ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން އިމާރާތްކުރާ ހަތަރު ސްކޫލުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 34.7 ބިލިއަން ރުފިޔާގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް ތިން ބިލިއަން ރުފިޔާ ހާއްސަކޮށްފައިވާ ކަމަށާއި އެހެންކަމުން ތައުލީމީ ދާއިރާގެ ލާބައަށް އަންނަ އަހަރު ގިނަ ކަންތައްތަކެއް ކުރުމަށް ރާވާފައިވާ ކަމަށެވެ.
އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުގެ 212 ސްކޫލު ހުރި އިރު، ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލުކުރުމުގެ 105 ޕީއެސްއަައިޕީ ޕްރޮޖެކްޓް އަންނަ އަހަރުގެ ތެރޭގަައި ފަށާނެ ކަމަށް ވިދާޅުވިއެވެ. އޭގެ ތެރޭގައި މާލޭގެ ސްކޫލުތައް އެއްދަންފަޅިއަށް ބަދަލު ކުރުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މާލޭ ސަރަހައްދުގެ ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް އިމާރާތްކުރާ ހަތަރު ސްކޫލުގެ މަސައްކަތް ވެސް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށެވެ.
"މިހާރުވެސް ދަރުމަވަންތަ ސްކޫލުގެ މަސައްކަތް ފެށިގެން ކުރިއަށް އެބަދޭ. ދެން އޭގެ އިތުރުން ހުޅުމާލޭގައި އަޅުގަނޑުމެން އިތުރު އާ ހަތަރު ސްކޫލެއް އެބަ ގާއިމް ކުރަން. އެއީ ސަލާހުއްދީން ސްކޫލު ޕްލަސް އަދި އިތުރު ތިން ސްކޫލެއް. ދެން އިންޓަނޭޝަނަލް ޕާޓީއަކުން ބައިލެންގުއަލް ސްކޫލެއްވެސް އަޅަން، އެ މަސައްކަތްތައްވެސް ކުރިއަށް އެބަދޭ" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރި ބަޖެޓުގައި، މާލެއާ އެއް ފެންވަރެއްގެ ތައުލީމީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ފަސް ސަރަހައްދެއް ތަރައްގީކުރަން ހިމަނާފައިވާ ކަމަށެވެ. އެ ފަސް ސަރަހައްދުގައި ތަރައްގީކުރާނީ މިހާރުވެސް ހުރި ސްކޫލުތަކާއި ތައުލީމީ ސެންޓަރުތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އެ ތަންތަނަށް ބޭނުންވާ އިންސާނީ ވަސީލަތާއި އެހެނިހެން ވަސީލަތްތައް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ކޮވިޑާ ގުޅިގެން ހުއްޓިފައި އޮތް ނާސްތާ ޕްރޮގްރާމް އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަލުން ފަށާނެ ކަމަށާއި، ނާސްތާ ޕްރޮގްރާމް އަލުން ފަށާއިރު މެނޫއަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ.
ތައުލީމުގެ ގާނޫނާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. އައިޝަތު ވިދާޅުވީ، ތައުލީމުގެ ގާނޫނު ވުޖޫދަށް ގެނައުމަކީ މި ސަރުކާރުން ތައުލީމީ ދާއިރާގެ ކުރިއެރުމަށް ކުރި އެންމެ މުހިންމު މަސައްކަތް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު