ރިޕޯޓް

ސަރުކާރުގެ އަމާޒު، ކުޅިވަރު އެސޯސިއޭޝަންތައް ސިޔާސީ ނުފޫޒުން މިނިވަންކުރުމާ ދިމާއަށް

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގެ ކުޅިވަރުގެ ހާލަތު އިންތިހާއަށް ގޯހެވެ. އެސޯސިއޭޝަންތަކަށް އިންތިހާއަށް ސިޔާސީ ކަންކަން ވަދެ، ވެރިން ހަރަދު ކޮށްގެން ނޫނީ ކްލަބުތައް ސަސްޓެއިން ވާތަނެއް ނުފެނުނެވެ. ހާއްސަކޮށް ވެރިކަމުގައި ތިބި ބަޔަކަށް ތާއީދު ކޮށްގެން ކްލަބު ހިންގުމުގެ އުސޫލު އޮތް ކަމީ ހަގީގަތެވެ. އެވާހަކަތަކަކީ ނުދައްކައ އޮތް ނަމަވެސް ތުންތުން މަތިން ދެކެވި، އެތައް ބަޔަކަށް އެނގޭ ބޮޑެތި ހަގީގަތްތައްވެސް މެއެވެ. ހަމަ އެކަނި ނިމިގެން ދިޔަ ވެރިކަމުގައެއް ނޫނެވެ. ހުރިހައި ވެރިކަމެއްގައި ވެސް އެކަން އޮތީ އެހެންނެވެ.

އުސޫލީ ގޮތުން އެފަދަ ބޮޑެތި މައްސަލަތައް ހުރިއިރު، އުމްރާނީ ގޮތުން ކުޅިވަރުގެ ވަސީލަތްތައް، ކުޅިވަރުގެ ފެސިލިޓީތައް ތަރައްގީ ކުރުމުގައި ވެފައި އޮތީ ވެސް ބޮޑެތި އިހުމާލުތަކެކެވެ. މަޖިލީހުގެ ވަކި މެންބަރެއް، ސަރުކާރު ހިންގާ ޕާޓީގެ އިސް ބޭފަޅަކު މެދުވެރިކޮށް ނޫން ގޮތަކަށް ދަނޑެއް، ކޯޓެއް ތަރައްގީ ވިތަން ފެނުނީ މަދު ފަހަރެއްގައެވެ. ދަނޑުތަކާއި ކޯޓުތަކުގެ ކޮލިޓީއަށްވުރެ ބޮޑަށް، އެތަންތަނަކީ ސިޔާސީ ގޮތުން ޒުވާނުން ހައްލައިލާނެ ކަސްތޮޅެއްގެ ގޮތުގައި ބޭނުން ކުރެވެމުންދިޔަކަން ފާހަގަވެފައި ވެއެވެ.

ކޮންމެއަކަސް މި ވާހަކަތަކަކީ އަބަދުހެން އެތައް ބަޔަކު ދައްކަމުން އައި ވާހަކަތަކެވެ. އެ ކަންކަން ހައްލުކޮށް، ކުޅިވަރުގެ ތެރެއިން ސީޔާސީ ނުފޫޒު ނެރެން މި ސަރުކާރު އައީ ބޮޑު ޗެލެޖެންޖަކާ އެކުގައެވެ. ރައީސްގެ ސޯލިހުގެ ކެމްޕޭންގައި ވައުދުވި ގޮތުގެ މައްޗަށެވެ.

"ކުޅިވަރުގެ އެސޯސިއޭޝަންތައް އެބަ ޖެހޭ ސިޔާސީ ނުފޫޒުން މިނިވަންކޮށް، ސަރުކާރުން މާލީ އެހީތެރިކަން އެތަންތަނަށް ދީ، އެތަންތައް މެދުވެރިކޮށް، ޒުވާނުންނަށް ކުޅިވަރު ކުޅުމުގެ ފުރުސަތު ފަހިކޮށްދޭން އެބަ ޖެހޭ،" ރައީސް ސޯލިހު ކެމްޕޭނުގައި ވިދާޅުވެފައި ވެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރަށް މަޖުބޫރުވީ ބައެއް ޒުވާނުންގެ ނުރުހުމުގައިވެސް ސިޔާސީ ކަންކަން ކުޅިވަރުން ނެރެ، ދަނޑުތައް ހެދުމާއި ވޮލީ ކޯޓުތައް ހެދުމަކީ މެންބަރަކަށް ސަރުކާރުން ކޮށްދޭ ކަމެއްގެ ގޮތުގައި އޮތް އޮތުން ދޫކޮށްލުމަށެވެ. އެ ޗެލެންޖު ސަރުކާރުން ނެގީ، "ޒުވާނުންގެ ކަންކަން ޒުވާނުން ނިންމަން،" ދޫކޮށްލައިގެންނެވެ. ނަތީޖާވެސް ފޮންޏެވެ. މިދިޔަ ދެ އަހަރަކީ ރާއްޖޭގެ ކުޅިވަރު ތާރީހުވެސް ދުށް އެންމެ ކާމިޔާބު ދެ އަހަރެވެ. އެކަން އެސޯސިއޭޝަންތަކުންނާއި ކުޅިވަރުގެ އެތައް ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.

މިނިސްޓަރު އަހުމަދު މަހުލޫފުވެސް ފާހަގަކުރެއްވީ ވައުދުފުޅާ އެއްގޮތަށް ކަންކަން ފަހިވަމުން އަންނަ ކަމަށެވެ.

"ވޭތުވެދިޔަ ދެއަހަރު ތެރޭގައި ކުޅިވަރު ސިޔާސީ ނުކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އިންގިލާބީ ބަދަލުތަކެއް ގެނެސްދެއްވާފައި. ކުރިއާ އަޅައި ބަލާއިރު ހުރިހާ ކުޅިވަރަކުންވެސް އެތައް ކުރިއެރުމެއް، އެތައް ކާމިޔާބީއެއް ލިބިފައިވާކަން ކުޅިވަރު އެސޯސިއޭޝަންތައް އަދި އެތުލީޓުން ބަލައިގަންނާނެކަން ކަށަވަރު،" މަހުލޫފް ވިދާޅުވެފައި ވެއެވެ.

އެސޯސިއޭޝަންތަކުގެ ފަރާތުން ސަރުކާރަށް ބޮޑު އިތުބާރެއް

ކުޅިވަރު އެސޯސިއޭޝަންތަކަކީ ގައުމެއްގެ ކުޅިވަރަށް އެންމެ މުހިއްމު އެއް ރޯލު އަދާކުރާ ބައިވެރިޔާއެވެ. އެސޯސިއޭޝަނަށް ހިންގުމުގެ ބާރު، ހިންގުމުގެ މިނިވަންކަން ދިނުމަކީ ސަރުކާރަކަށް ކުޅިވަރުގެ ތެރެއަށް ނުފޫޒު ނުފޯރުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. މިއަދުގެ ސަރުކާރުން އެއްވެސް އެސޯސިއޭޝަނެއްގެ އިންތިހާބަށް އަތް ބާނައި، ވަކި މީހަކަށް އިންތިހާބުތައް ކާމިޔާބު ކޮށްދޭން، ކޯޓުގެ ތެރެއިން ކަންކަން ކޮށްފައެއް ނުވެއެވެ.

މި ސަރުކާރުގެ ތެރެއިންވެސް ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުތަކުގެ މައްސަލަތައް ނުހަނު ބޮޑުވެގެން ދިޔައެވެ. ހާއްސަކޮށް އިންތިހާބާ ހަމައަށް ދާ ކޮންމެ ފަހަރަކު އެ މައްސަލަތައް ހޫނުވެ، މުޅި ކުޅިވަރަށް އެކަމުގެ އަސަރު އިންތިހާއަށް ބޮޑުވެގެން ދެއެވެ. ބައިނަލްއަގުވާމީ ފެޑަރޭޝަނެއްގެ ދަށުން އޮންނަ އެސޯސިއޭޝަންތަކުގެ މައްސަލަތަކަށް ރާއްޖޭގެ ކުޅިވަރުގެ ފަރާތްތަކަށް ނުބެލޭވެސް މެއެވެ. އެފަދަ އެސޯސިއޭޝަނެއްގެ ކަމަކަށް ޔޫތު މިނިސްޓްރީ ނުވަތަ ސްޕޯޓްސް ކޮމިޝަނަރު އަދި ސަޕޯޓްސް ކައުންސިލުން ވަންނަ ނަމަ ދެން އަންނަނީ ސަސްޕެންޝަންގެ މެސެޖެކެވެ. އެކަން ވަރަށް ގާތުން ފެންނަންވެސް އެބައޮތެވެ.

ވޮލީބޯޅަ އެސޯސިއޭޝަންގެ އިންތިހާބުގެ މައްސަލައިގައި ސްޕޯޓްސް ކޮމިޝަނަރު، އޭރު އޮތް ހިންގާ ކޮމިޓީ އުވާލައި، އިންޓަރިމް ކޮމިޓީއަކާ ވޮލީ ހިންގުން ހަވާލުކުރި ނަމަވެސް، ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ، އެފްއައިވީބީން އަދިވެސް ގަބޫލުކުރަނީ އިންތިހާބީ ކޮމިޓީއެވެ. ފުޓުބޯޅައިގެ ތެރޭގައި އަދި މާ ބޮޑަށް އެ މައްސަލަ އުފެދުނެވެ. ސަރުކާރުގެ އެންމެ މަތިން، ޔޫތު މިނިސްޓަރު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ބަހުގެ ހަމަލާ އަމާޒުކުރައްވައި، އެފްއޭއެމްގެ ތެރޭގައި ހިންގާފައިވާ ކަންކަން ބެލުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލި ހިސާބުން ފީފާގެ އިންޒާރު އައީ ސަސްޕެންޝަނަށެވެ.

ފީފާއިން އެންގި އެންގުމާއެކު ދެން ފެނުނީ ޔޫތު މިނިސްޓަރު މަހުލޫފް އެފްއޭއެމްއާއެކު މަސައްކަތްކުރައްވަން ފެއްޓެވި ތަނެވެ. ވާނީވެސް އެހެންތާއެވެ. އެއްވެސް ކުޅިވަރަކުން ސަސްޕެންޝަނަކަށް ދާން ބޭނުމެއް ނުވެއެވެ. ސަރުކާރުގެ، މިނިސްޓަރުގެ ފަރާތުން ފެނުނު އެންމެ ސާބިތު ސިފައަކަށް ފެނުނީ ކުޅިވަރަކަށް ގެއްލުން ވާން ދޫކޮށް ނުލުމުގެ މަންޒަރެވެ. ސިޔާސީ ފިއްތުންތަކަށް ގޮންޖަހައި، އިންތިހާބަށް ފުރުސަތު ދިނުން ވެގެންދިޔައީ ކުޅިވަރު ސަލާމަތް ކުރުމަށް ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއްގެ ގޮތުގައެވެ.

އެ ހިސާބުން ނިމުނީކީއެއް ނޫނެވެ. އެންމެފަހުން ބޭއްވި ޓީޓީ އިންތިހާބުގެ ތެރޭގައިވެސް މައްސަލަތައް އުފެދި، ސިވިލް ކޯޓާ ހަމައަށްވެސް މައްސަލަ ދިޔައެވެ. އެ މައްސަލައިގައި އިންޓަނޭޝަނަލް ޓީޓީ ފެޑަރޭޝަނުންވެސް ރާއްޖޭގެ ޓީޓީ ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ދިނެވެ. އަދި އެ މައްސަލައިގެ ތެރެއިން އަނެއްކާވެސް ސަރުކާރަށް އިތުރު ޕްރެޝަރުތަކަކާ ކުރިމަތިލާން ޖެހުނީ މަޖިލީހަށް ހުށަހެޅި އިސްލާހުންނެވެ.

ރާއްޖޭގެ ކުޅިވަރުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފައެވެ. އެ ބިލު ފޮނުއްވުމަށްފަހު ހަސަން ލަތީފް ވިދާޅުވެފައިވާ ގޮތުގައި އެ ގާނޫނަށް އިސްލާހު ހުށަހެޅުއްވި މަގުސަދުތަކުގެ ތެރޭގައި، ރާއްޖޭގެ ކުޅިވަރާ ބެހޭ އެކިއެކި މުއައްސަސާތަކުގައި ހުރި ފުށުއެރުންތައް ނައްތާލުމާއި އެ މުއައްސަސާތައް ޑިމޮކްރަޓައިޒްކޮށް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހިންގޭނެ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ.

ބިލުގެ މަހުފޫމާ މެދު ސުވާލުތަކެއް އުފެދިފައި އޮތްއިރު، ބައެއް އިސްލާހުތަކާއި މެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. ހާއްސަކޮށް، އެސޯސިއޭޝަންގެ އިންތިހާބުތަކުގެ ތެރެއަށް އިލެކްޝަންސް ކޮމިޝަނުން ވަންނަ ގޮތަށް އޮތް އޮތުން ފެނުނީ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައެވެ. ސަރުކާރުގެ ފަރާތުން މިނިސްޓަރު މަހުލޫފް ވަނީ އެކަންކަމުގައި އެސޯސިއޭޝަންތަކުގެ ހިމާޔަތަށް ނުކުންނަވައި، ކުޅިވަރުގެ ރޫހު ދައްކުވައިދީފައެވެ.

އެ އިސްލާހުތަކާ ގުޅިގެން 18 ކުޅިވަރު އެސޯސިއޭޝަނަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް ނޫސްބަޔާނެއް ނެރެފައެވެ. އެ ނޫސްބަޔާން ނެރެފައިވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)، ހޭންޑްބޯލް މޯލްޑިވްސް، މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން، ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)، ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއޭއެމް)، ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)، ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް، ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)، އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)، ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް، ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް)، މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ)، މޯލްޑިވްސް ޗެސް އެސޯސިއޭޝަން އަދި މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) ގުޅިގެންނެވެ.

އެ ނޫސްބަޔާނުގައި އެސޯސިއޭޝަންތަކުން ބުނީ ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ މަޝްވަރާ އާއި މަސައްކަތްތައް ކުޅިވަރާ ބެހޭ ވުޒާރާއާއި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި އެންމެހައި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ގުޅިގެން ކުރަމުން އަންނަ މި ދަނޑިވަޅުގައި، ކުޅިވަރުގެ ގާނޫނަށް ހަސަން ލަތީފް ހުށަހަޅުއްވާފައިވާ އިސްލާހުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

އެގޮތުން ކުޅިވަރުގެ ގާނޫނުގެ 51 ވަނަ މާއްދާގެ ފަހަތަށް އިތުރުކުރުމަށް ހުށަހަޅާފައިވާ މާއްދާތަކާ ގުޅިގެން އެސޯސިއޭޝަންތަކުން ވަނީ ބައެއް ކަންކަން ފާހަގަކޮށްފައެވެ.

"ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުޅިވަރު ސިޔާސީ ނުކޮށް، ކުޅިވަރު އެސޯސިއޭޝަންތަކާ ގާތް ގުޅުމެއް ބާއްވައި، ކުޅިވަރަށް ބޮޑު ހޭދައެއްކޮށް، ސަރުކާރާއި ކުޅިވަރު އެސޯސިއޭޝަންތަކާއެކު ރޭވުންތެރިކަމާއެކު ކުރެވޭ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ބައިނަލްއަގުވާމީ މުބާރާތްތަކުން ދިވެހި ގައުމު ފަހުރުވެރިވާ ފަދަ ރަނގަޅު ކާމިޔާބީތަކެއް ދިވެހިރާއްޖޭގެ ކުޅުންތެރިން ހޯދަމުންދާކަން އުފަލާއެކު ފާހަގަކުރަމެވެ.،" ބަޔާނުގައި ހިމަނާފައި ވެއެވެ.

އެ ބަޔާނުން އެސޯސިއޭޝަންތަކުން ސަރުކާރަށް ކުރާ އިތުބާރާއި، ސަރުކާރުގެ ސިޔާސަތުތަކުގައި ނަގާފައިވާ ސްޓޭންޑް ސާފެވެ. އެއީ ރައީސް ސޯލިހްގެ، "ކުޅިވަރު ސިޔާސީ ނުކުރައްވާނެ،" ކަމުގެ ވައުދުތައް ހާސިލްވާކަން ދައްކުވައިދިން އަލިގަދަ ހެއްކެއްގެ ގޮތުގައި ފާހަގަވެގެން ގޮސްފައި ވެއެވެ.

އެސޯސިއޭޝަންތަކުގެ އެންމެ ބޮޑު ކަންބޮޑުވުން، ފެސިލޓީތައް ނެތުމަށް ބޮޑެތި ހައްލުތަކެއް

އެސޯސިއޭޝަންތަކުގެ ފަރާތުން ވާހަކަ ދައްކަވާ ކޮންމެ ބޭފުޅަކުވެސް ވިދާޅުވަނީ ތަފާތު ފެންނަ ކަމަށާއި، މިނިސްޓަރުގެ އަޅައިލުން، ސަރުކާރުގެ އަމާޒު ސާފުވާ ކަމަށެވެ. ހާއްސަކޮށް އެސޯސިއޭޝަންތަކަށް އެންމެ ބޮޑު ބުރައަކަށްވެފައި އޮންނަ ކަންތައްތައް ކަމަށްވާ، ވަސީލަތްތައް ގާއިމްކުރުމާއި، ކުޅުންތެރިންނާއި ކްލަބުތަކުގެ ތަމްރީނުތަކަށް ކުރާ ހޭދައިގައި އެހީތައް ދިނުން ފާހަގަކޮށްލެވޭ ކަމަށެވެ. ވަކި އެސޯސިއޭޝަނެއް ބެލުމެއް ނެތި، އިންފްރާސްޓްރަކްޗާ ގާއިމް ކުރުމުގެ އިތުރުން ތަމްރީނުތަކަށް ހަރަދުކުރާތަން ސަރުކާރުގެ ފަރާތުން ފެނިގެން ގޮސްފައިވެއެވެ.

ޓީޓީ ފަދަ ކުޅިވަރުތަކުގައި އިންޑިވިޖުއަލް ކުޅުންތެރިންގެ ތަމްރީނުތަކަށްވެސް ސަރުކާރުން ހަރަދުކުރުމާއި، އޭއެފްސީ ކަޕް ފަދަ މުބާރާތްތަކުގައި ކުޅޭ ދިވެހި ފުޓުބޯޅަ ކްލަބުތަކަށް ސަރުކާރުގެ އެއްބާރުލުން ދެމުން އަންނަތަން ފެނުމުގެ ހިތްހަމަޖެހުން ކުޅުންތެރީންނަށް ލިބިފައި ވެއެވެ. މިދިޔަ ސީޒަން ވަކި ހިސާބަކުން މެދު ކަނޑާލައި، އޭއެފްސީ ކަޕް މެދުކަނޑާލުމުން އެ މުބާރާތުގައި ކުޅޭ ޓީމުތަކަށް ގެއްލުން ވެ، އެކަމުން އަރައިގަތުމަށްވެސް ސަރުކާރުން އެހީތެރިކަން ލިބެމުން އަންނަ ކަމަށް ކްލަބުތަކުން ވަނީ ބުނެފައެވެ.

މިދިޔަ ދެއަހަރުގެ ތެރޭގައި ޖުމްލަ 347 މަޝްރޫއުގެ މަސައްކަތް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ފަށައިފައެވެ. މީގެ އިތުރުން ޕީއެސްއައިޕީގެ ތެރެއިން ކޮށްފައިވާ މަސައްކަތާއެކު މަޝްރޫއުތަކުގެ އަދަދު މިއަށްވުރެވެސް އިތުރު ވެގެންދާނެއެވެ. މިއީ ޖުމްލަ 345,143,768.71 (ތިންސަތޭކަ ސާޅީސް ފަސް މިލިޔަން އެއްލައްކަ ސާޅީސްތިންހާސް ހަތްސަތޭކަ ފަސްދޮޅަށްއަށް ރުފިޔާ ހަތްދިހަ އެއް ލާރި) އަގުކުރެވޭ މަސައްކަތްތަކެވެ.

ބައިނަލްއަގުވާމީ ފެންވަރުގެ ނެޓްބޯޅަ ކޯޓެއް ހެދުމުގެ މަސައްކަތުގެ އިތުރުން ޒަމާންތަކަކަށްފަހު މާލޭ އިންޑޯ ވޮލީ ކޯޓުގެ މަރާމާތަށް ތައްޔާރުވުމާއި، ޗެސް ހައުސްއަށް ހާއްސަ ފެސިލީޓީއެއް ގާއިމް ކުރުން، ޓޭބަލް ޓެނިސް ފެސިލިޓީއެއް ގާއިމް ކުރުމުގެ އިތުރުން ސަރަހައްދީ ފެންވަރުގެ ހޭންޑްބޯލް ފެސިލިޓީއެއް ގާއިމް ކުރަން ފަށައި، މާލޭ އެކުވެނި ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް އަމަލީ ގޮތުން ފެށުމާއި، ބިލިއާޑް ހައުސްއެއް ތަރައްގީ ކޮށް ހުޅުވުންވެސް އެއީ މި ސަރުކާރުގެ މަސައްކަތްތަކެވެ. އޭގެ އިތުރުންވެސް ހަތަރު ރަށެއްގައި ސްވިމިން ޕްލެޓްފޯމްތައް އަޅައި، 10 ރަށެއްގައި ސާފިން ޝެކް ތައާރަފުކޮށް، ގިނަ ރަށްތަކެއްގައި އައުޓްޑޯ ވޮލީ ކޯޓުތައް ހަދައި، އަތޮޅު ތެރޭގެ ކުޅިވަރު އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރިއެވެ.

ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ޓާފް ދަނޑު ހެދުން ހިމެނެއެވެ. އެގޮތުން މި ދެ އަހަރުގެ މަސައްކަތަށް ބަލާއިރު ޖުމްލަ 39 ރަށެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ބިން އެއްވަރުކުރުމަށް ހަވާލުކުރެވުނުއިރު، 17 ދަނޑެއްގެ މަސައްކަތް ނިންމާލިއެވެ. މިހާރު 16 ދަނޑެއްގެ މަސައްކަތް ކުރިއަށްދެއެވެ. އަދި 37 ރަށެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ޓާފް އެޅުމަށް ހަވާލުކުރިއިރު، ހަތް ދަނޑެއްގައި ޓާފް އެޅުމުގެ މަސައްކަތް ވަނީ ނިންމާލައިފައެވެ. 12 ރަށެއްގެ ދަނޑުތަކުގައި ޓާފް އެޅުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. މިއީ ރާއްޖޭގެ އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާ ފުޓްބޯޅައަށް މީގެ ކުރިން އެއްވެސް ސަރުކާރަކުން ހޯދައިދިން ވަސީލަތްތަކެއް ނޫނެވެ.

ކުދިކުދި ތަފާތުތައް: އެސޯސިއޭޝަންތަކަށް ލިބުނު ބަޖެޓާއި ފަސޭހަ

ޒަމާނުއްސުރެ ރާއްޖޭގައި އޮތް އަންހެން އަދި ފިރެހެން ކުޅުންތެރިންގެ ތަފާތު ނައްތައިލީ ވެސް ރައީސް ސޯލިހުގެ ސަރުކާރުންނެވެ. އަންހެން އަދި ފިރިހެން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދެވޭ މުސާރައިގައި ހުރި ފަރަގު ނައްތައިލުމަކީވެސް ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށްވާއިރު، މި ސަރުކާރުން އަންނަނީ ކޮންމެ ކުޅުންތެރިއަކަށް 5،000 ރުފިޔާ އަދި އޮފިޝަލަކަށް 2،500 ރުފިޔާގެ ރޭޓުން އެލަވަންސް ދެމުންނެވެ. ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން ބައެއް ކުޅިވަރުތަކަށް މީގެ ކުރިން އެއް ލައްކަވެސް އަހަރަކު ނުލިބޭއިރު، އެއްވެސް ތަފާތު ކުރުމެއް ނެތި ފަސް ލައްކަ ރުފިޔާގެ ބަޖެޓެއް މިދިޔަ ދެ އަހަރުގެ ތެރޭގައި ވަނީ ހަމަޖައްސައިފައެވެ.

އެކަހަލަ ކުދިކުދި މުހިއްމު ކަންކަން ސަރުކާރުން ރަނގަޅު ކޮށްލުމުގެ ސަބަބުން އެތުލީޓުންގެ ފަރާތުން ނަތީޖާވެސް ފެނިގެން ދިޔައެވެ. މިދިޔަ ދެ އަހަރު ބައިނަލްއަގުވާމީ މުބާރާތްތަކުގައި ޖުމުލަ 38 މެޑަލް ހޯދާފައި ވެއެވެ. އެގޮތުން 12 ރަން މެޑެއްޔާއި، ހަތް ރިހި މެޑަލް އަދި 19 ލޯ މެޑަލް ރާއްޖެއިން ވަނީ ހޯދައިފައެވެ.

ހަގީގަތަކީ ކުޅިވަރުގެ މިސްރާބު ހެޔޮކޮށްލީ މި ސަރުކާރުގެ ދެއަހަރުގައި ކަމެވެ. އަނދިރި މިސްރާބަކަށް ހިފާފައި އޮތް ކުޅިވަރުގެ އެތައް ކަމަކަށް އަލި މަގު ތަނަވަސްކޮށްދީ، މިވީހާ ތަނަށް ގެނެވިފައި ނުވާ އެތަކެއް އުމްރާނީ ތަރައްގީއެއް މި ސަރުކާރުން ކުޅިވަރަށް ގެނެސްދީފިއެވެ. އިންގިލާބީ ބަދަލުތަކުގެ ފޮނި މީރުކަން ފެންނަމުންވެސް ދެއެވެ. އާޖީލަކަށް ރާއްޖޭގެ ކުޅިވަރު ރަނގަޅު ގޮތުގައި ފޯރުކޮށްދިނުމަށް ކުޅިވަރުގެ ގާނޫނަށް ސަރުކާރުން ގެންނަން ރާވާފައިވާ ބަދަލުތައްވެސް ދައުރު ނިމުމުގެ ކުރިން ފެންނާނެ ކަމަށް ބެލެވޭއިރު، އެފަދަ އިސްލާހުތައްވެސް ރައީސް ގެންނަވާނެ ކަމަށް ކުރެވޭ އުންމީދު ވަރަށް ބޮޑެވެ. މުހިންމީ ކުޅިވަރު ސިޔާސީ ކުރާން ބަޔަކު އުޅުނަސް އެކަމަށް ޖާގަ ނުދިނުމެވެ. ސަރުކާރުން ފެންނަނީ އެ އަމާޒެވެ. ސިޔާސީ ބައެއް ފަރާތްތައް ވެސް ހިމެނޭގޮތުން ކުޅިވަރު ސިޔާސީ ކުރާން މަސައްކަތް ކުރި ނަމަވެސް ސަރުކާރުން މަސައްކަތްކުރާތަން ފެންނަނީ އެކަމަށް ޖާގަ ނުދީ ކުޅިވަރު ކުޅިވަރުގެ ގޮތުގައި ބާއްވައިގެން އެދާއިރާ ތަރައްގީކުރުމަށެވެ.