އައްޑޫ ސިޓީގައި ފުލުހުންގެ އޮފިސަރުންތަކެއް މީހަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީ ފޭދޫގައި ފުލުހުން މީހަކަށް އަނިޔާކުރި ކަމަށް ކަމަށް ކުރާ ތުހުމަތު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އިންޓާނަލީ ބަލަންޖެހޭ ކަންކަން ފުލުހުން ބަލާނެ ކަމަށާއި އަދި މިނިވަން މުއައްސަސާތަކުން ކުރިއަށްގެންދާ ތަހުގީގުތަކަށް ވެސް އެއްބާރުލުން ދޭނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އަނިޔާ ލިބުނު ކަމަށް ބުނާ މީހާގެ އާއިލާގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ. އޭނާގެ އާއިލާގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ 11:00 ހާއިރު ފޭދޫގެ މަގެއްގެ މަތީގައި ހުއްޓައި ފުލުހުންގެ އޮފިސަރުންތަކަކަށް އޭނާ ފެނިގެން ގަން ޕޮލިސް ސްޓޭޝަނަށް ގެންގޮސް ބިޑި އެޅުވުމަށްފަހު، އޭނާގެ ގައިގައި ތަޅައި، ޖިސްމާނީ އަނިޔާދީ، އޭނާގެ ކަންފަތް މަތީގައި ތަކުރާރުކޮށް ޖަހައި، އެތަނުގައި ތިބި ފުލުހުންގެ އޮފިސަރުންތަކެއް ބެޑް ޝީޓެއް ހިފައިގެން އައިސް، އެ ބެޑް ޝީޓުން އައްސައި، އެކޮޅުކޮޅުން ބާއްވާނެ ކަމަށް ބުނެ ބިރުދައްކާފައިވާ ކަމަށެވެ.

"އަޅުގަނޑުގެ ކޮއްކޮގެ ގައިގައި ޖެހިކަން އެއްވެސް މީހެއްގެ ކައިރީގައި ބުނެފިނަމަ އޭނާއަށް އިންޒާރުދީ، އަޅުގަނޑުގެ ކޮއްކޮގެ ގައިގައި ތަޅަން ޖެހުނީ، އެތަނުން އެއް އޮފިސަރެއްގެ 'އެނާޖީ ވޭސްޓް ވާތީ' ކަމަށް ސ. ގަން ޕޮލިސް ސްޓޭޝަންގެ އޮފިސަރުން ބުނި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އޮން ހިއުމަން ރައިޓްސް އެންޑް ޖެންޑާ އިން ބައްލަވައިދެއްވުމަށް އެދެމެވެ..،" އާއިލާގެ ފަރާތުން ޒުލައިހާ ޝީޒާ ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

އެ ސިޓީގައި ބުނެފައިވަނީ އިންޒާރުދިނުމަށްފަހު، ހިތަދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސް އޭނާ ގޮޅިއަކަށްލީ ކަމަށާއި އެވަގުތު އެ ގޮޅީގައި ބަހައްޓާފައި ހުރި އެހެން މީހަކު، އޭނާވެސް ބެޑް ޝީޓުން އެއްސުމަށްފަހު އެކޮޅުކޮޅުން ބާއްވައި، އޭނާގެ ގައިގައި ތެޅިކަމަށް ބުނެފައިވާ ކަމަށެވެ.

"10 ނޮވެމްބަރު 2020 ވަނަ ދުވަހުގެ ރޭގަނޑު 11:08 ގައި އަޅުގަނޑު ދައްތައަށް ސ. ހިތަދޫ ޕޮލިސް ސްޓޭޝަނުގެ އޮފިސަރަކު ގުޅައި، އަޅުގަނޑުގެ ކޮއްކޮ ކަސްޓޯޑިއަލުން ދޫކޮށްލަނީ ކަމަށާއި އޭނާއާ ހަވާލުވުމަށް އެންގުމުން، އަޅުގަނޑުގެ ދައްތަ އޭނާއާ ހަވާލުވާން ދިޔައިރު، އަޅުގަނޑުގެ ކޮއްކޮއަށް ޖިސްމާނީ އަނިޔާ ލިބިފައިވާތީ، 11 ނޮވެމްބަރު 2020 ގައި ސ. ފޭދޫ ސިއްހީ މަރުކަޒަށް ދެއްކުމުން، ސ. ގަން ޕޮލިސް ސްޓޭޝަނުގެ އޮފިސަރުންގެ ފަރާތުން ލިބުނު އަނިޔާގެ ސަބަބުން އޭނާގެ ވާތު ކަންފަތުގެ ތޫރި އިރައިގެން ގޮސްފައިވާ ކަމަށާއި އަދި ‘assault bu bodily force’ ވެފައިވާކަން ޑޮކްޓަރު ދީފައިވާ ލިޔުމުން ހާމާވާން އޮތްކަން ފާހަގަކުރަމެވެ..،" ޒުލައިހާ ޝީޒާ ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

އެ ސިޓީގައި އަނިޔާ ދިނުމުގައި ބައިވެރިވި ހުރިހާ އޮފިސަރުންގެ މައްސަލައާއި ހާލަތާ ނުބައްދަލު ޓޯޗާގެ އަމަލަކަށްވާ ލާއިންސާނީ އަނިޔާ ދީފައިވާ މައްސަލައާއި ފުލުހުންނަށް ލިބިފައިވާ ބާރު ނަހަމަ ގޮތުގައި ބޭނުންކޮށް، އެކޮޅުކޮޅުން ބާއްވައިގެން އަނިޔާކުރާނެ ކަމަށް ބިރުދެއްކި މައްސަލަ ބަލައިދިނުމަށް ވަނީ އެދިފައެވެ.