އަންނަ އަހަރުގެ ފުރަތަމަ ހަތަރު މަސް ތެރޭގައި މާލެއަށް މިނީ ބަހުގެ ހިދުމަތް ތައާރަފު ކުރެވިގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ތައާރަފު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެވައުދަކީ ރައީސް ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ ކަމެކެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އާންމުންގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ މިނީ ބަހުގެ ހިދުމަތް ނުފެށި ލަސްވާތީ އާންމުންގެ ވަރަށް ގިނަ ބަޔަކު ސުވާލު ކުރާ ކަމަށާއި އެކަން ނުފެށިފައި ވަނީ ބަޖެޓްގެ ދަތިކަމުގެ ސަބަބުން ކަމަށެވެ. އެކަމަށް ބަޖެޓް ނުލިބުމުން ހިލޭ އެހީދޭ ޖަމާއަތްތައް މެދުވެރިކޮށްވެސް އެހިދުމަތް ފެށޭތޯ މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވާ ގޮތް ވެފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވީ މިނީ ބަހުގެ ހިދުމަތް ތައާރަފު ކުރަން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ ކަމަށާއި އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ބަހުގެ ހިދުމަތް ދެވެން ފެށޭނެ ކަމަށެވެ.

"އެކަމުގެ ބަޖެޓް މި އަންނަ އަހަރުގެ ބަޖެޓްގެ ތެރޭގައި ހަމަޖެހިފައި މިވަނީ، އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި އަންނަ އަހަރު ފުރަތަމަ ކުއާޓާގެ ތެރޭގައި މިނީ ބަހުގެ ކަންތައް ހައްލުވެގެންދާނެ،" ނަހުލާ ވިދާޅުވި އެވެ.

މިނީ ބަހުގެ ހިދުމަތް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން، އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު އެވެ. އެމްޓީސީސީއާ ހަވާލު ކުރީ 120 ދުވަހުގެ ތެރޭގައި މާލޭގައި މިނީ ބަސް ތައާރަފުކޮށް، އާންމުންނަށް ބަހުގެ ހިދުމަތް ދިނުމުގެ މަސައްކަތް ފެށުމަށެވެ.