އަންނަ އަހަރުގެ ތެރޭގައި މާލޭގެ ހިތްފަސޭހަކަމާ ގުޅިފައިވާ ވަރަށް ގިނަ ކަންކަން ފެނިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ލޮނުޒިޔާރަތް ޕާކް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ އެއް ކަމަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ހޯދައިދިނުން ކަމަށާއި މި ޕާކަކީ ވަރަށް ފާހަގަކޮށްލެވޭ އެއް މަސައްކަތް ކަމަށެވެ. މާލޭގައި ހުސްބިންތައް އުފައްދައި އާއިލާގެ މެންބަރުންތައް އެކުގައި ހިތް އުފާކޮށްލަން ނުކުމެ އުޅޭނެ ޕާކުތަކާއި މައިޒާންތައް ހުރުމަކީ އާންމު ސިއްހަތު ރައްކާތެރި ކުރުމަށްޓަކައިވެސް ބޭނުންތެރި ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދު ހުޅުވުނު ޕާކުގެ ސަބަބުން މާލޭގައި ދިރިއުޅޭ ކުދިބޮޑު އެންމެންނަށް ހިތްފަސޭހަކަމާއި އުފާވެރިކަން ލިބިގެންދާނެ ކަމަށެވެ. އަދި މާލޭގެ ހިތްފަސޭހަކަން އިތުރުކޮށް މާލޭގެ މަގުތަކަކީ ހިނގާ މީހުންނަށާއި އެއްގަމު އުޅަނދު ދުއްވާ މީހުންނަށްވެސް ރައްކާތެރި އަމާން ތަނަކަށް ހެދުމަށްޓަކައި އިތުރު މަޝްރޫއުތައް ކުރިއަށްގެންދަން ރޭވިފައިވާ ކަަމަށެވެ.

"އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ތެރޭގައިވެސް މާލޭގެ ހިތްފަސޭހަކަމާ ގުޅިފައިވާ ކިތަންމެ ކަމެއް ފެންނަމުންދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑުގެ ސަބަބުން ރައްޔިތުން މިއަދު ތިބީ ވަރަށް ދަތި އުނދަގޫ ހާލަތެއްގައި ކަމަށާއި ޕާކުތަކާއި މައިޒާންތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމުގެ ފުރުސަތެއް މިއަދު ނެތް ކަމަށެވެ. އެހެންނަމަވެސް ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ވީވަރަކުން ޕާކުތަކާއި މައިޒާންތަކުގެ ބޭނުން ހިފުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ކޮވިޑުގެ ސަބަބުން މުޅި ދުނިޔޭގައިވެސް ނަފްސާނީ ބަލީގެ އަސަރުކުރާ މީހުން ވަނީ އިތުރުވެފައި. މިފަދަ ޕާކުތަކާއި ހުސްބިންތަކަށް ނުކުމެ ވަގުތު ހޭދަކުރުމަކީ ގިނަ ވަގުތު ގޭތެރޭގައި ތިބުމުން ކުރިމަތިވާ ހާސްކަމާއި ކަންބޮޑުވުންތަކަށް ލިބޭ ވަރަށް ބޮޑު ފަރުވާއަކަށްވާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލޭގެ ނުތަނަވަސްކަން ފިލުވައި، ހިތްފަސޭހަ މާހައުލަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް އަދިވެސް އެބަހުރި ކަމަށެވެ. އެއީ ހަމައެކަނި ޕާކުތައް ހެދުމާއި ޕާކް ކުރާނެ ޖަގަހަތައް ހެދުމެއް ނޫން ކަމަށާއި މާލެއަށް އުފަން ރައްޔިތުންނަށް މާލޭގެ ސަރަހައްދުން ބޯހިޔާވަހިކަން ހޯދައިދިނުމަކީވެސް މާލޭގެ މައްސަލަތަކަށް ބޭނުންވާ ވަރަށް އަވަސް ހައްލެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރަށް ސަރުކާރުން ކަނޑައެޅި މަޝްރޫއުތަކުގެ ތެރެއިން މާލެ ސަރަހައްދުގައި އެންމެ އިސްކަންދީގެން ކުރާނެ އެއް ކަމަކީ މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަސައްކަތުގެ އަމަލީބައި ކުރިއަށްގެންދިޔުން ކަމަށާއި އޭރުން މާލޭ ރައްޔިތުންގެ ވަރަށް ގިނަ ޝަކުވާތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.