ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް

އިތުބާރު ނެތްކަމުގެ މައްސަލަ: މީކާއިލް ގޮވައިގެން މަލީހު ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ

ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހައްގެއްގެ ބޭނުން ހިފުމުން އަދަބު ދޭން އުޅުމަކީ ދުސްތޫރުގައި ކޮޅުފައިން ޖެހުން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ގޮވައިގެން ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރުކަމުގައި ހުންނެވި މަލީހުގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށްދިނުމަށް އެދިވަޑައިގެން މީކާއިލް ވަނީ އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕަށް ހުށަހަޅައިފަ އެވެ. އެ މައްސަލައިގައި ރެއާއި ހަމައަށް އެމްޑީޕީގެ 10 މެންބަރުން ވަނީ ސޮއިކުރައްވައިފަ އެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާ ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ، ޓެލެކޮމިއުނިކޭޝަންގެ ގާނޫނުގެ ދަށުން ރާއްޖޭގެ ކޮމިއުނިކޭޝަން އޮތޯރިޓީ (ކޭމް) އިން ހަދަން ޖެހޭ އެއްވެސް ގަވާއިދެއް މަގާމުގައި ހުންނަވާތާ ދެ އަހަރުވީ އިރުވެސް މަލީހު ހައްދަވާފައި ނުވާތީ އެވެ. އަދި އެ ގަވާއިދުތަކަކީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވާއިދުތަކެއްގެ އިތުރުން އެ ގަވާއިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދައުލަތަށާއި ރައްޔިތުންނަށް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން މަލީހު މިއަދު "ވަން" އަށް ވިދާޅުވީ، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަނީ ވީޓީވީގެ ޕްރޮގްރާމެއްގައި ފާޅުކުރެއްވި ޝުއޫރަކާ ގުޅިގެން، ބަހަނާއެއްގެ ދެއްކުމަށްފަހުގައި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ނަމަވެސް ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހައްގެއްގެ ބޭނުން ހިފުމުން އަދަބު ދޭން އުޅުމަކީ ދުސްތޫރުގައި ކޮޅުފައިން ޖަހައި، ޑިމޮކްރަސީގެ އަސާސްތައް ފުނޑުފުނޑު ކޮށްލުން ކަމަށާއި އެއީ ބިރުގެންނެވުމުގެ އަމަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މައްސަލައިގައި މީކާއިލް ގޮވައިގެން ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑަކީ ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާނެ މީހެއް ނޫން،" މަލީހު ވިދާޅުވި އެވެ.

ވީޓީވީން މިދިޔަ ހުކުރު ދުވަހު ގެނެސްދިން ޕްރޮގްރާމެއްގައި މަލީހު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ގާނޫނު ހަދާ ތަނެއް ކަމަށާއި ސަރުކާރު ހިންގަންވީ ސިޔާސަތެއް އެ މަޖިލީހަށް ކަނޑަ ނޭޅޭނެ ކަމަށެވެ. ރާއްޖޭގައި ބަރުލަމާނީ ނިޒާމަކަށް ޖާގަ ނުދެއްވާނެ ކަމަށް ވެސް އެ ޕްރޮގްރާމުގައި މަލީހު ވިދާޅުވި އެވެ.

އެ ވާހަކަތަކާ ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެންބަރުން ގެންދަވަނީ މަލީހާ މެދު ނުރުހުން ފާޅުކުރައްވަމުންނެވެ.

މަލީހު އިތުރަށް ވިދާޅުވީ، އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ހަވާލާދީފައިވާ ގާނޫނު ނުބައިކޮށް ޝަރަހަކޮށްފައިވާ ކަމަށެވެ. އެހެންކަމުން މައްސަލައިގެ ކުރިން ކޭމް ހިނގާ ގޮތް، މެންބަރުން އޮޅުން ފިލުއްވުން މުހިންމު ކަމަށް ވިދާޅުވި އެވެ.

"2015 ވަނަ އަހަރު ފާސްކުރި ޓެލެކޮމިއުނިކޭޝަންގެ ގާނޫޫނުން ކޭމް އަށް މަތިކުރި ކަމެއްގެ ޒިންމާ މި ސަރުކާރުގެ މިނިސްޓަރަކު އުފުލާކަށް ނުޖެހޭ. ކަނޑައެޅިގެން ދޮގު މައުލޫމާތު ހިމެނޭ ގަރާރެއް. މީކާއިލް ތިއޮތީ ނުވަ މެންބަރަކު ގުއި ރޯނުގަ ޖައްސާފަ. ލަދުން ސަލާމަތްވުމަށް އަވަހަށް ސޮއި އަނބުރާ ގެންދަވާ!،" މީކާއިލްގެ ގަރާރަށް އިޝާރާތް ކުރައްވައި މަލީހު ވިދާޅުވި އެވެ.