ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހަ ރަށެއްގައި ޕޮލިސް ސްޓޭޝަން ގާއިމުކުރެވިފައިވާ ކަމަށާއި އުންމީދަކީ ރާއްޖޭގެ 50 ރަށުގައި ސްޓޭޝަން ގާއިމުކުރުން ކަމަށް ހޯމް މިނިސްޓަރު އައްޝައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި މިއަދު ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އަތޮޅުތެރޭގައި ފުލުހުންގެ ހިދުމަތް ދިނުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އަތޮޅުތެރޭގައި ފުލުހުންގެ ސްޓޭޝަންތަކާއި މަރުކަޒުތައް މަދުވުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގެ ގިނަ ރަށްރަށުގައި ހާއްސަކޮށް މުހިންމު ރަށްތަކުގައި ވަސީލަތްތައް ގާއިމުކުރެވިފައިވާ ފެންވަރު ރަނގަޅު ސްޓޭޝަންތައް އެޅުން ކަމަށެވެ.
"މިދިޔަ ދެ އަހަރުގެ ތެރޭގައިވެސް އަަޅުގަނޑުމެންނަށް މިވަނީ ހަ ރަށެއްގައި ސްޓޭޝަން ގާއިމުކުރެވިފައި. އަޅުގަނޑުމެން މިހާރު މި އުންމީދު ކުރަނީ އަޅުގަނޑުމެން މި އުންމީދުކުރާ ޕްރޮޖެކްޓް އިމްޕްލިމެންޓް ކުރަމުންދާއިރު ގާތްގަނޑަކަށް 50 އެއްހާ ރަށުގައި ސްޓޭޝަން އެޅުން،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ޖަލުތައް ރީފޯމް ކުރުމަށްވެސް މި ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް، ގައިދީންނާ މެދު ޖަލުތަކުގައި އަމަލުކުރަމުންދާ ގޮތް ފާހަގަކުރައްވައި ވިދާޅުވީ، އަމާޒަކީ ގައިދީން ޖަލުން މިނިވަންވާއިރު އެމީހުންނަކީ މުޖުތަމައު ބަލައިގަންނަ ބަޔަކަށް ހެދުން ކަމަށެވެ. އަދި ޓެރަރިޒަމްއާއި ހަރުކަށި ފިކުރުގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ ގައިދީން، އެހެން ގައިދީންނާ ވަކިން ގެންގުޅެވޭނެ އިންތިޒާމުވެސް ހަމަޖައްސަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ފުލުހުންގެ މުއައްސަސާ ރީފޯމްކުރުމަށްވެސް މި ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފުލުހުންގެ ބިލް ތަންފީޒުވާން ފެށުމުން ރައްޔިތުންގެ އިތުބާރާއި ލޯބި ފުލުހުންގެ މުއައްސަސާއަށް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު