ކަޅުވަކަރު މިސްކިތް

ކަޅުވަކަރު މިސްކިތަށް ހަމަޖައްސައިދިން ބިމަކީ އެ މިސްކިތުގެ ދާއިމީ ވަޒަނަށް ވާނެ ކަމަށް އުއްމީދުކުރަން: ރައީސް

ކަޅުވަކަރު މިސްކިތަށް މި ސަރުކާރުން ހަމަޖައްސައިދިން ބިމަކީ އެ މިސްކިތުގެ ދާއިމީ ވަޒަނަށް ވުމަކީ އުންމީދެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކަޅުވަކަރު މިސްކިތް އަލުން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ، ކަޅުވަކަރު މިސްކިތަކީ ސަގާފަތާއި ފަންނުވެރިކަމާ ގުޅިލާމެހިފައިވާ އަދި ދިވެހިންގެ އަމިއްލަ ވަންތައް އެތައް ސިފަތަކެއް ޖަމާވެ ރައްކާކުރެވިފައިވާ ހަޒާނާއެއް ކަމަށެވެ. އެއީ އެއްތަނުން އަނެއް ތަނަށް އެ މިސްކިތް ބަދަލު ކުރެވި، ދިވެހިންގެ އަތުން އެތައް ގެއްލުންތަކެއް ދިން އިރުވެސް ވަކިވާން ބޭނުން ނުވި މިސްކިތެއް ކަމަށް ވިދާޅުވި އެވެ.

"(ކަޅުވަކަރު މިސްކިތަކީ) ގާއިމްވެ ހުންނާނޭ ބިމެއް ނުވަތަ ގޯއްޗެއް ކަށަވަރު ނުވެ 230 ވަރަކަށް އަހަރަށްވުރެ ގިނަ ދުވަސް ވަންދެން މާލޭގެ ރައްޔިތުންނާއެކު އުޅެމުން އައި މިސްކިތެއް. އަޅުގަނޑު އުންމީދު ކުރަނީ މި ސަރުކާރުން ކަޅުވަކަރު މިސްކިތަށް ހަމަޖައްސައިދިން މި ބިމަކީ މިސްކިތުގެ ދާއިމީ ވަޒަންކަމުގައި ވެގެންދާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

ހިރިގަލުން ބިނާކޮށްފައިވާ ދިވެހިންގެ ގަލުވަޑާމާއި ލާފެންކުރުމުގެ ފަންނުވެރިކަން ދައްކުވައިދޭ ކަޅުވަކަރު މިސްކިތަކީ ރޫޅާލައިގެން އެއްތަނުން އަނެއް ތަނަށް ބަދަލުކުރެވޭ ގޮތަށް ރާއްޖޭގައި ހަދާފައި ހުރި ހަމައެކަނި މިސްކިތެކެވެ. އެގޮތުން ރާއްޖޭގައި 1779 އިން 1799 އަށް ރަސްކަން ކުރެއްވި އައްސުލްތޯން ހަސަން ނޫރައްދީން އިސްކަންދަރުގެ ރަސްކަމުގެ 10 ވަނަ އަހަރު ބިނާކުރެއްވި އެ މިސްކިތް އަލުން ބިނާކުރައްވަން ފެއްޓެވީ، ޢިޔާޘުއްދީން ރަދުންގެ ގަނޑުވަރު ރޫޅާލައްވައި އެ ގަނޑުވަރު ހުރި ބިމުގައެވެ.

އެ ފަހުން އިމާދުއްދީން ރަދުން، މަޖިދީމަގާއި ކަރަންކާމަގު އިންވާ ހުޅަނގު އުތުރު ކަންމައްޗަށް ކަޅުވަކަރު މިސްކިތް ބަދަލުކުރެއްވި އެވެ. ނަމަވެސް އިމާދުއްދީން ރަދުން އެތަނަށް މިސްކިތް ބަދަލު ކުރެއްވުމުގެ ކުރީގައި އެމިސްކިތް ހުރީ ކޮންތަނެއްގައިކަން މާ މުއުތަބަރު ގޮތެއްގައި އެނގި ހާމަވާކަށް ނެތެވެ.

އިމާދުއްދީން ރަދުންގެ ފަހަށް ރައީސް، އިބްރާހިމް ނާސިރު ކަޅުވަކަރު މިސްކިތް ފުރަނަފުށީގެ ރިސޯޓު ހިންގި ފަރާތަށް ވިއްކަވައިލެއްވި އެވެ. އޮކްޓޯބަރު 1، 1978ގައި ނީލަން ކިޔައިގެން ކަޅުވަކަރު މިސްކިތް އެ ރިސޯޓުން ގަތީ 9715 ރުފިޔާ 26 ލާރި އަށެވެ. ނަމަވެސް ރައީސް މައުމޫން އަބްދުލްގައްޔޫމް ވެރިކަމަށް ވަޑައިގެން 1979 ވަނަ އަހަރު އެ މިސްކިތް ސަރުކާރަށް ނަންގަވަން ނިންމެވުމުން ފުރަނަ ރިސޯޓުން އެ މިސްކިތް ދިވެހި ސަރުކާރަށް ހަދިޔާކުރެއްވި އެވެ. އަދި ސަލްޓަން ޕާކު ކަންމައްޗަށް ކަޅުވަކަރު މިސްކިތް ބައްދަލުކޮށް އަލުން ހުޅުވީ ނޮވެމްބަރު 5، 1980 ގައި ރައީސް މައުމޫނެވެ.

އެ މިސްކިތް އަލުން ރޫޅައިލީ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން ކަޅުވަކަރު މިސްކިތް ގދ. ތިނަދޫއަށް އަދި ހުޅުމާލެއަށް ބަދަލުކުރުމުގެ ވާހަކަތަކެއް ދެކެވުނެވެ. ނަމަވެސް އެ މިސްކިތް ހޯދައި އަލުން ރޭވުމަކީ މި ސަރުކާރުގެ ވައުދެކެވެ.

އެގޮތުން ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތުގެ ބައިތައް ވަނީ ހޯދައިފަ އެވެ. މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުރީގައި ޓަކިބޭ މިސްކިތް ހުރި ތަނުގައި ކަޅުވަކަރު މިސްކިތް ރާވަން ފެށި އެވެ. އެ މަސައްކަތް ނިންމާލީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

އެތަން މިއަދު ހުޅުވި އިރު، މިސްކިތް ވަށައިގެން އޮންނަ ސަރަހައްދު ހިތްފަސޭހަ މައިޒާނެއްގެ ގޮތުގައި ވަނީ ތަރައްގީކޮށްފަ އެވެ. އަދި މިސްކިތް ހުޅުވާފައިވަނީ އާންމުންނަށް ނަމާދު ކުރެވޭނެ ގޮތަށެވެ.