އެމްއެންޑީ ކާޕެންޓްރީގެ ވެރިފަރާތް ކަމުގައިވާ ނ.ހޮޅުދޫ ސައިމާގެ، އަހުމަދު ހަމީދަށް 34،750 ރުފިޔާ ދެއްކުމަށް ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.
މިމައްސަލައަކީ، ނޯދަން ޔުޓިލިޓީޒް ލިމިޓެޑް(މިހާރުގެ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް) ގައި އެންއެމްޑީ ކާޕެންޓްރީ/އަހުމަދު ހަމީދު ޅ./ފެލިވަރުގައި ކޮށްފައިވާ މަސައްކަތަށް ލިބެންޖެހޭ 34،750 ރުފިޔާ އާއި، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުން ލިބެމުންދާ ގެއްލުމުގެ ބަދަލެއްގެ ގޮތުން 17 އޯގަސްޓް 2011 އިން 1 ނޮވެމްބަރު 2012 އަށް 442 ދުވަހުގެ ޖުރިމަނާގެ ގޮތުގައި ފަސްޕަސެންޓަށްވާ 767،975 ރުފިޔާ އާއި އެކު ޖުމްލަ 802،725 ރުފިޔާ ހޯދުމަށް އެދި ނޯދަން ޔުޓިލިޓީސް ލިމިޓެޑްގެ މައްޗަށް އަހުމަދު ހަމީދު ހުށަހެޅުމުން ބަލާފައިވާ މައްސަލައެކެވެ.
މި މައްސލައިގައި، ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ، 802،725 ރުފިޔާއަކީ، ދައުވާ ލިބޭ ފަރާތުން ދައުވާ ކުރާ ފަރާތް ކަމުގައިވާ، އަހުމަދު ހަމީދަށް ދައްކަންޖެހި ނުދައްކައި އޮތް ފައިސާކަން ޝަރީއަތަށް ސާބިތު ވެއްޖެ ކަމަށް ކަނޑައަޅައި، އެ ފައިސާ އަހުމަދު ހަމީދަށް ލިބިދިނުމުގެ ގޮތުން، 26 އޯގަސްޓް 2015 ވަނަ ދުވަހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި އެ މަހަކަށް ޖެހޭ ވަރަށްވުރެން މަދުނޫން އަދަދެއް ސިވިލްކޯޓަށް އެއްކޮށް ދައްކައި، ހަލާސް ކުރުމަށް އަންގާ ކަމަށެވެ.
އެހުކުމާ ގުޅީގެން، ސިވިލްކޯޓުން އެ ގަޒިއްޔާ ނިންމާފައި ވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތަށްނޫން ކަމަށްބުނެ ފެނަކަ ކޯޕަރޭޝަނުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ހައިކޯޓުން އެ މައްސަލަ ބަލައި މިއަދު ކޮށްފައިވާ ހުކުމްގައި ވަނީ، ސިވިލްކޯޓުގެ ހުކުމް ބާތިލްކޮށް، ފެނަކަ ކޯޕަރޭޝަން ލިމިޓެޑު
(ކުރީގެ ނޯދަން ޔުޓިލިޓީޒް ލިމިޓެޑް) ގެ ޅ. ފެލިވަރު އޮފީހުގައި ޕާޓިޝަނެއް ޖެހުމުގެ މަސައްކަތުގެ އަގުގެ ގޮތުގައި އެމްއެންޑީ ކާޕެންޓްރީގެ ވެރިފަރާތް ކަމުގައިވާ ނ.ހޮޅުދ /ސައިމާގެ، އަހުމަދު ހަމީދާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ދެމެދު އެއްބަސްވެފައިވާ 34،750ރުފިޔާ އަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އަހުމަދު ހަމީދަށް ދައްކަންޖެހި ނުދައްކައިވާ ފައިސާކަން ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ފައިސާ އަހުމަދު ހަމީދަށް ލިބި ދިނުމަށްޓަކައި، މިއަދުންފެށިގެން އެއްމަސްދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް އެ ފައިސާ ދައްކައި ހަލާސް ކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް އަންގައި، ހުކުމް ކޮށްފިން،" ކަމަށެވެ.
ހައިކޯޓު
ހައިކޯޓު
ހައިކޯޓު