ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ޔައުގޫބުގެ ގޮނޑި ގެއްލިފައިވާ ކަމަށް އެކޯޓުން ކަނޑައަޅައެއް ނުދިނެވެ.

ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމްގައި މި މައްސަަލަ ބެއްލެވި 5 ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާފައި ވަނީ، އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސްގެ ވަގުތި ކައުންސިލް މެންބަރުކަން، މެންބަރު ގަބޫލު ކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އަދާކުރުން މަނާ ވަޒީފާއެއް ނޫން ކަމަށެވެ.

ޔައުގޫބްގެ މެމްބަރުކަމުގެ ގޮނޑިއާ މެދު ސުވާލު އުފައްދައި އެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅައި ިދނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅީ، ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި، އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (އައިސީއޭއެމް) މެމްބަރު ކަމާ އޭނާ ހަވާލުވެ ވަޑައިގަތުމުންނެވެ.

މަޖިލިސް މެމްބަރުން ދައުލަތުގެ އެހެން ވަޒީފާއެއް އަދާކުރުމަކީ މަނާކަމެއް ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާތީ، ޔައުގޫބްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށްއެދި ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހަައްމަދު ހަލީމް އާއި ވަކީލް އައްސަދު ޝަރީފެވެ.

އެ މައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ މެމްބަރުން ދައުލަތުގެ އެހެން ވަޒީފާއެއް އަދާކުރުން ގާނޫނުއަސާސީން މަނާކުރީ ސަރުކާރުގެ ނުފޫޒެއް ނެތި، ތިން ބާރު ވަކިވުމުގެ އުސޫލާ އެއްގޮތަށް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަން ފުރުސަތު ދިނުމަށް ކަމަށެވެ. ގާނޫނުއަސާސީގައި ދައުލަތުގެ ވަޒީފާއަކީ ކޮބައިކަން ބުނެދީފައި ނެތަސް، ފަންނީ ދާއިރާތައް އަމިއްލަ އަށް ރެގިއުލޭޓް ކުރަން ގާނޫނުތަކުން އުފެދޭ ކައުންސިލްތަކަކީ ދައުލަތުގެ ވަޒީފާއެއް ނޫން ކަމަށާއި ސަބަބަކީ އެފަދަ ކައުންސިލްތަކުގެ މަސައްކަތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ސަރުކާރަށް ނޯންނާތީ ކަމަށް ވެސް ހުކުމްގައި ބުނެފައިވެއެވެ.

އެހެންކަމުން ޔައުގޫބް ހަވާލުވެ ވަޑައިގަތް އައިސީއޭއެމްގެ މެމްބަރު ކަމަކީ ދައުލަތުގެ ވަޒީފާއެއް ނޫން ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

ދައުލަތުގެ އެހެން ވަޒީފާއެއް އަދާކުރުން މެމްބަރުންނަށް ގާނޫނުއަސާސީން މަނާވިޔަސް، އެފަދަ ވަޒީފާއެއް އަދާކޮށްފި ނަމަ އަމަލު ކުރާނެ ގޮތެއް ގާނޫނުއަސާސީގައި ބުނެފައިނުވާ ކަމަށް ހުކުމްގައި ވެއެވެ.

ހުކުމުގައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކުރާ ކަންކަމުގެ ނަތީޖާއަކީ ކޮބައިކަން ގާނޫނުއަސާސީގައި ބުނެފައި ނެތް ނަމަ ކޯޓުތަކުން އަމިއްލައަށް އިތުރު ފިޔަވަޅުތައް އެޅުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށެވެ. އެއީ ގާނޫނު ހެދުމުގެ ބާރުގެ ތެރެއަށް ކޯޓުތަކުން ވަނުން ކަމަށާއި މަނާ ކަމެއް ކުރުމުން ވަކިި ނަތީޖާއެއް ނުކުންނަ ނަމަ، އެކަން ގާނޫނުއަސާސީގައި ބުނެފައި އޮންނާނެ ކަމަށް ހުކުމުގައިވެ އެވެ. އަދި ގާނޫނުއަސާސީގައި ބުނެފައި ނުވާ ކަމެއް ލަފައެއްގެ މައްޗަށް ބިނާކޮށް ކޯޓުތަކުން ކަންކަން ނުނިންމޭނެ ކަމަށާއި އެކަން ކުރުމަކީ ކޯޓުތަކުން އަމިއްލަ އަށް ގާނޫނުއަސާސީ އަށް އުނި އިތުރު ގެނައުން ކަމަށާއި، ޔައުގޫބްގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް ނިންމައިފި ނަމަ، އެއީ ސުޕްރީމް ކޯޓުން އަމިއްލަ އަށް ގާނޫނުއަސާސީ އިސްލާހު ކުރުން ކަމަށް ވެދާނެ އެކަމަކު އެ ބާރު އޮތީ މަޖިލީހަށް އެކަނި ކަމަށް ވެސް ހުކުމުގައި ބުނެފައިވެއެވެ.

ޔައުގޫބް ހަވާލުވެވަޑައިގަތީ ދައުލަތުގެ ވަޒީފާއަކާ ނޫން ކަމަށާއި ގާނޫނުއަސާސީގައި ކުރުން މަނާކަމެއް ކުރުމަކީ މެމްބަރުކަން ގެއްލޭނެ ހާލަތެއް ނޫން ކަމަށް ވާތީ، އެއީ ޔައުގޫބްގެ މެމްބަރުކަން ގެއްލޭނެ ކަމެއް ނޫން ކަމަށް ހުކުމްކުރީ ކަމަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްގައި ވަނީ ކަނޑައަޅައިފައެވެ.