ހއ. ކެލާގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ކެލާގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކަނޑައަޅާފައިވާ 864،414 އަކަފޫޓުގެ ބިމާއި އަދި އެ ބިމާ ގުޅުވައިގެން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަހައްދުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވައިލުމަށް ނިންމާފައިވާ ކަމަށެވެ.

އިއުލާނުގައި ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 26ގެ މެންދުރު 1:00 ގައި ވާޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، އަންނަ މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ޓޫރިޒަމް މިިނިސްޓްރީއަށް ހާޒިރުވެ، ބީލަން ހުށަހަޅަން ވާނެ ކަމަށެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް މިމަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ޓޫރިޒަމް މިނިސްޓްރީގެ އީމެއިލް [email protected] އަށް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް، މެއިލް ކުރުން އެދޭ ކަމަށްވެސް އިއުލާނުގައި ބުންޏެވެ.

ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމް ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓް (https://www.tourism.gov.mv/) އިން ލިބެން ހުންނާނެއެވެ. ބީލަން ފޮތް މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން މެންދުރު 1:00 އާ ދެމެދު ޓޫރިޒަމް މިނިސްޓްރީގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމާ ގުޅޭ އިތުރު މައުލޫމާތު ބޭނުން ނަމަ އަންނަ މަހުގެ 15 ގެ މެންދުރު 1:00 ގެ ކުރިން އެ މިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރުން އެދޭ ކަމަށެވެ.