ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކޮށް، ބިރެއް ނެތި ނޫސްވެރިންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ހޯދައިދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

މިނިސްޓަރު ޝާހިދު އެގޮތަށް ގޮވާލެއްވީ މީޑިއާގެ މިނިވަންކަމާ ބެހޭ ބައިނަލްއަގުވާމީ ކޮންފަރެންސްގެ ހަވާސާގައި އިއްޔެ ކުރިއަށްދިޔަ މީޑިއާ ފްރީޑަމް ކޯލިޝަންގެ ވަޒީރުންގެ ފެންވަރުގެ ފުރަތަމަ ބައްދަލުވުގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ޝާހިދު ވަނީ ކޮވިޑް-19 އާ ގުޅިގެން މުޅި ދުނިޔޭގައި މީޑިއާގެ މިނިވަންކަމަށް ކުރިމަތި ވި ގޮންޖެހުންތައް ފާހަގަކުރައްވައިފަ އެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކޮށް، ބިރެއް ނެތި ނޫސްވެރިންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ހޯދައިދިނުމަށް ގޮވާލެއްވި އެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ، މީޑިއާގެ މިނިވަންކަމަކީ ޑިމޮކްރެޓިކް އަދި އިންސާފު އަށަގެންފައިވާ މުޖުތަމައެއްގެ އެންމެ މުހިއްމު އެއް އަސާސް ކަމަށެވެ. އެގޮތުން މީޑިއާގެ މިނިވަންކަމަށް މީޑިއާ ފްރީޑަމް ކޯލިޝަނުން އެކަށައަޅާފައިވާ ހަމަތަކަކީ ރާއްޖެއިން ގަބޫލުކުރާ ހަމަތަކެއްކަން ބަޔާންކުރައްވައި، މީޑިއާގެ މިނިވަންކަމަށް ރާއްޖޭގައި އޮތް ހުރަސްތައް ނައްތާލަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރެއްވި އެވެ.

ވަކިން ހާއްސަކޮށް، މީޑިއާގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް އޮތް ހިޔާލުފާޅުކުރުމާއި އަބުރު ރައްކާތެރިކުރުމާ ބެހޭ ގާނޫނު އުވާލުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ތަސްދީގު ކުރެއްވުމުން ރާއްޖޭގެ މީޑިއާގެ މިނިވަންކަމުގެ ތާރީހުގެ ކަޅު ސަފުހާއެއް ނިމުމަކަށް އައިކަން މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ރާއްޖޭގެ މީޑިއާގެ މިނިވަންކަމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާންގެ ކޭސް އާއި މަރާލާފައިވާ ބްލޮގަރު ޔާމީންގެ ކޭސް ރިޔާސީ ކޮމިޝަނުން ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އަދި މީޑިއާތައް ޖޫރިމަނާކުރުމުގެ ބަދަލުގައި ޒިންމާދާރު ނޫސްވެރިކަމަށް މީޑިއާ އަހުލުވެރިކުރުމަށް ދައުލަތުގެ މުއައްސަސާތަކުގެ މިސްރާބު ބަދަލުކުރެވުނު ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ޝާހިދުގެ ވާހަކަ ނިއްމަވައިލެއްވީ، ނޫސްވެރިކަމާ ނުލައި ސަރުކާރެއް އޮތުމަށް ވުރެ، ސަރުކާރަކާ ނުލައި ނޫސްވެރިކަން އޮތުން ވެސް ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި މާ މުހިއްމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ވިދާޅުވުން ތަކުރާރު ކުރައްވަމުންނެވެ.

މީޑިއާ ފްރީޑަމް ކޯލިޝަން އުފެއްދީ ޖުލައި 2019 ވަނަ އަހަރު ނޫސްވެރިކަމުގެ މިނިވަންކަމާ ބެހޭ ބައިނަލްއަގުވާމީ ކޮންފަރެންސްގަ އެވެ. އެ ކޯލިޝަންގައި ބައިވެރިވާ މެންބަރު ގައުމުތަކުން މަސައްކަތް ކުރަނީ މީޑިއާގެ މިނިވަންކަމާއި ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށް، ނޫސްވެރިކަމުގެ ޒިންމާ އަދާކުރީތީ އެނޫސްވެރިންނަށް އަނިޔާކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށެވެ.

މި ކޯލިޝަންގައި މެންބަރު 38 ގައުމު ހިމެނޭ އިރު، ރާއްޖެއަކީ ކޯލިޝަންގެ އެގްޒެކެޓިވް ގުރޫޕުގެ މެންބަރެކެވެ. އެގްޒެކެޓިވް ގުރޫޕުގައި ދެން ހިމެނެނީ މި ކޯލިޝަން އުފެއްދުމުގައި ހަރަކާތްތެރިވި ކެނެޑާ އާއި އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާ، ލެޓްވިއާ، ޖަރުމަން، ގާނާ އަދި ނެދަލެންޑްސްއެވެ.