އާޖެންޓީނާ އަދި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ޕީއެސްޖީއަށް ދާން އުޅޭކަމުގެ ވާހަކަތަކަކީ 'ފޭކް' ވާހަކަތަކެއް ކަމަށް އޭނާގެ ބައްޕަ އަދި އެޖެންޓް ޖޯޖު މެސީ ބުނެފިއެވެ.

ޕީއެސްޖީއަށް މެސީ ދިއުމުގެ ވާހަކަތައް ދޮގުކުރުމަށް މެސީގެ ބައްޕަ ބޭނުންކުރީ އެމެރިކާ ގެ ރައީސް ޑޮނާލްޑް ޓްރަމްޕް ރަސްމީކޮށް ބޭނުންކުރާ މަޝްހޫރު "ފޭކް ނިއުސް"، އެ ޖުމްލައެވެ. މެސީގެ ކުރިމަގާ މެދު ބޮޑަތި ސުވާލުތަކެއް އުފެދިފައިވާއިރު، މެސީގެ ބައްޕަގެ ޖަވާބަކަށް ގިނަ މީޑިއާތަކަކުން އަބަދުވެސް މަސައްކަތް ކުރެއެވެ.

މިދިޔަ ސީޒަނަށް މެސީ ބާސާ ދޫކޮށްލަން އެދުނީ ބިއުރޯ ފެކްސްއެއް މެދުވެރިކޮށެވެ. އެ ފެކްސްއާއެކު މެސީ ބާސާ ދޫކޮށްލާނެ ކަމަށް ވަރަށް ބޮޑަށް ބެލެވުނު ނަމަވެސް، އޭރު ބާސާގެ ރައީސް ޖޯސެފް ބާޓޮމިއޫ ވަނީ މެސީ އަށް ހުރަސް އަޅައިފައެވެ. މެސީ އާއި ބާސާގެ ރައީސާ ޖެހުނު މައްސަލަތައް ބޮޑުވެ، މިދިޔަ މަހުގެ ތެރޭގައި އޭރު ބާސާގައި އޮތް ބޯޑު އެއްކޮށް ވަނީ އިސްތިއުފާ ދީފައެވެ.

މެސީ ކުރިން ބުނެފައި ވަނީ މި ސީޒަނަށްފަހު ބާސާ ދޫކޮށްލާނެ ކަމަށެވެ. އެހެންނަމަވެސް ބޯޑަށް އައި ބަދަލާއެކު މެސީ މި ސީޒަނަށްފަހުވެސް ބާސާގައި މަޑު ކުރާނެ ކަމަށް އޮތީ ބެލެވިފައެވެ. މެސީއަށް މެންޗެސްޓާ ސިޓީ އާއި ޕީއެސްޖީ ވެސް ފާރަލުމުން އަންނައިރު، މެސީގެ ބައްޕަ ބުނެފައި ވަނީ ދޮގު ހަބަރުތަކާ ހެދި ވަރަށް ބޮޑަށް ޕްރެޝަރުވާ ކަމަށެވެ.

"ހަބަރުތައް އުފެއްދުން ހުއްޓާލާ!، ހުސް ފޭކް ނިއުސް. ޓްރާންސްފާ ހަބަރުތައް ހިތަށް އެރި ގޮތަކަށް ފަތުރާތީ ވަރަށް ބޮލަށް އުނދަގޫވޭ،" މެސީގެ ބައްޕަ ބުނެފައިވެއެވެ.

މެސީ މިވަގުތު ފަރިތަކުރަމުން އަންނަނީ އާޖެންޓީނާ ގެ ސްކޮޑާ އެކުގައެވެ. އާޖެންޓީނާ އިން ކުރިއަށް އޮތް ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗަށް ތައްޔާރުވަމުން އަންނައިރު، އެޓީމުން ނުކުންނާނީ ޕެރަގުއޭއާ ދެކޮޅަށެވެ. މިހާތަނަށް ކޮލިފިކޭޝަންގައި ކުޅުނު ހުރިހާ މެޗަކުންވެސް އާޖެންޓީނާ މޮޅުވެ، 100 ޕަސެންޓް ރެކޯޑެއް ދަމަހައްޓާފައި ވެއެވެ.