ދިވެހި ހަޟާރަތާއި ތާރީޚާއި ތަރިކަޔާއި ސަގާފަތާއި ދީވެހިންގެ ދީނުގެ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު ވަރަށް ގިނަ މީހުންގެ ސިކުނޑިތަކުގައި ކުރެހިގެންދާ ކުރެހުމެއް އެބައޮވެއެވެ. ގައުމިއްޔަތުގެ ރަމްޒެއްގެ ގޮތުގައި މިދެންނެވި ކުރެހުން ދިވެހި ޅަޒުވާނުންގެ ސިކުނޑިތަކަށް ވެއްދޭތޯވެސް ބަޔަކު ކެނޑިނޭޅި މަސައްކަތް ކުރަމުންދާތީ ފެނެއެވެ. މިދެންނެވި ކުރެހުމަކީ ކޮބައިތޯއެވެ. އެ ކުރެހުމަކީ ކަޅުވަކަރު މިސްކިތޭ އެކިޔާ ބިނާއެވެ. ނިކަން ދޭތެރެ އަވަސްކޮށް މާލޭގެ އެއްތަނުން އަނެއް ތަނަށް ނަގުލުވުމުގެ ރިކޯޑު ލިބިގެންވާ ބިނާއެކެވެ. މި ބިނާ މިހާރު އެހެރީ ކުރީގެ ސަލްޓަން ޕާކުގެ ހުޅަނގު އުތުރު ކަނުގައެވެ. މިސްކިތެކޭ ކިޔަސް އެއީ ހަގީގަތުގައި މިސްކިތެއް ނޫނެވެ. އެއީ މޮނިއުމަންޓެކެވެ. ބަޣާވާތެއްގެ ހަނދާނީ ބިނާއެކެވެ. ގައުމިއްޔަތުގެ ރަމްޒެކޭ ހީކުޅަޔަސް އެކަހަލަ ރަމްޒެއް ނޫނެވެ. އަނިޔާވެރިކަމުގެ ރަމްޒެކެވެ. ދެން ތަރިކައަކަށް ވަންޏާ ވާންވީއެވެ. ފަންނުވެރިކަމުގެ ރަމްޒަކަށް ހަދަންޏާ ހަދަންވީއެވެ.

މި ބިނާގެ ތައާރަފުގައި އަޅުގަނޑުގެ އަމިއްލަ އިބާރާތް ބޭނުންކުރުމުގެ ބަދަލުގައި ޚިޔާރުކުރާހިތް އޮތީ ދިވެހި ތާރީޚުގެ އެންމެ އިސްފޮތް ކަމުގައިވާ "ތާރީޚު އިސްލާމި ދީބާ މަހަލް" ގައި ރާއްޖޭގެ ކުރީގެ އިސް ފަނޑިޔާރު އަލްގާޟީ އިބްރާހިމް ސިރާޖުއްދީނު ލިޔުއްވާފައިވާ ޖުމްލަތަކެވެ. އެއީ އަލްގާޟީ ހަސަން ތާޖުއްދީނުގެ ކާފަދަރިކަލުންނެވެ. އެ މަނިކުފާނު ލިޔުއްވާފައިވެއެވެ. ސުލްތާން މުހައްމަދު ޣިޔާޘުއްދީނު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންނެވިތަނާ ބަރޯސީ ޖަހައި އެރަދުން ކަނޑު ފައްތައި ޝަހީދުކޮށް ބަޔަކު ރަސްކަން ފޭރިގެންފިއެވެ. މިކަންކަމުގެ މުގުލުގައިހުރި މީހަކީ ހުރާގޭ މުހައްމަދު މަނިކުފާނެވެ. މީނާގެ އަމުރަށް ޣިޔާޘުއްދީނުގެ އަމިއްލަފުޅު ގަނޑުވަރާއި އެރަދުންގެ ގާތްތިމާގެ އެންމެންގެ ގޭގެވެސް މުގުރައި މުދާތައް ފޭރިގެންފިއެވެ. މީގެ އިތުރަށް ތަފާތު އިލްމު އުނގެނޭ ކުދިންގެ އަތުން ފޮތްތައް ފޭރި މި މުހައްމަދު މަނިކުފާނުގެ އެކުވެރިން ނޫން ބަޔަކު އިލްމު އުނގެނުންވެސް މަނާކޮށްފިއެވެ. މީނާ ވެރިކަން ހިންގީ ސުލްތާން މުހައްމަދު ޝަމްސުއްދީނު ދެވަނައިގެ ނަމުގައެވެ.

މިމަގުން މި ޖަރީމާ ހިންގުމަށްފަހު މަތިއޮމާންކޮށް ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް މި މުހައްމަދު މަނިކުފާނު އިއުލާން ކުޅައެވެ. އަހުރެން ނަދުރެއް ބުނީމެވެ. އެނަދުރަކީ މާތް ރަސްކަލާނގެ އަހުރެންނަށް ރަސްކަން މިލްކުކޮށްދެއްވައިފިއްޔާ ޣިޔާޘުއްދީނުގެ ގަނޑުވަރު ތަޅައިލައި ހަމައެތަނުގައި މިސްކިތެއް ބިނާކުރާހުށީމެވެ. މިފަށަނީ މިސްކިތް ބިނާކުރުމުގެ މަސައްކަތެވެ. ދެންފަހެ އެއްކަލަ ގަނޑުވަރުހުރި ތަނުގައި ބިނާއެއް ހަދައި އެތަނަށް ކަޅުވަކަރު މިސްކިތޭ ކިޔައި ނަންދީފިއެވެ. މި ބިނާގެ މަސައްކަތް ނިމުނީ އެތައް އަހަރެއް ފަހުން ސުލްތާން ހަސަން ނޫރައްދީނު އެއްވަނައިގެ ރަސްކަމުގެ ތެރޭގައެވެ. މިވާހަކަ ބަޔާން ކުރެއްވުމަށްފަހު ފަނޑިޔާރު މަނިކުފާނު އަދިވެސް ލިޔުއްވައިފައިވެއެވެ. އުރެދުމަކަށްވާ ކަމެއްގައި ނަދުރު ބުނުން ސައްހައެއް ނުވާނެއެވެ. މާތް ރަސްކަލާނގެއަށް އުރެދުމަކަށްވާ ކަމެއްގައި ނަދުރު ބުނުމެއް ނެތެވެ. މިކަމަށް ރަސޫލާގެ ހަދީސްފުޅުތަކުން އެތައް އެތައް ދަލީލުވެސް ދައްކަވައިފައިވެއެވެ.

މިކަމުގެ މައްޗަށް ދަލީލު ދައްކަވަމުން ތާރީޚު އިސްލާމި ދީބާ މަހަލްގައި އަދިވެސް ފަނޑިޔާރު މަނިކުފާނު ލިޔުއްވައިފައިވެއެވެ. އިމާމު ޣަޒާލީ އެކަލޭގެފާނުގެ އިހްޔާއު އުލޫމުއްދީނި، މިފޮތުގައި ވިދާޅުވެފައިވެއެވެ. އަސްބުން ފޭރިގެންފައިވާ ބިމެއްގައި އަދި ހަމައެގޮތަށް އަނިޔާވެރި މަގުން އަސްބުން ފޭރިގަނެވޭ ލަކުޑިޔާއި އެފަދަ ތަކެތިން އަޅާ މިސްކިތަކަށް ވަނުން ހުއްދައެއްވެސް ނުވާހުއްޓެވެ. އިމާމު މީހާ ނަމާދުކުރަން ހުރެއްޖެނަމަ އިމާމުގެ ފަހަތުން މިސްކިތުގެ ބޭރުގައި ނަމާދުކުރާހުށި ކަމެވެ. އަސްބުން ފޭރިފައިވާ ބިމެއްގައި އަސްބުން ފޭރިފައިވާ ތަކެތިން އަޅާފައިވާ މިސްކިތެއްގައި ނަމާދުގެ ފަރުޟުކަންވެސް ކެނޑިދެއެވެ. ނަމަވެސް އިގްތިދާ ވެއްޖެނަމަ ނަމާދު ކަމުދާނެއެވެ. ތަގުވާވެރި ގޮތަކީ އެހެން މިސްކިތަކަށް ދިއުމެވެ. އެހެން މިސްކިތެއް ނުފެނުނުނަމަ ހުކުރު ނަމާދު ކުރުމާއި ޖަމާއަތުގައި ނަމާދުކުރުން ދޫކޮށްނުލާހުށި ކަމެވެ. މިއީ ދިގު މައްސަލައެކެވެ. މިތާގައި ކުރުކޮށް ބަޔާންކުރީއެވެ.

ތާރީޚު އިސްލާމި ދީބާ މަހަލްއަކީ ދިޔަމިގިލީ ބޮޑު ބަންޑާރައިންގެ އަމުރުފުޅަކަށް އަލްގާޟީ ހަސަން ތާޖުއްދީން އެންމެ ފުރަތަމަ ލިޔުއްވާން ފެއްޓެވި ދިވެހި ތާރީޚެވެ. އެމަނިކުފާނުގެ ފަހަށް މި މަސައްކަތް ކުރެއްވީ އޭރަކު ފަނޑިޔާރު ކަމުގައި ހުންނަވާ ބޭފުޅެކެވެ. މިދެންނެވި ފޮތުގައި މަތީގައި ބަޔާންކުރެވުނު ވާހަކަ ވާހަކަ ލިޔުއްވި އަލްގާޟީ އިބްރާހިމް ސިރާޖުއްދީނަކީ މިކަންކަން އަމިއްލަފުޅަށް ދެކެވަޑައިގެން އެކަންކަމުގެ މައުލޫމާތު އެނގިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އެގޮތުން އެމަނިކުފާނުގެ ޒިންމާ އަމާނާތްތެރިކަމާއެކު އަދާކުރެއްވީއެވެ. އަދި ދީނުގެ މަގަށް ދިވެހިން އަހުލުވެރި ކުރުވުމުގެ ޒިންމާ އުފުއްލަވަން ހުންނެވި ފަނޑިޔާރާގެ ގޮތުގައި ކަޅުވަކަރު މިސްކިތާމެދު އެމަނިކުފާނުގެ ރައުޔާއި ފަތުވާވެސް ހާމަކުރެއްވީއެވެ. ޒަމާންތައް ފާއިތުވަމުންގޮސް މިއަދު މިތިބަ ދިވެހީންނަށް މި މޮނިއުމަންޓްގެ ތާރީޚު އޮޅި އެއީ ބަރަކާތްތެރިވެގެންވާ މިސްކިތަކަށް ހަދައިފިއެވެ. ހުރުމަތްތެރިވެގެންވާ ގައުމީ ތަރިކައަކަށްވެސް ހަދައިފިއެވެ.

ކަޅުވަކަރު މިސްކިތޭ އެކިޔާ ބިނާ މިއަދު އެހެރީ ފޭރިގެންފައިވާ ބިމެއްގައެއް ނޫނެވެ. އެންމެ އިހަށް ހުރީ ފޭރިގަނެވުނު ބިމެއްގައެވެ. އެއީ މިހާރު އަމީނިއްޔާ ސްކޫލް ހުރި ބިމެވެ. ޣިޔާޘުއްދީނުގެ ގަނޑުވަރު ހުރީ އެތަނުގައެވެ. މިއަދު އެބިނާ އެހެން ބިމެއްގައި ހުއްޓަސް އެބިނާގައި ބޭނުންކޮށްފައިވާ ކަޅުވަކަރަކީ ޣިޔާޘުއްދީނުގެ ގަނޑުވަރު ތަޅައި އެތަނުން ފޭރިގަނެވުނު ކަޅުވަކަރެވެ. އެއީ ތާރީޚުން ސާފުވެ އެނގެންއޮތް ހަގީގަތެކެވެ. ކޮންމެއަކަސް މިސްކިތެއްގެ ނަމުގައިވާ އެބިނާގެ ފެށުންއޮތީ މިދެންނެވިހެން ބޮޑު ނުބައެއްގެ ތެރޭގައެވެ. ވަރަށް ބޮޑު ނުބައެއްގެ ތެރޭގައެވެ. އެއީ ހެޔޮވެގެންވާ މަގުން ބިނާކުރި މިސްކިތެއް ނޫނެވެ. އެއީ ބަޣާވާތެއްގެ ރަމްޒެކެވެ. ހުރަވީންގެ ރަސްކަމުގެ ރަމްޒެކެވެ. ސިޔާސީ މޮނިއުމަންޓެކެވެ. އެއީ ޖައްބާރުކަމާއެކު މީހަކު ޝަހީދުކޮށް އެމީހާގެ ގޯތިގެދޮރާއި މުދައު ފޭރި އެތަކެތިން ހެދި ބިނާއެކެވެ. އެހެންވީމާ ދީނާއި ދުނިޔަވީ ގޮތުންވެސް އެއީ ހުރުމަތްތެރިވެގެންވާ ތަރިކައެކޭ ބުނެވޭނެ ޖާގައެއް ނެތެވެ.