މ. މުލި އަދި ށ. ބިލެތްފަހީގައި އެއާޕޯޓު ހަދަން ނިންމަވައި، އެކަން އިއުލާންކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވެފައި މިވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މުލި، ބިލެތްފަހި އަދި ބ. ތުޅާދޫގައި އެއާޕޯޓެއް ހަދަން ނިންމަވާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެފައިވަނިކޮށެވެ.

މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި މުލީގައި އެއާޕޯޓު އެޅުމަށް އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމާފައިވާ ކަމަށާއި ބިލެތްފަހީގެ ބިން ހިއްކައި އެއާޕޯޓު އަދި ފަތުރުވެރިކަން ހިމެނޭ ގޮތަށް މެގަ ޕްރޮޖެކްޓެއްގެ މާސްޓާ ޕްލޭނެއް ވެސް ހެދިފައިވާ ކަމަށެވެ.

"މުލި، ބިލެތްފަހި އެއާޕޯޓު އެއީ ރައީސް ޔާމީން ކުރިއަށްގެންދަން ނިންމަވައި އެމަނިކުފާނު އިއުލާނުކުރައްވާފައިވާ އެއާޕޯޓުތަކެއް. މުލީގައި އެއާޕޯޓު އެޅުމަށް މުލި ބިން ހިއްކުމުގެ މަޝްރުއޫ ފައްޓަވައި ނިންމެވި. ބިލެތްފަހި ބިން ހިއްކުމާއި އެއާޕޯޓް އަދި ޓޫރިޒަމް ހިމެނޭ ގޮތަށް މެގަ ޕްރޮޖެކްޓުގެ މާސްޓާ ޕްލޭން ހެއްދެވި." މުއިއްޒުގެ ޓުވީޓުގައި ވިދާޅުވިއެވެ.

ޕީއެސްއެމްގެ "ސަރުކާރަށް ދެ އަހަރު" ޕްރޮގްރާމުގައި މިއަދު ވާހަކަދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ށ. ބިލެތްފަހި، މ. މުލި އަދި ބ. ތުޅާދޫގައި އެއާޕޯޓު ހެދުމުން ވައިގެ ދަތުރުފަތުރަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށެވެ.

"ކުރިއަށްއޮތް ތަނުގައި ބިލެތްފަހި އަދި މުލި އެއާޕޯޓު އެޅިގެންދާނެ. އޭގެ އިތުރަށް ތުޅާދޫގައި ވެސް އެއާޕޯޓެއް އެޅުމުގެ ޕްލޭނެއް ކުރެވިފައިވަނީ. އެހެންވީމާ މި ދެންނެވި އެއާޕޯޓުތައް އެޅުނީމަ އިތުރަށް ފުރިހަމަވެގެންދާނެ. މ. މުލީގައި އެއާޕޯޓެއް އެޅުމާ އެއްކޮށް ހަގީގަތުގައި ރާއްޖޭގެ ހުރިހާ ދިމާލަކަށް ވެސް ގާތްގަނޑަކަށް 30، 35 މިނެޓުން ދަތުރުކުރެވޭ ގޮތަށް އޮންނާނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ ރާއްޖޭގެ ރަށްތައް ހުރި ގޮތުން ހދ. މަކުނުދޫއަކީ ވަކިން އޮންނަ ރަށަކަށް ވުމުން ވައިގެ ދަތުރުފަތުރު ކުރުމަށް އެ ރަށަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށާއި ނަމަވެސް މަކުނުދުއަށް ވައިގެމަގުން ދަތުރުކުރެވޭނެ ކޮންމެވެސް ގޮތެއް ހަމަޖެއްސުމުގެ ވިސްނުން މި ސަރުކާރުން ގެންގުޅޭ ކަމަށެވެ. އަދި އެކަމާ މެދު މަޝްވަރާކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިދިޔަ ދެ އަހަރުގެ ތެރޭގައި ނުނިމި ހުރި ބައެއް އެއާޕޯޓުތަކުގެ މަސައްކަތްތަކާއި ފެށުނު އެއާޕޯޓުތަކުގެ މަސައްކަތް ވެސް ކުރެވިފައިވާ ކަމަށާއި އެގޮތުން މާވަރުލު އެއާޕޯޓާއި ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް ވެސް ނިންމާލެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިމަހުގެ ތެރޭގައި ހއ. ހޯރަފުށީ އެއާޕޯޓު ހުޅިވި، އަންނަ އަހަރުގެ ތެރޭގެ ކުރީކޮޅު ޅ. މަޑިވަރު އެއާޕޯޓު ހުޅިވެގެންދާނެކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.