ކުޅިވަރު

ދެވަނައެއް ނުވާ ސަޕޯޓަރުންނަށް ދަގަނޑޭގެ ހިތުގެ ފުންމިނުން ޝުކުރު

އޭއެފްސީ ބްރެކެޓް ޗެލެންޖުގައި ލިބުނު ބޮޑު ކާމިޔާބީއާއެކު ދެގޮތެއް ނުވާ ސަޕޯޓަރުން ދިން ލޯތްބަށް އަލީ އަޝްފާގު (ދަގަނޑޭ) ދިވެހީންނަށް ހާއްސަ ޝުކުރެއް އަދާކޮށްފިއެވެ.

އޭއެފްސީގެ ޕޮޕިއުލާރިޓީ ކޮންޓެސްޓެއް ކަމަށްވާ ބްރެކެޓް ޗެލެންޖުގައި އަލީ އަޝްފާގު (ދަގަނޑޭ)، ޖެހި ގޯލް ސެމީ ފައިނަލަށް ގެންދިޔުމަށް ދިވެހީން ދެއްކީ އެއްބައިވަންތަ، ގައުމީ ރޫހުގެ މަންޒަރެކެވެ. ގާތްގަނޑަކަށް 95 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވިއެޓްނާމްގެ ހަނޯއީ އެފްސީއަށް ކުޅެމުން އަންނަ އެގައުމަށް ނިސްބަތްވާ ގުއެން ވެންކުއާ އާ ދެކޮޅަށް ދަގަނޑޭ ވާދަކުރިއިރު، އޭނާ ބަލިކުރުމަށް ދިވެހީންގެ ފަރާތުން ދެއްކި ހިތްވަރަށް ދަގަނޑޭ ވަނީ ނުހަނު ބޮޑަށް ތައުރީފު ކޮށްފައެވެ.

ދަގަނޑޭގެ މީސް މީޑިއާ މެދުވެރިކޮށް ފޮނުވި މެސެޖުގައި ބުނެފައި ވަނީ ސަޕޯޓަރުންނާއި ދިވެހި އެންމެހާ ރައްޔިތުން ދެއްވި ވޯޓާއި، ވޯޓު ހޯއްދެވުމަށް ކުރެއްވި މަސައްކަތަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވާ ކަމަށެވެ. އަދި ދެވަނައެއް ނުވާ ސަޕޯޓަރުން އެކުގައި ތިބުމަކީ ނުހަނު އުފާ ކުރާކަމެއް ކަމަށްވެސް ދަގަނޑޭ ބުނެފައި ވެއެވެ.

ބްރެކެޓް ޗެލެންޖުގެ ކުއާޓާ ފައިނަލްގައި ހައިރާން ކުރުވަނިވި ވާދަވެރިކަމަކުން ދިވެހީން ކުރިހޯދީ 51.45 - 48.55 އިންސައްތައިންނެވެ.

ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ ދަގަނޑޭގެ ގޯލަކީ 2013 ވަނަ އަހަރު އިންޑޮނޭޝިއާގެ ޕެރިސިބޯއާ ދެކޮޅަށް ނިއު ރޭޑިއަންޓް ޖާޒީގައި ދަގަނޑޭ ޖެހި ހިތްގައިމު ސޯލޯ ގޯލެކެވެ. އިންޑޮނޭޝިއާގެ ޕެރްސިބޯ ކޮޅަށް ޖެހި ގޯލަކީ އޭއެފްސީގެ ތާރީހުގައިވެސް ޖަހާފައިވާ އެންމެ ހުނަރިވެރި އެއް ގޯލެވެ. ނިއުއިން އެ މެޗު 7-0ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާއިރު، އެ ގޯލަށް މުޅި އޭޝިއާގެ އިތުރުން ދުނިޔޭގެ ފުޓުބޯޅައިގެ އެތައް ބަޔަކު ވަނީ ތައުރީފު ކޮށްފައެވެ.