Close
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކުރީގެ އެއްވެސް ސަރުކާރެއްގައި ނުހިންގާހާ ގިނަ ތަރައްގީގެ މަޝްރޫއު މި ދެއަހަރު ތެރޭ ހިންގަމުން އެބަދޭ: ރައީސް

ކުރީގެ އެއްވެސް ސަރުކާރެއްގައި ނުހިންގާހާ ގިނަ ތަރައްގީގެ މަޝްރޫއު މި ދެއަހަރު ތެރޭ ހިންގަމުން އެބަދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދިވެހި ގައުމާ މުހާތަބު ކުރައްވައި ރައީސް ސޯލިހު މިއަދު ވިދާޅުވީ، ކޮވިޑް-19އާ ހެދި ތަރައްގީގެ މަޝްރޫއުތަކުގެ އިސްކަންދޭ ތަރުތީބަށް ވެސް ބަދަލުގެންނަން ޖެހުނު ކަމަށެވެ.

ނަމަވެސް، ދައުލަތް ހިންގުމުގެ ހަރަދުތައް ކުޑަކޮށްގެންވިޔަސް، ސަރުކާރުގެ މަގުސަދަކަށްވީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، އަސާސީ ހިދުމަތްތަކަށާއި ރައްޔިތުންނަށް ލިބެންވާ ހިމާޔަތާއި ރައްކާތެރިކަމަށް އެއްވެސް ހީނަރުކަމެއް އަޔަނުދީ، ގައުމު ހިންގަމުން ދިއުން ކަމަށް ވިދާޅުވި އެވެ.

އެގޮތުން ގައުމީ ތަރައްގީގެ 372 މަޝްރޫއެއް މިހާތަނަށް ފަށާފައިވާއިރު، ޖުމްލަ 154 މަޝްރޫއެއް މިހާރު ވެސް ހިނގަމުން އެބަދާކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި އިތުރު 156 މަޝްރޫއެއް ފެށުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"މިއީ މީގެ ކުރީގެ އެއްވެސް ސަރުކާރެއްގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ނުހިންގާހާ ގިނަ އަދަދެއްގެ މަޝްރޫއުތަކެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީކުރާއިރު، ސަރުކާރުގެ އަމާޒުން މާލެ ކައްސާލައިގެން ނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރު ސަރުކާރުން ކުރާނެ އެންމެ މުހިންމު މަސައްކަތަކީ، އަމިއްލަ ބޯހިޔާވަހިކަމެއް ނެތް، މާލެއަށް އުފަން ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ހާއްސަ މަޝްރޫއުތަކެއް މާލެ ސަރަހައްދުގައި ފެށުން ކަމަށް ވިދާޅުވި އެވެ.