"ރާއްޖެއަށް ލިބުނީ ދެ ނިއުމަތެއް. އެއީ ނަލަ ނަލަ ހުދު ދޮންވެލި ބީޗަކާއި، ދަގަނޑޭގެ ވާތު ފައި،" އަލީ އަޝްފާގު (ދަގަނޑޭ)ގެ މުހިއްމުކަން ބަޔާންކޮށްދިނުމަށް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވެފައި ވެއެވެ.
ދިވެހީން ދަގަނޑޭ ބަލައިގަންނަނީވެސް އެހާމެ ލޯތްބާއެކުއެވެ. ދަގަނޑޭއަކީ ފުޓުބޯޅަ ލެޖެންޑެއްގެ އިތުރުން ދިވެހީންގެ ލޯތްބާއި އިހުތިރާމް ލިބިފައިވާ އެންމެ ވަރުގަދަ އެއް ޝަހުސިއްޔަތެވެ. އެކަން އެތައް ފަހަރެއްގެ މަތިން ދިވެހީން ވަނީ ދައްކައިވެސް ދީފައެވެ. މިހާރުވެސް މުޅި މީސް މީޑިއާގައި އެކީ އެކައްޗަކަށް ދަގަނޑޭގެ ވާހަކަ ދައުރުވާ ކަމީ އެކަމުގެ ހެއްކެއްވެސް މެއެވެ. ސާބަސް ދިވެހީންގެ ހޭޝްޓެގަކާއެކު މުޅި މީސް މީޑިއާގައި ދަގަނޑޭއަށް އޭއެފްސީ ބްރެކެޓް ޗެލެންޖުގައި ވޯޓު ހޯދުމަށް ހުރިހާ ދިވެހީން ޝެއާ ކުރާ ޕޯސްޓްތަކުން ފަހުރުވެރި ކޮށްދީފިއެވެ.
އޭއެފްސީ ކަޕްގެ އެންމެ މޮޅު ގޯލްތައް ހޮވުމަށް އޭޝިއަން ކަޕުން ކުރިއަށް ގެންދާ ބްރެކެޓް ޗެލެންޖަކީ އޮންލައިން ޕޮޕިއުލާރިޓީ ވޯޓެކެވެ. ދުނިޔޭގެ އެންމެ ބޮޑު ކޮންޓިނެންޓް ކަމަށްވާ އޭޝިއާގައި ޕޮޕިއުލާރިޓީ ވޯޓަކުން މޮޅުވުމަކީ އުނދަގޫ ކަމެއް ނަމަވެސް، ދަގަނޑޭގެ ހުނަރާއެކު އެ ޝަރަފު ރާއްޖެއަށްވެސް ލިބުނެވެ. އޭއެފްސީން މީގެ ކުރިން ހޮވި އެންމެ މޮޅު ގޯލަކަށް ދަގަނޑޭގެ ސޯލޯ މޮޅު ގޯލެއް ހޮވިފައި ވެއެވެ. އެއީ ހަތަރު ލައްކައެއްހާ މީހުން ދިރިއުޅޭ މި ކުޑަކުޑަ ރާއްޖެއަށް ބޮޑު ޝަރަފެކެވެ. އެއީ ދަގަނޑޭގެ ޝަރަފަށްޓަކައި ދިވެހީން ތަކުރާރުވެސް ކުރާނެ ކަމެކެވެ.
ބްރެކެޓް ޗެލެންޖްގެ ކުއާޓާ ފައިނަލްގައި ދަގަނޑޭ އާއި ވާދަކުރަނީ އާބާދީ ބޮޑު ވިއެޓްނާމްގެ ކުޅުންތެރިޔަކާއެވެ. 95 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވިއެޓްނާމްގެ ހަނޯއީ އެފްސީއަށް ކުޅެމުން އަންނަ އެގައުމަށް ނިސްބަތްވާ ގުއެން ވެންކުއާ އާ ދެކޮޅަށް ދަގަނޑޭ ވާދަކުރި ވޯޓު ފެށިގެން ގިނަ އިރުތަކެއްވީއިރުވެސް ދަގަނޑޭ އޮތީ ބޮޑުތަނުން ފަހަތުގައެވެ. 10 ޕަސެންޓާއި 90 ޕަސެންޓާ ދެމެދުގެ ބޮޑު ފަރަގެއްގައި ހޮނިހިރު ދުވަހު ހަވީރާ ޖެހެންދެންވެސް ވޯޓުގެ ނަތީޖާ އޮތް އިރު، އެ މަންޒަރު ބަލަން ތިބެން ދިވެހީންނަށް ކެތެއް ނުވި އެވެ.
އެހިސާބުން ފެށިގެން އަޅަން ފެށި ވޯޓާއެކު ގާތްގަނޑަކަށް 12 ވަރަކަށް ގަޑިއިރު ތެރޭގައި ދިވެހީން އެ ނަތީޖާ އަނބުރާލައިފިއެވެ. މިއަދު މެންދުރު 1:00 އަށް ވޯޓު ލުމުގެ ފުރުސަތު ބަންދުވާއިރު، ނަތީޖާ މިވަގުތު އޮތީ 49.92 ޕަސެންޓް ދަގަނޑޭއަށް އަދި 50.08 ޕަސެންޓް ވެއިޓްނާމްގެ ގުއެން ވެންކުއާ އަށެވެ. މިއީ ދިވެހީން ހިތްވަރެއްލައި އެތައް މިލިއަން މީހުންނެއްގެ އާބާދީ އޮތް ވިއެޓްނާމް ބަލިކޮށްލަން ހިފަންވީ ވަގުތެވެ. އުނދަގޫ ކަމެއް ނަމަވެސް ދަގަނޑޭއަށް ޓަކައި، ދިވެހި ގައުމަށްޓަކައި ދިވެހީން ފަހަށް ނުޖެހޭނެކަން ޔަގީނެވެ.
ޗެލެންޖުގައި ވާދަކުރުމަށް ހޮވާފައިވަނީ 2013 ވަނަ އަހަރު އިންޑޮނޭޝިއާގެ ޕެރިސިބޯއާ ދެކޮޅަށް ނިއު ރޭޑިއަންޓް ޖާޒީގައި ދަގަނޑޭ ޖެހި ހިތްގައިމު ސޯލޯ ގޯލެކެވެ. އިންޑޮނޭޝިއާގެ ޕެރްސިބޯ ކޮޅަށް ޖެހި ގޯލަކީ އޭއެފްސީގެ ތާރީހުގައިވެސް ޖަހާފައިވާ އެންމެ ހުނަރިވެރި އެއް ގޯލެވެ. ނިއުއިން އެ މެޗު 7-0ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާއިރު، އެ ގޯލަށް މުޅި އޭޝިއާގެ އިތުރުން ދުނިޔޭގެ ފުޓުބޯޅައިގެ އެތައް ބަޔަކު ވަނީ ތައުރީފު ކޮށްފައެވެ.
ދަގަނޑޭއާ ދެކޮޅަށް ވާދަކުރާ ކުޅުންތެރިޔާގެ ގޯލަކީ އެކްރޮބެޓިކްކޮށް އޭނާ ޖަހައިދިން ބައިސިކަލް ކިކެކެވެ.
ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް، ހަމަ ޔަގީނުންވެސް ދިވެހީން ދަގަނޑޭއަށް ދޭ ލޯބި ދައްކާލައިފިއެވެ. ދަގަނޑޭގެ ކޮންމެ ކާމިޔާބީއަކަށް ދިވެހީން ކެނޑިނޭޅި ހިތްވަރު ކުރާނެކަން ދައްކާލައިފިއެވެ.
[ދަގަނޑޭގެ ގޯލަށް ވޯޓު ދިނުމަށް ލިންކް ބޭނުން ކުރައްވާ](https://www.the-afc.com/competitions/afc-cup/latest/news/bracket-challenge-quarter-final-ali-ashfaq-new-radiant-vs-nguyen-van-quyet-hanoi)
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު