ފްލޫ ކްލިނިކަށް ދައްކާ މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑްގެ ކޭސްތައް މަދުވި ނަމަވެސް ފްލޫ ކްލިނިކުތަކަށް ދައްކާ މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

މީގެ ދެ ހަފުތާ ކުރިން ފުލޫ ކްލިނިކުން ޕޮސިޓިވް ވެފައިވަނީ 6 އިންސައްތަ ސާމްޕްލްއެވެ. އެއީ އޭގެ ކުރީ ހަފްތާއާ އަޅާ ބަލާއިރު ދެ އިންސައްތަ އިތުރު އަދަދެކެވެ.

ޑރ. ނަޒްލާ ވިދާޅުވީ، މިދިޔަ ހަފްތާގައި ފްލޫ ކްލިނިކުން ނެގި 465 ސާމްޕަލްގެ ތެރެއިން 31 ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭގެ މާނައަކީ ފްލޫ ކްލިނިކަށް ދައްކާ މީހުންގެ ތެރެއިން ޕޮޒިޓިވްވާ މީހުންގެ އިއްސައްތަ އަނެއްކާވެސް އިތުރުވީ ކަމަށެވެ.

"މިއީ އަޅުގަޑުމެން ކަންބޮޑު ވާންޖެހޭ ކަމެއް. އެއީ ފްލޫ ކްލިނިކްއިން ޕޮޒިޓިވްވާ މިންވަރު މައްޗަށް ދާނަމަ އޭގެން ދޭހަވަނީ މާލެ ސަރަހައްދުގައި އަނެއްކާވެސް ކޭސް ގިނަވެދާނެކަމުގެ ސިގުނަލުއެއް." ޑރ. ނަޒްލާ ވިދާޅުވިއެވެ.

މި ފަހަކަށް އައިސް ކޮވިޑްގެ ކޭސްތައް ފެންނަމުން އައީ 50 އަށްވުރެ ދަށުންނެވެ. ނަމަވެސް މި ދެ ތިން ދުވަހު ކޭސްތައް ވަނީ ކޮންމެވެސް ވަރަކަށް އިތުރުވެފައެވެ. އެގޮތުން މިއަދު ވެސް 50 މީހުން ޕޮޒިޓިވްވެފައިވެއެވެ.