އެޕަލް ކުންފުނިން އެންމެ ފަހުން ނެރުނު އައިފޯން 12 ޕްރޯ މެކްސް އަދި އައިފޯން 12 މިނީގެ ޕްރީ އޯޑާ ކުރުމުގެ ފުރުސަތު މިރޭ ހުޅުވާލާނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ ރީތި އާ ޑިޒައިންތަކެއް ހިމެނޭ، އައިފޯން 12ގެ މޮޑެލްތަކުގައި ވާދަވެރި ކެމެރާ ސިސްޓަމްތަކަކާއެކު އެޖް-ޓު-އެޖް ސުޕަ ރެޓިނާ އެކްސްޑީއާރު ޑިސްޕްލޭ ހިމަނާފައިވެއެވެ.

މީގެ އިތުރުން ސެރަމިކް ޝީލްޑް ފްރަންޓް ކަވަރަކާއެކު އައިފޯން 12 ސީރީޒްގެ ފޯނުތަކުގައި އެކުލެވިފައިވާ އެޕަލްގެ އޭ-14 ބަޔޮނިކް ޗިޕަކީ މިހާތަނަށް ސްމާޓް ފޯނެއްގައި ބޭނުންކުރެވިފައިވާ އެންމެ ހަލުވި ޗިޕެވެ.

އުރީދޫން ބުނީ، މިރެއިން ފެށިގެން މޫލީ މެދުވެރިކޮށް، އެ ކުންފުނީގެ ކަސްޓަމަރުންނަށް އައިފޯން 12 ޕްރޯ މެކްސް އަދި އައިފޯން 12 މިނީ ޕްރީއޯޑަރު ކުރެވޭނެ ކަމަށެވެ.

އުރީދޫން ވަނީ މިދިޔަ މަހު ފަހުކޮޅު އައިފޯން 12 އަދި އައިފޯން 12 ޕްރޯ ރާއްޖެއަށް ތައާރަފުކޮށް، ޕްރީ އޯޑަރަށް ހުޅުވާލައިފައެވެ.