17 އަހަރުގެ ދިގު ކެރިއަރަކަށްފަހު ކުރިން ބާސެލޯނާ އަދި ލިވަޕޫލަށްވެސް ކުޅުނު އާޖެންޓީނާގެ މިޑްފީލްޑަރު ހާވިއާ މަޝެރާނޯ ރިޓާޔާކޮށްފިއެވެ.
ޔޫރަޕްގައި ގިނަ ކާމިޔާބީތަކެއް ހޯދުމަށްފަހު އެނބުރި ގައުމަށް ގޮސް، އުމުރުން 36 އަހަރުގެ މަޝެރާނޯ އެންމެފަހުން ކުޅެފައި ވަނީ އާޖެންޓީނާގެ ހޯމް ކްލަބު އެސްޓުޑިއަންޓެސްއަށެވެ.
"އަހަރެން މިއަދު އެނައުންސް ކުރަން ބޭނުންވަނީ އަހަރެން ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުން ހުއްޓާލިކަން. އަހަރެންގެ ކެރިއަރު ނިންމާލުމަށް ފުރުސަތު ފަހިކޮށްދިނީތީ މި ކްލަބަށް ޝުކުރު އަދާކުރަން. އާޖެންޓީނާގައި ކެރިއަރު ނިންމާލަން ފުރުސަތު ލިބުމަކީ ލިބުނު ވަރަށް ބޮޑުު ހިތްހަމަ ޖެހުމެއް." މަޝެރާނޯ ބުނެފައި ވެއެވެ.
މަޝެރާނޯގެ ކެރިއަރުގައި އެންމެ ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައި ވަނީ ބާސާގައެވެ. އެ ކްލަބުގައި ހޭދަކުރި އަށް އަހަރު ދުވަހު މަޝެރާނޯ ވަނީ ދެފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ފަސް ފަހަރަށް ސްޕެނިޝް ލީގުވެސް ކާމިޔާބު ކޮށްފައެވެ. އާޖެންޓީނާގެ ގައުމީ ޓީމަށް 147 މެޗު ކުޅެދީފައިވާ މަޝެރާނޯގެ ކެރިއަރު ފެށީ އެގައުމުގެ އެންމެ ވަރުގަދަ އެއް ކްލަބު ރިވާ ޕްލޭޓުންނެވެ.
2006 އަދި 2007 ވަނަ އަހަރު ވެސްޓް ހޭމްއަށް ކުޅުނު މަޝެރާނޯ ވިދާލީ ލިވަޕޫލްގައެވެ. 2007 ވަނަ އަހަރު ލިވަޕޫލާއި އޭސީ މިލާން ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލްގައިވެސް މަޝެރާނޯ ކުޅެފައި ވެއެވެ. އޭގެ އިތުރުން އޭނާ ވަނީ މަދު ދުވަސް ކޮޅަކަށް ޗައިނާ ކްލަބަކަށްވެސް ކުޅެފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު