Close
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"މިދިޔަ ދެ އަހަރުގެ އެންމެ ބޮޑު އެއް ކާމިޔާބަކީ ހީނަރުވެފައި އޮތް ޚާރިޖީގުޅުން ހަރުދަނާކޮށް ރަނގަޅުކުރެވުން"

މިދިޔަ ދެ އަހަރުގެ އެންމެ ބޮޑު އެއް ކާމިޔާބަކީ ހީނަރުވެފައި އޮތް ޚާރިޖީގުޅުން ހަރުދަނާކޮށް ރަނގަޅުކުރެވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދިވެހި ގައުމާ މުހާތަބު ކުރައްވައި ރައީސް ސޯލިހު މިއަދު ވިދާޅުވީ މިދިޔަ ދެ އަހަރުވެސް ބައިނަލްއަގުވާމީ ދާއިރާއިން ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ހާސިލުކުރެވުނު ކަމަށެވެ.

އެގޮތުން ހީނަރުވެފައި އޮތް ހާރިޖީ ގުޅުންތައް އަލުން ހަރުދަނާ ކުރެވި ބައިނަލްއަގުވާމީ މުޖުތަމައާއެކު ގާތް ގުޅުމެއް އުފެދިގެންދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އޭގެ ހެޔޮ ނަތީޖާ ވެސް ފެންނަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ރައީސް އެހެން ވިދާޅުވި އިރު، މި ސަރުކާރުގެ ދެ އަހަރު ދުވަހުގެ ތެރޭގައި ގިނަ ގައުމުތަކަކާ ވަނީ ގުޅުންތައް ގާއިމްކޮށްފަ އެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުގައި އިންޑިއާ އާއި ސްރީލަންކާއިން ވިސާގެ ބޮޑު ލުއިތަކެއް ދިވެހިންނަށް ވަނީ ދީފަ އެވެ. ޔޫއޭއީ، ރަޝިއާ، ތައިލެންޑް، މޮރޮކޯއަށް ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމު ވެސް ހަމަޖެހިގެންދިޔަ އެވެ.

އޭގެ އިތުރުން ކޮވިޑް-19ގެ ހާލަތުގައި ބޭރުގެ ގިނަ ގައުމުތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުން ރާއްޖެއަށް ދިން އެހީތެރިކަން ވެސް ފާހަގަކުރެވެ އެވެ.

ސަރުކާރުގެ ދެ އަހަރުގެ ކާމިޔާބީތައް ފާހަގަކުރައްވަމުން އެމަނިކުފާނު އިތުރަށް ވިދާޅުވީ، މިދިޔަ ދެ އަހަރުގެ ތެރޭގައި ރައްޔިތުންނަށް ލިބިދެވުނު އެންމެ ބޮޑު އިންސާނީ ހައްގަކީ އަދި ހޯދައިދެވުނު އެންމެ ބޮޑު ކުރިއެރުމަކީ، ހަމަޖެހުމާއި ސުލްހަ މަސަލަސްކަމާއެކު، ދިރިއުޅެވޭނެ މާހައުލެއް ގާއިމްކޮށްދެވުން ކަމަށެވެ.

އެކަމުގައި ރާއްޖޭގެ ގައުމީ ދިފައީ ބާރާއި ދިވެހި ފުލުހުން އަދާކުރި މުހިންމު ދައުރު ފާހަގަކޮށް، ދިވެހި ސިފައިންނާއި ފުލުހުންނަށް އެމަނިކުފާނު ހާއްސަ ޝުކުރެއް އަދާކުރި އެވެ.