ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ޕްރޮމޯޓު ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 154.2 މިލިއަން ރުފިޔާ ހިމަނައިފައެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 34,787,720,151 (34.7 ބިލިއަން) ރުފިޔާގެ ބަޖެޓެކެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ބުނީ، ރާއްޖޭގެ އުފެއްދުންތެރިކަމުގެ 25 އިންސައްތަ ސީދާ ގޮތެއްގައި ހިއްސާ ކުރަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައިވެސް ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ޕްރޮމޯޓްކުރުމަށް ގިނަ ކަންތައްތަކެއް ހިމަނާފައިވާނެ ކަމަށެވެ.

މިއަހަރުގެ ބަޖެޓުގައިވެސް ފަތުރުވެރިކަން ކުރިއަރުވައި ޕްރޮމޯޓު ކުރުމަށް ދީފައިވަނީ 154 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އެއްކޮށް ހުއްޓުމަކަށް އައިސްފަައި އޮތުމަށް ފަހު ބޯޑަރުތައް ހުޅުވާލައި ފަތުރިވެރިކަން އަލުން ފަށާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.

މިދިޔަ އަހަރު 1.7 މިލިއަން ފަތުރުވެރިން ރާއްޖެ އައި ނަމަވެސް ކޮވިޑުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އައި ހީނަރުކަމުގެ ސަބަބުން މިއަހަަރު އަންނާނެ ކަމަށް ލަފާކޮށްފައިވަނީ 500،000 ފަތުރުވެރިންނެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު އެއް މިލިއަން ފަތުރިވެރިން ރާއްޖެ ގެނައުމެވެ.