ކޮލަމް

އިމާދު ލަތީފުގެ ކޮލަމް: ވިލާތު ރަސްރަސްކަލުންގެ ގޮނޑުކަމުގެ ވާހަކަ

އިމާދު ލަތީފު

5

މީސްތަކުން ހީކުރެއެވެ. ކުރީޒަމާނުގެ ބޮޑެތިބޮޑެތި ބާރުގަދަ ރަސްރަސްކަލުންނާއި ގަނޑުވަރުތެރޭގެ އަމީރުންނާއި އަމީރާއިން ނިކަން ސާފުތާހިރުވާނެއެވެ. އެކަމަކު އެޒަމާނުގައި ފެންވެރުމަކީ އޮންނަ އާދައެއް ނޫނެވެ. އަގުބޮޑު ހެދުން ބަދަލުކޮށްކޮށްފައި އުޅުނެއްކަމަކު ފެންވެރުމެއް ނޯވެއެވެ. ދަތްޕިލާގައި ބުރުސް ޖެހުމެއްވެސް ނޯވެއެވެ. ހަޑިމުޑުދާރުކަމުގެ އިންތިހާއެވެ. އެހާބޮޑަށް ފެންވެރުމާ ދުރުހެލި ވެވެނީ ހުރިހާ ޖަރާސީމަކާއި ބައްޔެއްގެ އަސްލަކީ ފެންކަމަށް ހީކުރެވޭތީއެވެ. ފެންވެރުމާ ދުރުހެލިވީ ވަރަކަށް ސިއްހަތަށް ފައިދާބޮޑުކަމަށް ހީކުރެވެނީއެވެ.

އިނގިރޭސި ޝާހީ އާއިލާއަކީ ކުރީޒަމާނުގައި ގޮނޑުކަމަށް އެންމެ މަޝްހޫރު އާއިލާއެވެ. އިނގިރޭސި ތަޚުތުގައި އެލިޒަބަތު އެއްވަނަ ރެނދަލިކުރެއްވި ޒަމާނުގައި އެކަމަނާ ނާނެއިފުޅުފިއްލަވަނީ (ފެންވަރަނީ) ގިނަވެގެން މަހަކު އެއްފަހަރުއެވެ. އެއީ މީގެ ހަތަރުސަތޭކަ އަހަރު ކުރިއެވެ. އުތީމު ޚާންދާނުގެ ރަސްކަން ރާއްޖޭގައި އޮތް ދުވަސްވަރެވެ. އިނގިރޭސި ރަނިކަމަނާގެ ކިބައިގައި ހިނައިތާހިރުވުމުގެ ކަންފުޅެއް ނެތަސް މޭކަޕްކުރުން ވަރަށް ގިނައެވެ. ބުނެވޭގޮތުގައި އޭގެ ސިއްރަކީ ފާނަބަސަނދުގެ ސަބަބުން މޫނާއި ކަނދުރާގައި ލަކުނުތަކެއް ހުރުމުން އެލަކުނުތައް ފޮރުވާން ޖެހުމެވެ. ކޮންމެއަކަސް ދުވާލަކު ހަތަރުފަހަރު މޭކަޕް ކުރުން އޮވެއެވެ.

ރާއްޖޭގެ ރަސްކަމުގައި ކަޅުތުއްކަލާ ހުންނެވި ޒަމާނުގައި އިނގިރޭސި ރަސްކަލަކީ ޖޭމްސް އެއްވަނައެވެ. މިއީ ގޮނޑުކަމުންގޮސް އެލިޒަބަތަށްވުރެވެސް މަތީގައި ހުންނެވި ރަސްކަލެކެވެ. އަމުދުން ދުވަހަކުވެސް ފެންވެރުމެއް ތާހިރުވުމެއް ނޯވެއެވެ. ފެނަކީ ރަސްގެފާނުގެ އެންމެ ބޮޑު ބިރެވެ. ފަރީއްކުޅުއްވުމުގެ (ކެއުމުގެ) ކުރީންވެސް ފަހުންވެސް އަތްދޮވުމެއް ނޯވެއެވެ. ފިރިހެނުންވެސް ހިމެނޭގޮތުން މިރަސްގެފާނުގެ ލޯބިވެރިން ވަރަށް ގިނައެވެ. ރަސްގެފާނުގެ ގޮނޑުކަމުގެ ވާހަކަ އެންމެ ގިނައިން ދައްކަނީ އަދި ލިޔަނީވެސް އެމީހުންނެވެ. ބުނެވޭގޮތުން އުމުރުން ސާޅީސްއަހަރު ނުފުރެނީސް ރަސްގެފާނުގެ ދަތްޕިލާވެސް އޭނާދޫކޮށް ހިގައްޖެއެވެ.

އަލިރަސްގެފާނާއި ކަނބާއައިސާ ރާއްޖޭގެ ރަސްކަމުގެ ގަޑުވަރުގައި ތިއްބެވި ޒަމާނުގައި އިނގިރޭސި ރަސްކަލަކީ ހެންރީ އަށްވަނައެވެ. މިއީ އިސްކޮޅުން ދިގު ހަށިގަނޑުވެސް ބިޔަ ވަރަށް ފަލަ ރަސްކަލެކެވެ. ބޮޑުކަމުގޮސްފައި ތާހިރުވުމަކީ މިރަސްގެފާނަށް އުނދަގޫކަމަކަށްވެގެން ކަރުދާހުން ރަސްގެފާނުގެ ނަޖިސް ފޮހެ ސާފުކުރުމަށް އަމީރަކު ހަމަޖައްސަވައި އެއީ ހުރިހައި ވަޒީރުންގެ ތެރެއިން ވެސް އެންމެ ސީނިއަރ ވަޒީރުކަމަށް ހަމަޖެއްސެވިއެވެ. މިމަގާމު އެތައް ސަތޭކަ އަހަރަކަށް ދެމިގެން އައެވެ. ދެންވީގޮތަކީ ރަސްގެފާނުގެ އަރިހުގައި އެއްޗެއް ދަންނަވާން ޖެހިއްޖެނަމަ ގިނަ ވަޒީރުން އެކަމަށް މެދުވެރިކުރައްވާ ވަޒީރަކީ ރަސްގެފާނުގެ ގުއިފޮހޭ ވަޒީރުކަމަށްވެސް ވުމެވެ.

ފަރަންސޭސި ޝާހީ އާއިލާއަކީވެސް ގޮނޑުކަމަށް މަޝްހޫރު އާއިލާއެކެވެ. މީގެ ތިންސަތޭކަ އެތައް އަހަރެއް ކުރިން ފްރާންސްގެ ރަސްކަން 72 އަހަރުގެ ދިގު މުއްދަތަކަށް ކުރެއްވި ލުއީ ސާދަވަނަ މުޅި އުމުރުގައިވެސް ފެންވެރީ އެންމެ ތިންފަހަރު ކަމަށް މަޝްހޫރުވެފައި ވެއެވެ. އެދުވަސްވަރު ދިވެހިރާއްޖޭގެ ރަސްކަމުގެ ތަޚުތުގައި އިންނެވީ ދިޔަމިގިލީ އިބްރާހިމް ރަސްގެފާނެވެ. ޕެރިހުގައި ހުންނަވާ ރަސްގެފާނު މިވަރަށް ގޮނޑުވީމާ ރަސްކަމުގެ ދަރުބާރާއި ގަނޑުވަރުތެރެ މުޑުދާރުވެ ނޯއްދަމާލަންވެސް ނުކެރެއެވެ.

މިކަމުން އަރައިގަތުމަށް ރަސްގެފާނު ކުރެއްވި ކަމަކީ ވަސްމީރުކުރާން ސެންޓު އުފައްދަން އަމުރުކުރެއްވުމެވެ. ރަސްގެފާނުގެ ހެދުންކޮޅާއި ދަރުބާރަށް ސްޕްރޭ ކުރުމަށް ހަފުތާއެއްގެ ކޮންމެ ދުވަހަކަށް ވަކި ވަހެއް ޚާއްސަކުރުމަށްވެސް އެންގެވިއެވެ. ފަރަންސޭސީންގެ ތެރޭގައި ސެންޓު އުފެއްދުން އާއްމުވެ ސެންޓުގެ ވިޔަފާރި އެގައުމުގައި ކުރިއެރީ މިގޮތުންނެވެ. ރަސްގެފާނު ފެންނުވެރިޔަސް ރައްޔިތުން ފެންނުވެރިޔަސް ވަސްނުބައިވެގެން އެމީހުންނަށް ކަމަކުނުދެއެވެ. އެހެންވީމާ ނަޖިސްކަމާއި ނުތާހިރުކަން ފޮރުވުމަށް ސެންޓު ބޭނުންކުރާން ފެށީއެވެ.

މިދައްކަނީ ކުރީޒަމާނުގެ ވާހަކައެވެ. މިޒަމާނުގައި މިކަންއޮތީ މިހެންބާވައެވެ. އިނގިރޭސި ޝާހީ އެކިގަނޑުވަރުތަކުގައި މަސައްކަތްކުރި މީހުން ކިޔައިދޭގޮތުން މިޒަމާނުގެ ޝާހީ ބޭފުޅުން ވަރަށް ތާހިރެވެ. މިހާރު ތަޚުތުގައި އެއިންނެވި އެލިޒަބަތު ދެވަނަ ނާނެއިފިއްލެވުމުގެ ކަންތަކަށް ޚާއްސަކޮށްފައިވެސް ތިން ހަތަރު މުވައްޒަފުން ތިބެއެވެ. ބިލިގާއަށް ފެންއެޅިވަރާއި އަޅަންޖެހޭވަރާއި ފިނިހޫނުމިން ބަލައި ރިކޯޑުފޮތުގައި ލިޔާންވެސް ޖެހެއެވެ. އިނގިރޭސިވިލާތުގެ މިހާރުގެ ވަލީއަހުދު ޕްރިންސް ޗާލްސްއަކީވެސް ނާނެއިފުޅުފިއްލެވުން ގިނަ ތާހިރުކަން ބޮޑު ބޭފުޅެކޭ ބުނެވެއެވެ. ޗާލްސް އެންމެ ކޯފާއިސްކުރައްވާ ކަންކަމުގެ ތެރޭގައި ޖަނގިޔާތަކާއި ތުވާލިތައް ދޮވެފައި ބަހައްޓާއިރު ތަރުތީބު އޮޅުވައިލުން ހިމެނެއެވެ.