ސިވިލް ސާވިސްގެ ގަވާއިދަށް ބަދަލު ގެނަސް ސަރުކާރު އޮފީސްތަކުގެ ތެރެއިން އެ އޮފީހަކަށް ބޭނުންވާ ވަރަށްވުރެ ގިނަ މުވައްޒަފުން ތިބި އޮފީސްތަކުން، މުވައްޒަފުން މަދު އޮފީސްތަކަށް މީހުން ބަދަލުކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފި އެވެ.
އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ދިރާސާކުރަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި އަންނަ އަހަރު ސީއެސްސީން ކުރަން ރާވާފައިވާ ކަންތައްތަކާގުޅޭ މައުލޫމާތު ދެއްވަމުން ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ، ބައެއް އޮފީސްތަކުގައި ތިބެންވާ ވަރަށްވުރެ ގިނަ މުވައްޒަފުން އެބަ ތިބި ކަމަށެވެ.
އެކަމުގެ އިތުރު ތަފްސީލު ދެއްވަމުން ސީއެސްސީގެ ނައިބު ރައީސް އިބްރާހިމް ރަޝީދު ވިދާޅުވީ، އެ މުވައްޒަފުން، އެހެން އޮފީސްތަކަށް ބަދަލު ނުކުރެވި ވަނީ މުވައްޒަފުން އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުވުމާބެހޭ އުސޫލެއް ގަވާއިދުގައި ހިމަނާފައިނުވާތީ ކަމަށެވެ. ނަމަވެސް އެ ގަވާއިދަށް މިހާރު އިސްލާހު ގެނެސް، އަންނަ ހަފްތާގެ ތެރޭގައި ގަވާއިދު ގެޒެޓްކޮށް، އެޗްއާރު އޮޑިޓެއް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ އޮޑިޓުން މުވައްޒަފުން ގިނައީ ކޮން އޮފިސްތަކެއްގައި ކަން އެނގިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކޮމިޝަންގެ ބޭފުޅުން އެގޮތަށް ގަވާއިދު ބަދަލު ކުރެއްވި ކަމަށް ވިދާޅުވެ، ކޮމިޓީއަށް މައުލޫމާތު ދެއްވީ، ސަރުކާރުގެ ބައެއް މިނިސްޓްރީތަކާއި ބައެއް އޮފީސްތަކުގައި އެ އޮފީހަށް ބޭނުންވާ ވަރަށްވުރެ ގިނައިން މުވައްޒަފުން ތިބޭއިރު ވެސް އެ މުވައްޒިފުން ބޭނުންނުކޮށް، އާ މުވައްޒަފުންނަށް ވަޒީފާ ދިނުމުގެ ސަބަބުން ދައުލަތުގެ ބަޖެޓްގެ ހަރަދު ބޮޑުވަމުން އަންނަ މައްސަލައިގައި މެންބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު