ޅ. ނައިފަރު މަގުތައް ހެދުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި 1.5 މިލިއަން ރުފިޔާ ހިމަނައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި 34.7 ބިލިއަން ރުފިޔާގެ ބަޖެޓުގައި ނައިފަރު މަގުތައް ހެދުމަށް ކަނޑައަޅާފައިވާއިރު އެރަށުގެ މަގުތަކުގެ ހާލަތު ދަށްވުމުގެ ކަންބޮޑުވުން އެރަށުގެ ރައްޔިތުން ފާޅުކުރަމުން އަންނަތާ ވަނީ ގިނަ އަހަރުތަކެއް ވެފައެވެ.

ބޮޑު އާބާދީއެއް އޮންނަ ނައިފަރުގެ މަގުތަކުގެ ހާލަތު ރަނގަޅުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އަންނަ އަހަރަށް ލަފާކުރާ ބެޖެޓުގެ ތަފްސީލުގައިވާ ގޮތުން ނައިފަރު މަގުހެދުމުގެ މަޝްރޫއު މިހާރު އޮތީ ޕްރީ ޓެންޑަރިން މަރުހަލާގައެވެ.

ނައިފަރު މަގުތަކުގެ ހާލަތު ކިޔައިދެއްވަމުން ނައިފަރު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝާހިދު މީގެ ކުރިން ވިދާޅުވީ، ވިއްސާރަ މޫސުމެއް ނަމަ އެރަށުގެ ގިނަ މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ ޗަކަ ހެދޭ ކަމަށެވެ. ހާއްސަކޮށް ސްކޫލު ސަރަހައްދާއި ރަށުގެ އޮފީސް ހުންނަ ސަރަހައްދުގައި ފެންބޮޑުވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި މަގުހެދުމުގެ މަޝްރޫއުތަކަށް ޖުމްލަ 409 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.