ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ފަށައިފިއެވެ.

އެ މައްސަލަ މަޖިލީހަށް ވެއްދުމުގައި އިސްކޮށް އުޅުއްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި މަލީހުގެ އިތުބާރުނެތް ކަމަށް މަޖިލީހުން ފާސްކޮށްދިނުމަށް އެދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ބުނެފައިވަނީ ޓެލެކޮމިއުނިކޭޝަންސްގެ ގާނޫނުން މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އިދާރާތަކަށް ކުރުމަށް ލާޒިމުކުރާ ކަންތައްތަކަށް ރިއާޔަތްކޮށް ބަލާއިރު، އެ ގާނޫނުގެ ދަށުން ކޮމިއުނިކޭޝަންސް އޮތޯރިޓީން ހަދަންޖެހޭ އެއްވެސް ގަވާއިދެއް މަގާމުގައި ހުންނަވާތާ ދެ އަހަރުވީއިރުވެސް މިނިސްޓަރު މަލީހު ހަދާފައިނުވާކަން ސާފުކޮށް އެނގޭ ކަމަށާއި މިކަމުގައި ޖަވާބުދާރީވުމަކީ މުއާސަލާތީ ހިދުމަތްތައް ތަންޒީމުކޮށް ހިންގުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއެއްގެ ވަޒީރުގެ ޒިންމާއެއް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެ ގާނޫނުން ހެދުމަށް ލާޒިމުކުރާ ގަވާއިދުތަކަކީ ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވާއިދުތަކަކަށްވެފައި، އެ ގަވާއިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެތަކެއް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށާއި އެ ގަވާއިދުތައް ހެދުމަށް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މުވައްޒަފުން ކުރެއްވި މަސައްކަތަށް ވަޒީރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ދެއްވާފައިނުވުމާއި އެކަމަށް ހުރަސް އަޅުއްވާފައިކަން ސާފުވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

"މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުގައި މުހައްމަދު މަލީހު ޖަމާލް އިތުރަށް ބެހެއްޓުމަކީ މި ޕާޓީގެ އިތުބާރު އޮތް ކަމަކަށް ނުވާތީއާއި، ގިނަ ރައްޔިތުންތަކެއް އޭނާ މަގާމުން ވަކިކުރުމަށް ކަނޑިނޭޅި އެދެމުންދާތީ މިނިސްޓަރި އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުން އޭނާ ވަކިކުރުމަށް ހުށަހެޅީމެވެ.." އެ މައްސަލައިގައި ބުނެފައިވެއެވެ.

ދާދި ފަހުން ވީޓީވީގެ ޕްރޮގްރާމެއްގައި ރާއްޖޭގައި ބަރުލަމާނީ ނިޒާމަކަށް ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހަށް ފާޑުވިދާޅުވުމުން ސޯޝަލް މީޑިއާގައި ބައެއް މަޖިލިސް މެންބަރުންނާއި އެމްޑީޕީގެ ބައެއް މެންބަރުން ވެސް ވަނީ މަލީހަށް ނުރުހުން އަމާޒުކޮށްފައެވެ. އަދި އެކަމާ ގުޅިގެން މަލީހު މަގާމުގެ ޒިންމާ އަދާނުކުރާ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ނުރުހުން ފާޅުނުކޮށް، އެމްޑީޕީގެ ސުޕަ މެޖޯރިޓީއެއް އޮންނަ މަޖިލީހުން އެކަމަށް ހައްލެއް ހޯދުމަށް ވެސް ބައެއް މީހުން ގޮވާލަމުންދިޔައެވެ.