ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ކޭޝް އެޖެންޓުން މެދުވެރިކޮށް ހިލޭ ފައިސާ ނެގޭ ގޮތް ހަދައިފި އެވެ.

މީގެ ކުރިން ބީއެމްއެލްގެ ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގެނީ 10 ރުފިޔާގެ ފީއަކާ އެކުއެވެ.

ބީއެމްއެލް އިން ބުނީ އިއްޔެއިން ފެށިގެން މިކަމަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން ބީއެމްއެލް އިން އިއްޔެ ގެނައި މި ބަދަލާއެކު ބީއެމްއެލް ޑެބިޓް ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް ދުވާލެއްގެ މައްޗަށް ކޭޝް އެޖެންޓުން މެދުވެރިކޮށް 2000 ރުފިޔާއާ ހަމައަށް ފައިސާ ނެގޭނެ ކަމަށާއި، މި ހިދުމަތަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ކޭޝް އެޖެންޓުންނަކީ 2014 ވަނަ އަހަރު ބީއެމްއެލް އިން ތައާރަފު ކުރި ހިދުމަތެކެވެ. މިހިދުމަތަކީ އޭޓީއެމް ނުހުންނަ ރަށްރަށުގައި އުޅޭ ރައްޔިތުންނަށް، އޭޓީއެމް ހުންނަ ރަށަކަށް ދަތުރުކުރުމަކާ ނުލައި ފަސޭހައިން ފައިސާ ނެގޭ ގޮތް ހަމަޖެއްސުމެވެ.

އެގޮތުން ބީއެމްއެލްގެ ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ހިދުމަތުގެ އިތުރުން، ފައިސާ ޖަމާ ކުރުން، ކްރެޑިޓް ކާޑަށް ފައިސާ ދެއްކުން އަދި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި ރާއްޖޭގެ އެކި ރަށްރަށުގައި ތިބޭ ޖުމުލަ 200 ކޭޝް އެޖެންޓުންގެ ތެރެއިން މި ހިދުމަތްތައް ދެނީ 40 ކޭޝް އެޖެންޓުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.