މާލެއިން ގޮސް ފުރަބަންދު ކަރަންޓީނުގައި ތިބި 198 މީހަކު ޕޮޒިޓިވްވި ކަމަށާއި ކަރަންޓީނު އުވައިލަން އަދި އަވަސް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ފުރަބަންދު ކަރަންޓީނު ނޫނީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި ކަރަންޓީނު ވާން ޖެހޭ ޖެހުމަށް އޮންނަ އުސޫލަކީ މުޅި ރާއްޖެއަށް ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް މިހާތަނަށް ގެންގުޅެވުނު އެންމެ ރަނގަޅު އުސޫލު ކަމަށެވެ.

"މިހާތަނަށް މާލެއިން ރަށްރަށަށް ފުރަބަންދު ކަރަންޓީނަށް ގޮސް، ކަރަންޓީނުވެ ނިމިގެން ޓެސްޓުކުރުމުން 198 މީހުން މިހާތަނަށް ޕޮޒިޓިވްވެފައި ވެއްޖެ. އެހެންވީމާ އަޅުގަނޑުމެން މިގޮތަށް ކަރަންޓީން ނުކޮށް މީހުން ދޫކޮށްލިނަމަ، މި 198 ކޭސްއަކީ އަތޮޅުތެރޭގައި ފެތުރިގެންދާނެ ކޭސަސް. 198 އައުޓްބްރޭކް އައުމުގެ ފުރުސަތު އޮންނާނެ. އެހެންވީމާ އަޅުގަނޑުމެން މިހާ ފަސޭހައިން އަޅުގަނޑުމެން މިކަން ދޫކޮށްލަން ބޭނުންނުވަނީ. އަޅުގަނޑުމެންގެ މަގުސަދަކީ މީހުންނަށް ދަތިކުރުމެއް ނޫން، މީހުންގެ ރައްކާތެރިކަން. އެއީ އަޅުގަނޑުމެން އެންމެ އިސްކަން ދޭ ކަމަކީ،" އޭނާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ އަބަދު ކަރަންޓީނު ވާން ޖެހޭ ގޮތަށް ތިބޭނީކީ ނޫން ކަމަށާއި އެއީ ބަލި އޮތް ހާލަތަށް ބަލާފައި އަޅާ ފިޔަވަޅެއް ކަމަށެވެ. އަދި މި ހަފުތާއަށް ބަލާއިރު ގުޅުމެއް ނެތް ކޭސްތަކުގެ އަދަދު 22 ޕަސަންޓުގައި އުޅޭކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މި ހަފުތާގެ އިންޑިކޭޓާސްއަށް ބަލާއިރު، އަންލިންކް ކޭސަސް މިއުޅެނީ 22 ޕަސަންޓުގައި. އޭގެ މާނައަކީ ފެންނަ ކޮންމެ 100 ކޭސްއަކުން 22 ކޭސްއަކީ އެނގިގެން އެއްވެސް ޕޮޒިޓިވް މީހެއްގެ ކޮންޓެކްޓަކަށް ނުވާ، އެއްވެސް ލިންކެއް ނޭނގޭ ކޭސްތައް. މިގޮތަށް އަންލިންކްޑް ކޭސް އަންނަ އިރުގައި އަދި އަޅުގަނޑުމެން ފުރަބަންދު ދޫކޮށްލައިފިއްޔާ ނެގަޓިވް ޕީސީއާރެއް ހިފައިގެން ދިޔަޔަސް، އަދިވެސް ޓޫރިސްޓުންނެކޭ އެއްގޮތަށް ރަށްރަށަށް ދާ މީހުން ވެސް ޕޮޒިޓިވްވުމުގެ ފުރުސަތު އޮންނާނެ،" އޭނާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ ފަތުރުވެރިންނާ ހިލާފަށް ދިވެހިން އަމިއްލަ ރަށްރަށަށް ދާއިރު، އާއިލާގެ މީހުންގެ ގާތަށް ޒިޔާރަތްކޮށް އާންމު ހިދުމަތްދޭ ތަންތަނަށް ވެސް ދާނެ ކަމަށާއި މި ހާލަތުގައި ކަރަންޓީނު އުވާލައިފިއްޔާ ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ގުޅުމެއް ނެތް ކޭސްތަކުގެ އަދަދު މަދުވަމުން އަންނަ ނަމަ، ކަރަންޓީނު އުވައިލުމާ މެދު އިތުރަށް ވިސްނާނެ ކަމަށް ވެސް ވިދާޅުވިއެވެ.