އިންޓެލް ފުލުހުންނަށް ހެދިގެން މާލޭގެ ގެސްޓް ހައުސްއަކުން ފޭރުނު މައްސަލައިގައި މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހުގެ ހެނދުނު މަޖީދީމަގުގައި ހުންނަ "ފަރިވާ ސްޓޭ 3" އަށް ތިން މީހަކު ވަދެ، ޕޮލިސް އިންޓެލިޖަންސުން ކަމަށް ބުނެ ފޭރުނު މައްސަލައިގައި މިއަދު ހެނދުނުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން 42 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށްގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ ތިން މީހަކު އެ ގެސްޓް ހައުސްއަށް ވަދެ، ތިން މުވައްޒަފަކު ކްލިޕް އަޅުވައި ބަނުމަށްފަހު ފޭރިގަނެގެން ބައެއް ތަކެތި ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.