ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، އެ ކްލަބުން ދާން ބޭނުންވެއްޖެ ނަމަ، އެކަން ހުއްޓުވޭނެ މީހަކު ނުހުންނާނެ ކަމަށް ލެޖެންޑް ލުއިސް ފީގޯ ބުނެފިއެވެ.

ފީގޯ ބުނެފައި ވަނީ ބާސާއިން ދިޔުމަށް މެސީ އެދުމުން އެކަމާ ހައިރާންވި ކަމަށާއި، އަދިވެސް މެސީއާއި ބާސާއާ ދެމެދު އިތުރު ކަންތައްތަކެއް ހިނގާނެ ކަމަށް ބެލެވޭ ކަމަށެވެ. މެސީ މިހާރު ބާސާގައި ހުރި ހާލަތުން އަނެއްކާވެސް ކުރިއަށް އޮތް ޓްރާންސްފާ ސީޒަންގައި މެސީ ކްލަބު ދޫކޮށްލަން މަސައްކަތް ކުރާނެ ކަމަށް ބެލެވޭ ކަމަށްވެސް ފީގޯ ބުނެފައި ވެއެވެ.

މިދިޔަ ސީޒަނަށްފަހު ބާސާ ދޫކޮށްލަން މެސީ ވަނީ ރަސްމީކޮށް ކްލަބު ދޫކޮށްލަން އެދިފައެވެ. ހަ ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީއަށް އެފަހަރު ހުރަސް އެޅީ ބާސާގެ ރައީސް ޖޯސެފް ބާޓޮމިއޫއެވެ. ގާނޫނީ ގޮތުން ބާޓޮމިއޫ މެސީއަށް ހުރަސް އެޅިއިރު، ލަލީގާއިންވެސް ވަނީ ބާސާއާ އެއްކޮޅަށް އަރައި މެސީ ހިފަހައްޓަން ބާރު ދީފައެވެ.

މެސީ ގެންދިޔުމަށް މިހާރުވެސް މެންޗެސްޓާ ސިޓީއާއި ޕީއެސްޖީން ފާރަލަމުންދާއިރު، މި ސީޒަނަށްފަހު މެސީ ބާސާ ދޫކޮށްލާނެ ކަމަށް އަދިވެސް ބެލެވެއެވެ.

"މެސީ ބާސާ ދޫކޮށްލަން ބޭނުންވި ސަބަބު އަހަންނަށް އެނގުނު އެކަމުގެ ހަގީގަތް ބަލާލީމަ. އެކަމަކު އެހެން ހުރިހާ ސަޕޯޓަރުންނެކޭވެސް އެއްފަދައިން އަހަރެންވެސް ވަރަށް ބޮޑަށް ހައިރާންވި،" މެސީއާ ގުޅިގެން ކުރިން ބާސާއާއި ރެއާލް މެޑްރިޑަށް ކުޅުނު ފީގޯ ބުންޏެވެ.

ފީގޯ ބުނެފައި ވަނީ މެސީ ކަހަލަ ކުޅުންތެރިޔަކު ޓީމުގައި ބަހައްޓަން ކޮންމެ ޓީމަކުންވެސް އެދޭނެ ކަމަށާއި، އެކަމަށް ހުރަސް އަޅާނީ މެސީގެ ބޮޑު މުސާރައާއި މެސީއަށް ކުރަން ޖެހޭ ހަރަދުތައް ކަމަށެވެ.