ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އާޖެންޓީނާއިން ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެއެވެ.

ރޭ ޕެރަގުއޭގެ ލަ ބޮންބޮނޭރާގައި ކުޅުނު މެޗު އެއްވަރު ވެގެން ނިމުނުއިރު، އާޖެންޓީނާ އިން ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ކުޅުނު އެއްވެސް މެޗަކުން އަދި ބަލިވެފައެއް ނުވެއެވެ. ރޭގެ މެޗަކީ އެޓީމުން މިހާތަނަށް ކުޅުނު އެކުވެރިކަމުގެ މެޗުތަކާވެސް އެކު، ބަލި ނުވެ ނިންމާލި 10 ވަނަ މިޗެވެ.

ރޭގެ މެޗުގައި ޕެރަގުއޭއިން ލީޑު ނެގީ އެންހޭލް ރޮމޭރޯގެ ޕެނެލްޓީއަކުންނެވެ. ޕެރަގުއޭއިން ލީޑު ނެގި ނަމަވެސް މެޗުގައި މޮޅަށް ކުޅެ، ހަމަލާތައް އުފެއްދީ އާޖެންޓީނާއިންނެވެ. ނިކޮލަސް ގޮންޒާލޭޒްގެ ގޯލާއެކު އާޖެންޓީނާއިން ނަތީޖާ ހަމަހަމަ ކޮށްފައިވާއިރު، ކެޕްޓަން ލިއޮނަލް މެސީގެ ރަނގަޅު ހަމަލާތަކެއްވެސް ފެނިފައި ވެއެވެ.

މެސީގެ ނުރައްކާތެރި ހިލޭ ޖެހުމެއް ގޯލްގެ ދަނޑިއަށްވެސް އަމާޒުވެފައިވާއިރު، ލޮ ސެލްސޯ ހުރަސް ކޮށްލި ބޯޅައަކުން މެސީ ވަނީ ގޯލަށްވެސް ބޯޅަ ވައްދާލައިފައެވެ. އެހެން ނަމަވެސް އެ ގޯލަށް އުފެއްދި ފުރުސަތު ތަނަވަސްކުރިއިރު، ލޮސެލްސޯ އޮފްސައިޑް މަގާމެއްގައި ހުރުމުން، ވީއޭއާރް ބަލައި ރެފްރީ ވަނީ އެއީ ގޯލެއް ނޫން ކަމަށް ނިންމާފައެވެ.

ޕަރަގުއޭއިންވެސް މިހާތަނަށް ކުޅުނު ކޮލިފިކޭޝަން އެއްވެސް މެޗަކުން ބަލިވެފައިނުވާއިރު، ކޮންމެބޯލް ކޮލިފިކޭޝަންގެ ގްރޫޕް އެއްވަނައިގައި އާޖެންޓީނާ އޮތީ ހަތް ޕޮއިންޓާ އެކުގައެވެ. ޕަރަގުއޭއަށް ލިބިފައި ވަނީ ފަސް ޕޮއިންޓެވެ.

މީގެ ކުރިންވެސް އާޖެންޓީނާއަށް ވޯލްޑް ކަޕަށް ކޮލިފައިވުމަށް ދަތިތަކެއް ކުރިމަތިވެފައިވާއިރު، ކުރިއަށް އޮތް ގަތަރު ވޯލްޑް ކަޕް ހުރިހާ ގޮތަކުންވެސް މުހިއްމު ވާނެއެވެ. އެ ވޯލްޑް ކަޕަކީ އާޖެންޓީނާގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ، މެސީގެ އެންމެ ފަހު ވޯލްޑް ކަޕެވެ. އެހެންކަމުން އާޖެންޓީނާއަށް އެ ވޯލްޑް ކަޕަށް ކޮލިފައިވުމަކީ މެސީގެ ތާރީހަށްޓަކައި ކޮންމެހެންވެސް މަޖުބޫރު ކަމެކެވެ.