުދަނަކަށް ގެންގޮސް ހުރިހާ ސާމާނުތަކެއް އެހެން ވެހިކަލަކަށް ބަދަލުކޮށް އިތުރު ނުވަ މޭލަށް ދަތުރުކޮށްފައެވެ. ވަގުން ވަނީ އެޕަލްގެ 48 ޕެލެޓުގެ ޕްރޮޑަކްޓްތައް ތިންވަނަ ވެހިކަލަކަށް ވެސް ބަދަލުކޮށް އެމީހުން ބޭނުންވާ ހިސާބަށް ގެންގޮސްފައެވެ.

ފުލުހުން ބުނާ ގޮތުގައި ފޭރުމުގެ ބައިވެރިން އެއްވެސް ހަތިޔާރެއް ބޭނުން ކޮށްފައެއް ނުވެއެވެ. އަދި ޑްރައިވަރާއި ގާޑު ބަނުމުގައި އަނިޔާވެފައި ހުރިކަން ފާހަގަ ކުރެވިފައިވާކަމަށް ވެސް ބުނެފައި ވެއެވެ.

އިންގްލެންޑްގެ ފުލުހުން މި މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކުރިކަމުގެ މައުލޫމާތެއް ދީފައި ނުވާކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.