މާލޭގެ ހުކުރު މިސްކިތް ވަށައިގެންވާ ބޮޑު ސަރަހައްދެއް ބަފާ ޒޯނެއް ގޮތަށް، ކަލްޗަރަލް ޒޯނެއް ކަނޑައެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކު، މާލޭ ހުކުރު މިސްކިތް ވަށައިގެން ބަފާ ޒޯނެއް ގޮތަށް ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ނިިންމަވައިފައިވާ ކަމަށެވެ.

މިގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ހެރިޓޭޖު މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

މި ކަރުދާހުގައި ވަނީ، މާލޭ ހުކުރު މިސްކިތް ވަށައިގެން ބަފާ ޒޯނެއް ގޮތުގައި، ކަލްޗަރަލް ޒޯނެއް ކަނޑައެޅި، އެކަމުގެ ގަވާއިދުތަކާއި އުސޫލުތައް ހިމެނުމަކީ ޔުނެސްކޯ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި އެ މިސްކިތް ހިމެނުމަށް ކުރަންޖެހޭ މުހިންމު ކަމެއް ކަމަށެވެ.

އެގޮތުން މިފަދަ ކަލްޗަރަލް ޒޯނެއް ތަރައްގީ ކުރުމުގެ މަގުސަދުތަކުގެ ތެރޭގައި ހުކުރު މިސްކިތަށް ރައްކާތެރިކަން ހޯދައިދިނުމާއި މާލޭ ހުކުރު މިސްކިތް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމުގެ ފުރުސަތު ބޮޑުކުރުމާއި އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހައިން މައުލޫމާތު ލިބި، މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ އާ ދޮރުތަކެއް ހުޅުވައި ދިނުމާއި އިގުތިސޯދަށްވެސް ހެޔޮބަދަލުތަކެއް އައުމަށް މަގުފަހިކުރުން ވެސް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ކަނޑައެޅުއްވި ކަލްޗަރަލް ޒޯންގެ އިމުގެ ތެރޭގައި މިހާރު ފެންނަން ހުރި މާލޭގެ މުސްކުޅި އެކި ބިނާތައް ހިމެނެއެވެ. އެގޮތުން މާލޭ ހުކުރު މިސްކިތް، މެދުޒިޔާރަތް މުލީއާގެ، ދަރުމަވަންތަ ރަސްގެފާނު މިސްކިތް، އުސްގެކޮޅު، ކަޅުވަކަރު މިސްކިތް، ބަންޑާރަ ކޮށި، އިހުގެ ނާދީ އިމާރާތް އަދި ދާރުލްއުލޫމްގެ އިތުރުން ޖުމްހޫރީ މައިދާންވެސް ހިމެނެއެވެ.

މާލޭގެ ދުވަސްވީ ތަރީހާއި އާސާރީ ބިނާތަކަށް ހިމާޔަތް ލިބޭގޮތަށް މި ސަރަހައްދުގައި ކަލްޗަރަލް ޒޯނެއް ކަނޑައެޅުމަކީ މުހިންމު ކަމެއްކަން ފާހަގަކޮށް، މިފަދަ ކަލްޗަރަލް ޒޯނެއް ތައާރަފު ކުރާއިރު، މި ޒޯނުގެ ކަންކަން ހިނގާނެ ގަވާއިދާއި އުސޫލެއް އޮންނާނެކަން ވަޒީރުންގެ މަޖުލީހަށް މިކަމާ ބެހޭގޮތުން ހުށަހަޅާފައިވާ ކަރުދާހުގައި ފާހަގަކޮށްފައިވެއެވެ.