ހއ. ހޯރަފުށީގައި ތަރައްގީ ކޮށްފައިވާ އެއާޕޯޓަށް މިމަހުގެ 16 ވަނަ ދުވަހު ޓެސްޓު ފްލައިޓް ޖައްސަން ތާވަލުކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އެއާޕޯޓް ރަސްމީކޮށް ހުޅުވަން ނިންމާފައިވަނީ މިމަހުގެ 17 ވަނަ ދުވަހު ކަމަށެވެ. އަދި އެއަށްފަހު އެ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށް ބުންޏެވެ.

ހޯރަފުށީ އެއާޕޯޓު ހުޅުވުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވުމަށް އެރަށުގެ ރައްޔިތުން މަސައްކަތް ކުރަމުން އަންނައިރު، އެއާޕޯޓްގެ މަސައްކަތް ކުރަމުން ދިޔަ އިރު ހޯރަފުށްޓާއި އެ އަތޮޅު ހިމެނޭ އެކި ރަށްރަށުން ވަނީ އެކިވަރުގެ އެހީތެރިކަން ވެދީފަ އެވެ.

ހޯރަފުށީ އެއާޕޯޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހއ. މާފިނޮޅުގައި ހަދަން ނިންމި މި އެއާޕޯޓެކެވެ. ނަމަވެސް އެ އެއާޕޯޓް ހޯރަފުށްޓަށް ބަދަލު ކުރުމަށް ރައީސް އިބްރާހިމް ސޯލިހު ވެވަޑައިގެން ރިޔާސީ ވައުދުފުޅާ އެއްގޮތަށް އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހު އެވެ. އެ މަސައްކަތް ހަވާލު ކުރީ 198 މިލިއަން ރުފިޔާއެވެ.

އެ ކުންފުނިން އެ މަސައްކަތް ކޮށްފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން ހޯރަފުށީ ފަޅުން 35 ހެކްޓަރުގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކޮށް ސެކިއުރިޓީ ބީޗް ފެންސެއް ވަނީ ޖަހައިފަ އެވެ. އަދި 1.2 ކިލޯ މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ވަނީ ހަދައިފަ އެވެ.

ދެވަނަ ފިޔަވަހީގެ ދަށުން ކޮށްފައިވަނީ ފަޔާ ބިލްޑިންއަކާއި ޕަސެންޖާ ޓާމިނަލެއް ހެދުމެވެ. ޖުމްލަ 13.8 މިލިއަން ރުފިޔާއަށް އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު އެވެ. އެއީ މިމަހުގެ 11 އަށް ނިންމާ ގޮތަށެވެ.