ސްރީ ލަންކާގެ ކަސްޓަމުން ހިފެހެއްޓި ރާއްޖޭގެ މަހުގެ ޝިޕްމަންޓް އެގައުމަށް އެތެރެކޮށްފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ލަންކާ ސަރުކާރުން އެގައުމަށް މަސް އެތެރެކުރުމުގެ ސިޔާސަތުތަކަށް ގެނައި ބަދަލުތަކާ ގުޅިގެން ލަންކާއަށް އެތެރެ ނުކުރެވި، ކަސްޓަމްސްގައި ތާށިވެފައި ހުރި މަހުގެ ޝިޕްމަންޓް ލަންކާއަށް އެތެރެކޮށްފައިވާ ކަމަށެވެ.
އެ ޝިޕްމަންޓުތައް ލަންކާއަށް އެތެރެކުރެވުނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ލަންކާގައި ހުންނަވާ ދިވެހި ހައި ކޮމިޝަނަރު ލަންކާ ސަރުކާރުގެ އިސް ބޭފުޅުންނާއެކު ކުރެއްވި މަޝްވަރާތަކަށްފަހު ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން އިތުރަށް ބުނީ، ރާއްޖޭގެ މަހުގެ އުފެއްދުންތައް، ލަންކާ ސަރުކާރުން ކުރިން ވެސް ދީފައިވާ ޔަގީންކަމާ އެއްގޮތަށް ލަންކާއަށް އެތެރެކުރެވޭނެ ފަސޭހަ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭ ގޮތުން ލަންކާ ސަރުކާރާއެކު ފޮރިން މިނިސްޓަރު ޝާހިދު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.
ދިވެހި ކަނޑުމަހުގެ ބާވަތްތައް ލަންކާއަށް އެތެރެ ކުރުން މަނާކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯތްކުރި އެވެ. ނަމަވެސް ފޮރިން މިނިސްޓްރީން ކުރިން ބުނީ، އެކަމާ ގުޅިގެން ރަސްމީ އެއްވެސް މައުލޫމާތެއް ލަންކާ ސަރުކާރުން ހިއްސާކޮށްފައި ނެތް ކަމަށެވެ.
ރާއްޖޭގެ ކަނޑުމަހުގެ ބާވަތްތައް އެއްވެސް ހުރައްހެއް ނެތި ލަންކާއަށް އެތެރެ ކުރެވޭނެކަމުގެ ޔަގީންކަން، މިދިޔަ މަހު ލަންކާ ސަރުކާރުން ދިވެހި ސަރުކާރަށް ދިން ނަމަވެސް ރާއްޖޭން ލަންކާއަށް އެތެރެކުރާ މަހުގެ ބައެއް ބާވަތްތަކުން ޑިއުޓީ ވަނީ ބޮޑުކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު