ޒުވާނުންނަށް ވަޒީފާ މުހިއްމުވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ބަލައިގަންނަ ކަންބޮޑުވުންތަކެއް ނަމަވެސް، ޔޫތު މިނިސްޓްރީ އިސްވެ ވަޒީފާތައް ނުއުފެއްދޭނެ ކަމަށް ޒުވާނުންގެ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ބަޖެޓް ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، މިނިސްޓްރީއަކީ ވަޒީފާ އުފައްދާނެ އިދާރާއެއް ނޫން ކަމަށާއި، އެކަމަށް ފުރުސަތު ފަހިކޮށްދޭން ކުރެވުނު ހުރިހާ ކަމެއް ސްޓޭކް ހޯލްޑަރެއްގެ ގޮތުގައި ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ވަރަށް ގިނައިން ބުނާނެ ޒުވާނުންނަށް ފުޓްސަލް ދަނޑަކަށްވުރެ މުހިއްމީ ވަޒީފާއޭ. އެކަން އެނގޭ އަޅުގަނޑަށްވެސް. ޔޫތު މިނިސްޓްރީއަކީ ވަޒީފާ އުފައްދާ ތަނެއް ނޫން. ޔޫތު މިނިސްޓްރީއަކީ ވަޒީފާގެ ބާޒާރުގައި ރާއްޖޭގައި ވަޒީފާ އުފެއްދުމަށް ކުރާ މަސައްކަތުގައި ބޮޑު ބައެއް އަދާކޮށްދޭ އެއް ބައި. އެކަމަކު ވަޒީފާއެއް ނުއެއް އުފައްދާނެ މިނިސްޓްރީއަކުން. އެކަމަކު އެ ޝަކުވާތައް ބަލައިގަންނަން،" ވަޒީރު ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ ޒުވާނުންނާ ގުޅޭ މައްސަލަތަކަށްވެސް މިނިސްޓްރީން ވަންނާނީ ސްޓޭކް ހޯލްޑަރެއްގެ ގޮތުގައި ކަމަށާއި، މައްސަލަތައް ހައްލު ކުރުމަށް އަބަދުވެސް ޖޮއިންޓް މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ.

"ޒުވާނުންނާ ގުޅޭ ހުރިހާ ދާއިރާއަކުން ބަޖެޓުގައި ހިމެނިފައި އެބަހުރި. ސަރުކާރުގެ މަސައްކަތްތައް ރޭވިފައި ހުންނަ ގޮތުން، ޔޫތުންގެ ހުރިހާ ކަމެއް އިސްނަގައިގެން ބަލާނެ ފަރާތަކީ އަޅުގަނޑު އެކަންޏެއް ނޫން. އެކަމަކު އަޅުގަނޑަކީ މި ހުރިހާ ޒުވާނުންނާ ގުޅޭ މައްސަލަތައް ހައްލުކުރަން. އެންމެ މުހިއްމު ސްޓޭކް ހޯލްޑާ، އެންމެ މުހިއްމު ބައިވެރިޔާ. މިސާލަކަށް ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުން، ނޭޝަނަލް ޑްރަގް އެޖެންސީން މަސްތުވާތަކެތީގެ މައްސަލަ މި ބަލަނީ. ޔޫތު މިނިސްޓްރީން ނުކުމެ ސީދާ މައްސަލަ ހައްލުކުރުމަށް ނުނިކުންނާނެ މިނިސްޓްރީއަކުން. އެކަމަކު މިނިސްޓްރީން ބަރާބަރަށް އެއްބާރުލުން ދޭނެ. ޕޮލިސީ ލެވެލްފައި މަޝްވަރާތައްކޮށް، ޓެކްނިކަލީ އެކަމަކު ބޮޑެތި މަސައްކަތްތަކެއް ޔޫތު މިނިސްޓްރީން ކުރަމުންދަނީ،" މަހުލޫފު ފާހަގަކުރެއްވިއެވެ.

މަހުލޫފު ވިދާޅުވީ މިނިސްޓްރީއާ ގުޅިގެން ހުރިހާ ވަޒީރުންނާއި އެކިއެކި އެޖެންސީތަކުން ރަނގަޅު މަސައްކަތްތަކެއް ކުރައްވާ ކަމަށާއި، އެ ފަރާތްތަކުގެ މެންޑޭޓުގައި ހިމެނޭ ކަންކަމުގައި މިނިސްޓްރީ މަސައްކަތް ކުރާނީ އެ ފަރާތްތަކާ ގުޅިގެން ކަމަށެވެ. އޭގެ އިތުރުން މިނިސްޓަރު ވަނީ ފުޓްސަލް ދަނޑުތައް ގިނަ ކަމަށް ދެކެވޭ ވާހައަކަށްވެސް ރައްދު ދެއްވައިފައެވެ. މަހުލޫފް ވިދާޅުވީ ރަށްރަށުގެ ޒުވާނުން ނޭދޭނެ ކަމެއް އެރަށެއްގައި ނުކުރެވޭނެ ކަމަށާއި، ފުޓްސަލް ދަނޑުތައް ގިނައިން ބަޖެޓް ކުރަނީ، އެންމެ ގިނައިން އެދެނީ ފުޓުބޯޅަ އަދި ފުޓްސަލް ދަނޑަށް ކަމަށްވާތީ ކަމަށެވެ.

"ކުޅިވަރަކީ ސީދާ މިނިސްޓްރީން ކުރާ ކަމެއް. އެހެންވީމަ އެކަމަށް ތަފްސީލުކޮށް މިނިސްޓްރީން ފޯކަސް ކުރަނީ. ވަރަށް ބައިވަރު ކަންކަން ސީދާ ކުޅިވަރަށް ބަޖެޓް ކުރެވިފައި އެބަހުރި. މިދިޔަ ދެ އަހަރު ވަރަށް ގިނަ ކަންކަން ކޮށްފިން. އެންމެ ގިނައީ ފުޓުބޯޅަ ދަނޑު، ފުޓްސަލް ދަނޑު. ސަބަބަކީ ރަށަކަށް ހަމަ ދާއިރަށް، ޒުވާނުންނާ ބައްދަލު ކުރުމަށް އެދެނީ ފުޓްސަލް ދަނޑަށް، ފުޓުބޯޅަ ދަނޑަށް. ވަރަށް ކަންބޮޑުވުން ފާޅުކޮށްފައި ހުރޭ ހަމައެކަނި ފުޓްސަލް ދަނޑު އަޅާތީ. އެކަަމަކު އެތަނެއްގައި ދިރިއުޅޭ ބަޔަކު ބޭނުންވާ ކަންކަމަށް ތަންތަން ތަރައްގީ ކުރެވޭނީ،" ވަޒީރު ވިދާޅުވިއެވެ.