މިއަހަރުގެ ޓީޓީއެމް މޯލްޑިވްސް ވާޗުއަލްގެ މެއިން ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަމަޖައްސައިފި އެވެ.
ޓީޓީއެމް މޯލްޑިވްސް ވާޗުއަލްއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގުވާމީ ޓްރެވެލް ޓްރޭޑް ފެއާ އެވެ. މި ފެއާ މިއަހަރު ކުރިއަށްދާނީ މިމަހުގެ 24 އިން 26 ގެ ނިޔަލަށެވެ.
މިއަހަރުގެ ޓީޓީއެމް މޯލްޑިވްސް ވާޗުއަލްގެ މެއިން ޕާޓްނަރަކަށް އުރީދޫ ހަމަޖައްސާފައިވާއިރު އުރީދޫގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ. އޯކާ މީޑިއާ ގުރޫޕުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޑރ. ހުސައިން ސަނީ އުމަރެވެ. މި އެއްބަސްވުމާއެކު އުރީދޫން ރާއްޖޭގެ ފަތުރުވެރިކަމަށް އެހީތެރިވެދޭނެ އެވެ.
އުރީދޫ މޯލްޑިވްސް އިން ވަނީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ޑެސްޓިނޭޝަން މާކެޓިން ކެމްޕެއިނެއް ވެސް ލޯންޗުކޮށްފަ އެވެ. މި ކެންޕެއިންގެ ތެރެއިން އުރީދޫގެ އަމާޒަކީ ދުނިޔޭގެ 10 ގައުމަކުން 117 މިލިއަން މީހުންނާ ހަމައަށް ވާސިލްވެ ރާއްޖެ ޕްރޮމޯޓް ކުރުމެވެ.
މިއަހަރު ބާއްވާ ހަތަރު ވަނަ ޓީޓީއެމް ފެއާގައި 150 ރިސޯޓް އަދި ހޮޓެލްއާ 200 އޮޕަރޭޓަރުން ބައިވެރިވާނެ އެވެ.
ރާއްޖޭގެ މީޑިއާ އަދި މާކެޓިންގެ މަސައްކަތުގައި ހަރަކާތްތެރިވާ ދިވެހި ކުންފުންޏެއް ކަމަށްވާ އޯކާ މީޑިއާ ގްރޫޕުން ކުރިއަށް ގެންދާ ޓީޓީއެމް ފެއާގައި ބައިވެރިވާ ފަރާތްތަކަށް ޓީޓީއެމް ޓްރެވެލް ސަމިޓްގައި ބައިވެރިވުމުގެ ފުރުސަތު ލިބި، ޓީޓީއެމްގެ މެގަޒިންގައި ހިމެނުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އިނގިރޭސި ބަހުން ނެރޭ ޓީޓީއެމް މެގަޒިންއަކީ ބައިނަލްއަގުވާމީ އެކި ފެއާތަކުގައި ވެސް ރާއްޖެ ޕްރޮމޯޓް ކުރުމަށް ބަހާނެ މެގަޒިން އެކެވެ.
ޓީޓީއެމްގައި ބައިވެރިވާ އެގްޒެބިޓަރުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ އެވެ. އޭގެތެރޭގައި "ކަނެކްޓް" ސޮޕްޓްވެއާ ބޭނުން ކުރުމުގެ ފުރުސަތު ހިމެނެ އެވެ. މި ސޮފްޓްވެއާ މެދުވެރިކޮށް ކުރިއާލާ ބައްދަލުވުންތައް ހަމަޖައްސައި ބޭއްވުމުގެ މަގު ފަހިވެގެންދާނެއެވެ.
އޭގެ އިތުރުން ވެސް އެގްޒަބިޓަރުންނަށް އިވެންޓުގެ ތެރެއިން ކޮފީ، ސައި އަދި އެކި ބާވަތުގެ ބުއިންތައް ލިބިގެންދާނެ އެވެ. އަދި ޓީޓީއެމް ހަރަކާތްތައް ނިންމާލާ ގާލާ އިވެންޓަށް ވެސް ދައުވަތު ލިބިގެންދާނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު