އެޕަލް ކުންފުނިން އެންމެ ފަހުން ތައާރަފުކުރި އެކުންފުނީގެ ފުރަތަމަ ފަތްޖަހައިލެވޭ ފޯނު، "އައިފޯން ޑިއޯ" ގެ އޯޑަރުތައް 30 އިންސައްތައަށް އިތުރުކޮށްފި ކަމަށް ޗައިނާގެ "ސެކިއުރިޓީޒް ޓައިމްސް" ނޫހުން ރިޕޯޓުކޮށްފިއެވެ.

މިއީ އެޕަލްގެ އުފެއްދުންތައް ސަޕްލައިކޮށްދޭ ފަރާތްތަކާ ހަވާލާދީ ޝާއިއުކޮށްފައިވާ ރިޕޯޓެކެވެ. މީގެ ކުރިން އައިފޯން ޑިއޯގެ 6 މިލިއަން ނުވަތަ 7 މިލިއަން ޔުނިޓު އުފައްދަން ތައްޔާރުވި ނަމަވެސް، މި ބަދަލާއެކު 2026 ވަނަ އަހަރުގެ ނިޔަލަށް އުފައްދާ ފޯނުގެ އަދަދު 10 މިލިއަނާ ގާތްކުރާނެ އެވެ.

އައިފޯން ޑިއޯގެ އިތުރުން އެޕަލްގެ އެހެން މޮޑެލްތަކުގެ އޯޑަރުތަކަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން އައިފޯން 18 ޕްރޯ މެކްސްގެ އޯޑަރުތައް 10 އިންސައްތައާއި 15 އިންސައްތައާ ދެމެދުގެ އަދަދަކަށް އިތުރުވެފައިވާއިރު، އައިފޯން 18 ޕްރޯގެ އޯޑަރުތައް ވަނީ 15 އިންސައްތައަށް ދަށްކޮށްފައެވެ.

ފަތްޖަހައިލެވޭ ސްކްރީން ޓެކްނޮލޮޖީ އެކުލެވޭ އައިފޯން ޑިއޯ ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ 1,999 އެމެރިކާ ޑޮލަރުގެ އަގުގައެވެ. މި ފޯނަށް ކުރިއާލައި އޯޑަރު ކުރުމުގެ ފުރުސަތު 16 އޮކްޓޫބަރު 2026 ގައި ހުޅުވާލާއިރު، 23 އޮކްޓޫބަރު 2026 އިން ފެށިގެން ފޯނު ބާޒާރުން ލިބެން ހުންނާނެއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި މި ފޯނަށް އޮންނާނެ ތަރުހީބު ބޮޑުވާނެ ކަމަށް ބެލެވޭތީ، އެޕަލްއިން އުފެއްދުންތެރިކަން އިތުރުކުރަން ނިންމީ ކަމަށް ހަބަރުތައް ބުނެއެވެ. ނަމަވެސް، އޯޑަރުތަކަށް ގެނައި މި ބަދަލާ ގުޅޭގޮތުން އެޕަލް ކުންފުނިން ރަސްމީކޮށް އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.