އދ. ގެ އާންމު މަޖިލީހުގެ ރައީސަކަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގެނައުމަށް ސައުދީ އަރަބިއްޔާ އިން ވެސް ތާއީދުކޮށްފިއެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި އދ. ގެ އާންމު މަޖިލީހުގެ ރައީސަކަށް ޝާހިދު ގެނައުމަށް ސައުދީ ސަރުކާރުގެ ތާއީދު ލިބޭނެކަމުގެ ޔަގީންކަން އެގައުމުން މިހާރު ވަނީ ދިވެހި ސަރުކާރަށް ދީފައެވެ.
ސައުދީގެ އިތުރުން އިންޑިއާ އިން ވެސް ވަނީ މިނިސްޓަރު ޝާހިދަށް އެގައުމުގެ ތާއީދު ލިބޭނެކަމުގެ ޔަގީންކަން ދީފައެވެ. އދ. ގެ އާންމު މަޖިލީހުގެ ރައީސަކަށް ޝާހިދު ގެނައުމަށް އިންޑިއާގެ ތާއީދު ލިބޭނެކަމުގެ ޔަގީންކަން އިންޑިއާއިން ދީފައިވަނީ އެގައުމުގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ މިމަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުގައެވެ.
ފޮރިން މިނިސްޓްރީން މީގެ ކުރިން ބުނީ އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތަށް ކުރިމަތިލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތުގެ ދަށުން ބައިނަލްއަގުވާމީ ދުނިޔެއާއި ގުޅި، ރާއްޖެއަކީ ބަސް ވިކޭ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.
ރާއްޖެއިން މިކަމަށް ޝައުގުވެރިކަން ފާޅުކޮށް، އެކުވެރި ގައުމުތަކުގެ ތާއީދު ހޯދުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެއިން ނެރޭނެ ކެންޑިޑޭޓަކީ އެކުވެރި ގައުމުތަކުން ބަލައިގަންނަ ކެންޑިޑޭޓަކަށް ވާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު